ދަތުގެ ޞއްޙަތުގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ކޮންމެ ރައްޔިތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ މަގު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ސަރުކާރުން ފޯރުކޮށްދެމުންދާ ދަތުގެ ޚިދުމަތުގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފުގެ ވާހަކަފުޅުގައި، ރާއްޖޭގެ ދަތުގެ ޞިއްޙަތުގެ ދާއިރާ މިއަދު އޮތް ހާލަތަށް ގެނައުމަށް އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނުކަން ފާހަގަކުރެއްވިއެވެ. ކުރިން ރާއްޖޭގައި ދަތުގެ ޚާއްޞަ ފަރުވާތައް ލިބެން ނެތުމުގެ ސަބަބުން ގިނަ ބަޔަކު ބޭރަށް ދާންޖެހުނު ނަމަވެސް، މިއަދު އެ ހާލަތު ބަދަލުވެ، ދިވެހި ސްޕެޝަލިސްޓުން ސަރުކާރުގެ ޚިދުމަތުގައި ތިއްބެވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދަތުގެ ފަރުވާ ހަމައެކަނި މާލެއަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ 15 އަތޮޅެއްގައި ފުރިހަމަ ވަސީލަތްތަކާއެކު ޑެންޓަލް ޔުނިޓްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ނައިބު ރައީސް ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން އައު ޑެންޓަލް ލެބޯޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ޚިދުމަތްތައް ތަރައްޤީކުރުމާ އެކުއެކީގައި، އަނގައިގެ ޞިއްޙަތަށް ރައްކާތެރިވުމަށް ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. ދަތާ އަނގައިގެ ޞިއްޙަތަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމާ ގުޅިފައިވާ އަސާސީ ބަޔަކަށްވާތީ، މިކަމަށް އާއްމުން ހޭލުންތެރިކުރުމަށް ޤައުމީ ފެންވަރުގެ ކެމްޕެއިންތައް ސްކޫލްތަކާއި މުޖުތަމަޢުގައި ފުޅާކުރުމަކީ ބޭނުންތެރިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ޚިދުމަތްތައް ފުޅާކުރުމަށާއި، ކޮންމެ ރައްޔިތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ދަތުގެފަރުވާ ލިބޭނެ މަގު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ދޭ ސަމާލުކަން އިތުރުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން. މިއަދު މި ފާހަގަކުރާ މުހިންމު މުނާސަބަތަކީ، ކުރިމަގުގައި އާ ފެށުމަކަށް ހަދައި، ކުރިއަށް އޮތް އަހަރުތަކަކީ ދަތުގެ ފަރުވާގެ ދާއިރާއިން އާ އީޖާދުތަކާއި، ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ އަހަރުތަކަކަށް ހެދުމަށް މަސައްކަތްކުރެއްވުމަށް އެންމެހައި ފަންނީ ބޭފުޅުންގެ އަރިހުން އިލްތިމާސްކުރަން." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، މި ދާއިރާގެ ފަންނީ ބޭފުޅުން އައު އީޖާދުތަކާއި ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ އުއްމީދަކީ ރާއްޖޭގެ ދަތުގެ ފަރުވާގެ ޚިދުމަތްތައް ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ޒަމާނީ ޚިދުމަތްތަކަކަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.
ދަތުގެ ފެންވަރު ރަނގަޅު ޚިދުމަތް ކަށަވަރުކޮށްދޭނަން: ނައިބު ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ