ޖެނީވާގައި ކުރިއަށްދިޔަ އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުން ސަރުކާރުން އިސްކަންދޭ އެކިއެކި ދާއިރާތަކުން ޤައުމީ ބަޔާންތައް ދީ، ގިނަ އަދަދެއްގެ ގަރާރުތަކެއް ކޯ-ސްޕޮންސަރކޮށްފިއެވެ.
މި ބައްދަލުވުމުގައި މެންބަރު ޤައުމުތަކުން ހުށަހެޅި 28 ގަރާރެއް ފާސްކޮށްފައިވާއިރު، ކައުންސިލްގެ ދަށުން ކަނޑައަޅާފައިވާ ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑަރުންގެ މަޤާމަށް 4 ފަރާތެއް ވަނީ އައްޔަންކޮށްފައެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުގެ ބައްދަލުވުމުގައިވެސް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ސަރުކާރުން އިސްކަންދޭ އެކިއެކި ދާއިރާއިން ޤައުމީ ބަޔާންތައް ދީ، ގިނަ ޢަދަދެއްގެ ޤަރާރުތަކެއް ކޯ-ސްޕޮންސަރކޮށްފައެވެ. ރާއްޖެއިން ވަނީ ފަލަޞްތީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އ.ދ. ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެދުއިރުމަތީގައި ދެމެހެއްޓެނިވި ހަމަޖެހުން ޤާއިމުކުރުމަށް ގޮވާލާފައެވެ.
މި ސެޝަންގައި ދިވެހިރާއްޖެއިން ވަނީ "އިންޑިޕެންޑެންސް އެންޑް އިމްޕަރޝަލިޓީ އޮފް ދަ ޖުޑިޝަރީ، ޖޫރަރސް އެންޑް އެސެސަރސް، އެންޑް ދަ އިންޑިޕެންޑެންސް އޮފް ލޯޔަރސް: މެންޑޭޓް އޮފް ދަ ސްޕެޝަލް ރެޕަޓުއަރ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔަރސް" ގެ ނަމުގައި ޤަރާރެއް ހުށަހަޅާފައެވެ.
ކޯ-ގްރޫޕުގެ އެހެން މެންބަރުންނާއެކު ކުރެވުނު މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިޤަރާރު ވަނީ 60 އަށްވުރެ ގިނަ މެންބަރުންގެ ކޯ-ސްޕޮންސަރޝިޕްއާއެކު، ކައުންސިލްގެ ފުރިހަމަ އަޣުލަބިއްތުން ފާސްވެފައެވެ.
މި ސެޝަންގައި ރާއްޖެއިން ވަނީ ޞިއްޙީ އަދި ތަޢުލީމީ ދާއިރާއާއި، އަންހެނުން ބާރުވެރިކުރުމާއި، ޑިޖިޓަލް އަދި ސައިބަރސެކިއުރިޓީގެ ދާއިރާއާ ގުޅޭ މުހިންމު އެތައް ޤަރާރުތައް ކޯސްޕޮންސަރކޮށް، އިންސާނީ ޙައްޤުތައް ކުރިއަރުވައި ދެމެހެއްޓުމަށް ރާއްޖެއިން ހިފާފައިވާ ޢަޒުމް ރަމްޒުކޮށްދީފައެވެ.
މީގެ އިތުރުން ރާއްޖެ ހިމެނޭ އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން އޯއައިސީއާއި ނަން-އަލައިންޑް މޫވްމެންޓް، ނާމްގެ ޖޮއިންޓް ސްޓޭޓްމަންތަކާއި ޤަރާރުތައްވެސް ރާއްޖެއިން ވަނީ ކޯ-ސްޕޮންސަރކޮށްފައެވެ. އަދި ރާއްޖެއިން ވަނީ ކުދި ޤައުމުތަކަށް ދިމާވެފައިވާ ޞިއްޙީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި، އެގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފަންނީ އަދި މާލީ އެހީތެރިކަމަށް ގޮވާލައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ޖޮއިންޓް ސްޓޭޓްމަންޓްއެއް ދީފައެވެ.
އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖެއިން އިސްނަގައިގެން މިސެޝަންގައި ޚާއްސަ ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ. "އަ ސްމޯލް އައިލެންޑްސް ސްޓޯރީ: 20 ޔިއަރސް އޮފް އެޑްވޮކަސީ އެންޑް އިންފްލުއެންސް އެޓް ދަ ހިއުމަން ރައިޓްސް ކައުންސިލް" މި ޝިޢާރުގެ ދަށުން ބޭއްވުނު މި ހަރަކާތް ބަހާމާސް، ފީޖީ، ފިންލެންޑް، މާޝަލް އައިލެންޑްސް އަދި ވަނުއާޓޫގެ އިތުރުން ޔުނިވަރސަލް ރައިޓްސް ގްރޫޕާއި އެސެކްސް ހިއުމަން ރައިޓްސް ސެންޓަރއިންވެސް ވަނީ ކޯ-ސްޕޮންސަރކޮށް ރާއްޖެއަށް އެއްބާރުލުން ދީފައެވެ. މިއީ ފާއިތުވެދިޔަ 20 އަހަރުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގައި އަދާކޮށްފައިވާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލުމަށް ބޭއްވި ހަރަކާތެކެވެ.
އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވި ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، ކައުންސެލަރ އާދަމް ޙާމިދާއި، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމާއި، ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާހީންއާއި، އެޓާޗޭ މުޙައްމަދު ރާއިދު ސައީދެވެ.
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ރާއްޖެއިން މުހިއްމު ދައުރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ