8 ގައުމަކުން 347 ކުޅުންތެރިންނާ އެކު، ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން މާދަމާ ފަށަނީ

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025 ބެޑްމިންޓަން މުބާރާތް މާދަމާ، އެކުވެނި ބެޑްމިންޓަން ހޯލުގައި ފަށަން ތައްޔާރުވެއްޖެއެވެ. ދަ ބެޑްމިންޓަން ކްލަބްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތް، މި އަހަރުގެ ސެޕްޓެންބަރު ހައެއްގެ ނިޔަލަށް ކުރިއަށްދާނެއެވެ. ޖުމުލަ އަށް ގައުމަކުން 347 ކުޅުންތެރިން ބައިވެރިވާ، މި ފޯރިގަދަ މުބާރާތަކީ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ރަނގަޅު ފުރުސަތެއް ލިބޭނެ މުބާރާތެއް ކަމަށް ދިރާގުން ބުންޏެވެ. މީގެ ތެރޭގައި 30 ބައިނަލްއަގުވާމީ ކުޅުންތެރިން ހިމެނޭއިރު، ޖުމުލަ 733 މެޗު ކުޅޭނެއެވެ. މި މުބާރާތް ކުރިއަށްދާނީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ، ނުވަ އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. މީގެ އިތުރުން، އޯޕަން ކެޓަގަރީއާއި ޕެރަ/ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ ވެސް މި މުބާރާތުގައި ހިމެނޭނެއެވެ. މިއީ ހުރިހާ ފެންވަރެއްގެ ކުޅުންތެރިންނަށް ވެސް ބައިވެރިވެ، ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމެއް ކަމަށް ދިރާގުން ބުނެއެވެ. މި މުބާރާތުގެ މައި ސްޕޮންސަރަކީ ދިރާގު ކަމަށްވާއިރު، ދިރާގަކީ ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ދިރާގުން އަބަދު ވެސް މަސައްކަތްކުރަމުން އަންނަކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ