19 ވަނަ ބަޔާ ގުޅޭ
ފޯނުގައިވާ ގަޑިއަށް ބަލައިލުމަށްފަހު އިޒްކާ އަނެއްކާވެސް ރެސްޓޯރަންޓުގެ ވަށައިގެން ހޯދައިލި އެވެ. ނަދާލް އައުން މާ ބޮޑަށްވެސް ލަސްވެއްޖެހެން ހީވުމުން ލަސް ފިޔަވަޅުތަކެއްގައި ފާހަނަބަރިއާ ދިމާލަށް ހިނގައިގަތެވެ. ފިރިހެން ފާހަނައިގެ ދޮރުގައި ޓަކި ޖަހައިލުމަށް ހިއްލައިލި އަތް ތިރިކޮށްލެވުނީ އެވަގުތު އެތެރެއިން އިވުނު ވާހަކަތަކެއްގެ ސަބަބުންނެވެ.
"ލޫނާ.. ލޫނާ.. ޝި*.. ލޫނާ އައިމް ސޮރީ. އައި ޑިޑިންޓް މީން އިޓް ލޫނާ... އައިމް ސޯ ސޮރީ.. ޔޫ ޑިޑިންޓް ސެޑިއުސް މީ.. އައި ވޯންޓަޑް އިޓް.. އިޓް ވޯޒް މިއުޗުއަލް.. ލޫނާ" އައިލީންއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ނަދާލް ބުންޏެވެ. ނަމަވެސް އައިލީން އަތް ދަމައިލަމުން ނަދާލް އިތުރަށް އޭނާއާ ގާތަށް އައުން މަނާކުރި އެވެ.
"ނޯ.. ނަދާލްއަށް އޮޅިގެންވިޔަސް ތި ބުނެވުނީ ރަނގަޅަށް.. އަހަރެން.." އައިލީންއަށް ވާހަކަ ކުރިއަށް ގެންދެވޭ ގޮތް ނުވީ އަރުބެދެން ފެށުމުންނެވެ. އެތައް އިރެއްގެ މަސައްކަތުން އޭނާ ހިންދައިލި ކަރުނަތައް އަނެއްކާވެސް އެ ކޯތާފަތުގައި ބޮސްދޭން ފަށައިފި އެވެ.
"ލޫނާ.. ލޫނާ ޕްލީޒް. އައިމް ސޮރީއޭ.. ޕްލީޒް ސްޓޮޕް ކްރައިންގް" އައިލީންގެ ނުރުހުމުގައި އައިލީންގެ ގައިގައި އަތްލެވިދާނެ ކަމުގެ ބިރަށް ފަޓުލޫނުގެ ދެޖީބަށް ޖަހައިލި ދެއަތް މުށްކަވައިލަމުން ނަދާލް ބުންޏެވެ.
"ނޯ އިޓްސް ޓްރޫ. ހުރިހާ ކަމެއްގަވެސް އިސްނެގީ އަހަރެން. ގޯސް ހެދުނީ އަހަރެންނަށް. ނަދާލްއަކަށް ނޭނގޭނެ އަހަރެން ގިލްޓީ ފީލް ވާ ވަރެއް. ނަދާލް ހީކުރަނީ އަހަރެން ދެރަވެ ހިތް ހަލާކުވެގެން މި އުޅެނީ ނަދާލް އަހަރެން ދޫކޮށްލީމަ ކަމަށްތަ؟ ތެދެއް.. ދެރަވޭ.. އުނދަގޫވޭ ނަދާލް އިޒޫއާއެކު ފެނުނީމަ.. އެކަމަކު" އައިލީންގެ ވާހަކަ އެސިސާބަށް ދިޔައިރު ބޭރުގައިހުރި އިޒްކާގެ ދެލޯ ފެންކަޅިވާން ފަށައިފި އެވެ. ގަބޫލުކުރަން ބޭނުން ނުވި ކަމުގައިވިޔަސް ނަދާލް އޭނާއަށް ބޭވަފާތެރި ވެއްޖެކަން ޔަގީން ކުރެވިއްޖެ އެވެ. އިތުރަށް އެ ވާހަކަތައް އަޑުއަހާނެހާ ހިތްވަރު ނެތުމުން އޭނާ އަވަސް އަވަހަށް އެތަނުން ދުރަށް ހިނގައިގަތެވެ.
"އެކަމަކު އަހަރެން އެންމެ ފަހަރަކުވެސް އެ ޝަކުވާ ނަދާލްގާތު ކުރިންތަ؟ އެއަށްވުރެން ބޮޑަށް އަހަރެން މިހިރީ ދެރަވެ ލަދުގަނެފަ. ނޭނގި ނަމަވެސް ތި ދެމީހުންގެ ދެމެދަށް ވަދެވުނީ އަހަރެންނަށް ކަމަށް ވާތީ.. މީގެ އަހަރުތަކެއް ކުރިން އަހަރެންގެ މައިންބަފައިން އުޅެމުންދިޔަ އުފާވެރި ދިރިއުޅުމުގެ ހަލާކަކަށްވެސް ވީ ހަމަ އަހަރެންކަހަލަ އަންހެނެއް.. އޭރު އަހަރެން އޭނަދެކެ ހާދަ ރުޅިއައޭ.. މިއަދު ކޮބާ އަހަރެންނާ އޭނައާ ހުރި ތަފާތަކީ؟ މި ހުރިހާ އެއްޗެއް ހިތަށް އެރީމަ އަހަރެންގެ ސިކުނޑި ފަޅައިގެން ދާކަހަލަ" ގިސްލުމުގެ ތެރެއިން އައިލީންގެ ހިތުގައިވި ހުރިހާ އުދާހެއް ނަދާލްގެ ކުރިމަތީގައި ބަންޑުންކޮށްލި އެވެ. "އާދޭސްކޮށްފަ މި ބުނީ.. ނަދާލް ޕްލީޒް ތިގޮތަށް ނޫޅެފާނަންތަ؟ އަހަރެންނަށް ހާދަ އުނދަގޫވެޔޭ. ހަގީގަތް އެނގުނު ހިސާބުން ފެށިގެން އަހަރެން މި މަސައްކަތް ކުރަނީ ނަދާލްއާ ދުރަށްދާށޭ.. ހެޔޮނުވާނެ އިތުރަށް އަހަރެންގެ ފަހަތުން ތިހެން ނޫޅެބަލަ. އިޒްކާއަށް އެއްވެސް ވާހަކައެއް ކިޔައިނުދީ އަހަރެން މި ހުންނަނީވެސް އިތުރަށް އެ ކުއްޖާގެ ހިތް ހަލާކުވާން ނޭދޭތީ.. ހަގީގަތް އެނގިހުރެމެ ނަދާލް ތި ދައްކާ ދަޅައިގަ ޖެހިގެން އަހަރެންނަށް އިތުރު މިސްޓޭކެއް ހެދުނިއްޔާ އަހަރެން އެ ގިލްޓާއެކު ދިރިއުޅޭނީ ކިހިނެއް؟"
އައިލީންގެ ވާހަކަ ނިމުނުއިރު ނަދާލްއަށް ހުރެވުނީ ބަސްހުއްޓިފަ އެވެ. ރޮއެރޮއެ ގޮސް ރަތްވެފައިވާ އައިލީންގެ މޫނަށް ބަލަހައްޓައިގެނެވެ. އައިލީން އަމިއްލައަށް ސިންކުގެ ކައިރިއަށްގޮސް މޫނު ސާފުކޮށްލައިގެން ފާހަނައިން ނުކުތްއިރުވެސް ނަދާލްއަށް ހުރި ފިޔަވަޅުމަތީ ހުއްޓިފައި ހުރެވުނީ އެވެ. ހަރަކާތެއްވެސް ކޮށްލަން އެނގުނީ އޭގެ މިނެޓެއްހާއިރު ފަހުންނެވެ. އެތެރެއަށް ދަމައިލި ފުން ނޭވާއާއެކު ނަދާލް އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލި އެވެ. ދެން ފެނުނީ އެންމެ ކައިރީގަހުރި ދޮރުފަތުގައި ބަންލާފައި ފައިން ޖެހުމާއެކު އެ ނޭވާ ދޫކޮށްލިތަނެވެ. އޭނާ ފާހަނައިން ނުކުތްއިރު އިވިގެންދިޔަ ބާރު އަޑުފަށްގަނޑުގެ ސަބަބުން އެތަނަށް އައި މުވައްޒަފަކު ބޭރުގައި ހުއްޓެވެ. ނަދާލް ގަދަކަމުން ކަހަލަ ގޮތަކަށް އެމީހަކަށް ހިނިތުންވެލުމަށްފަހު އާދައިގެ ހިނގުމެއްގައިގޮސް އިޒްކާގާތު އިށީނެވެ.
"ޔޫ އޯކޭ؟" އައިލީންގެ މޫނު ފެނުމާއެކު ރާހިލްއަށް ކަމެއް ގޯސްވެއްޖެކަން ޔަގީން ކުރެވުނެވެ. އެކަން ކަށަވަރުވީ ޖެހިގެން ހުރި މޭޒުގައި އިށީން ފިރިހެންމީހާއާ ދުރަށް އައިލީންގެ މޫނު އަނބުރައިލިތަން ފެނުމުންނެވެ.
"ލީން؟ އިޒް ހީ ބޮދަރިންގް ޔޫ؟ އޭނަ ކަމެއް ކުރީތަ؟" ނުރުހުމުގެ ނަޒަރަކުން ނަދާލްއަށް ބަލައިލަމުން ރާހިލް ވާހަކަދެއްކި އެވެ.
"ނޯ ދެންމެ.. ދެންމެ ކުޑަކޮށް ހޮޑުލެވުނީމަ.. ވަރަށް އުނދަގޫވެފަ މި އިންނަނީ.. ގެއަށްދާން ބޭނުމީ" އައިލީން މޮޅު ވާހަކައެއް ހަދައިލި އެވެ.
"އޯކޭ ލެޓްސް ގޯ.. ލީން ދޭ ތިރިއަށް. ބޭބެ އަންނާނަން ޕޭ ކޮށްލާފަ އިނގޭ"
އައިލީން ހީވީ ރާހިލް އެހެން ނުބުނެގެން އިންހެނެވެ. އަވަސް އަވަހަށް ދަބަސް ހިފައިގެން ލިފްޓާ ދިމާލަށް ހިނގައިގަތްއިރު އެ މަންޒަރު ބަލަން އިން ނަދާލްގެ ނިތްކުރިއަށް އަރައިގެންދިޔަ ރޫތައް އިޒްކާއަށް ފެނުނެވެ. އޭނާއަށް މިހާރު ކަންތައްތައް ހިނގައިފައިވާ ގޮތް ވަރަށް ރަނގަޅަށް ރޭކައިލާން ފަށައިފި އެވެ. ނަދާލް އެކުއްޖަކާހެދި ވެފައިހުރި ވަރު އިޒްކާއަށް އަންދާޒާ ކޮށްލެވުނެވެ. ނަދާލް އަދިވެސް އެކުއްޖާ ބޭނުން ނޫންނަމަ އޭނާއަށް އިވުންފަދަ އާދޭހުގެ ރާގެއްގައި ނަދާލް އެކުއްޖެއްގެ ގާތުން މަޢާފަށް އެދެންވީ ސަބަބެއް ނެތެވެ. އެހެންކަމުން އެ މައުލޫއާއެކު ނަދާލްއާ ކުރިމަތިލައިފިނަމަ އޭނާއަށް ނަދާލް ގެއްލިދާނެކަމުގެ ބިރު އިޒްކާގެ ހިތުގައި އުފަންވެގަތެވެ. އެއީ އެތައް ދުވަހެއްގެ މަސައްކަތުން އޭނާއަށް ހާސިލްކުރެވުނު އޭނާގެ އަލަތު ލޯތްބެވެ. އިޝްގީ ލޯތްބަކީ ކޯއްޗެއްކަން ނުވިސްނޭހާ ތުއްތު އިރުއްސުރެން އޭނާގެ ހިތުގައި ނަދާލްއަށް ހާއްސަކަމެއް ދެވިފައިވެ އެވެ. އެހެންކަމުން ހަގީގަތް ފަޅާ އެރުމަށްފަހުގައިވެސް ނަދާލް ދޫކޮށްލުމަކީ އިޒްކާއަށް ކުޅަދާނަ ކަމަކަށް ނުވި އެވެ. އޭނާ އިޙްތިޔާރުކުރީ ފެންނަ މަންޒަރު ނުފެންނަކަމަށް އަދި އިވުނު އަޑުތައް ނީވޭކަމަށް ހަދައިގެން ހަނު ހުންނާށެވެ.
"އިޒޫ ނުކަނީތަ؟" އައިލީން ލޯމަތިން ގެއްލުމާއެކު ނަދާލްގެ ހަމަބުއްދި އަލުން އިއާދަވި ކަހަލަ އެވެ. މޭޒުމަތީގައިހުރި އެއްވެސް ކާއެއްޗެއްގައި އިޒްކާ އަތްލާފައި ނެތްކަން ފާހަގަ ކުރެވުނެވެ.
"ނެޑްއާ އެކީގަ ކާން މަޑުކޮށްލީ" ޕޭންކޭކަކުން އެތިކޮޅެއް ނައްޓައި އަނގަޔަށްލަމުން އިޒްކާ ބުންޏެވެ. ޖޫސްފޮދެއްގެ އެހީއާއެކު ގަދަކަމުން އޭތިކޮޅު ދިރުވައިލުމަށްފަހު އޭނާ މޭޒުމައްޗަށް ނަޒަރު ހުއްޓައިލި އެވެ. އެތަނުގައި ހުރި ޒާތްޒާތުގެ ކާތަކެތި ފެނި ކުރިން ކުޅު ދިޔާވެފައި އިން އިޒްކާއަށް މިފަހަރު އެ މަންޒަރު ފެނި މޭ ނުބައިކުރި އެވެ. އެއިން އެއްޗެއް އޭނާގެ އަރުތެރެއިން ނުދިރޭނެކަން އޭނާއަށް ޔަގީންވި އެވެ. އެހާވެސް ބޮޑަށް އޭނާގެ ލަގޮނޑިއަށް ދިޔައީ ބާރުކުރަމުންނެވެ.
"ނެޑް.. އިޒޫ ބޭނުމީ ދާން.. މިބުނީ.. ތާކަށް ދާންޖެހޭ.. ދެންމެ މި ހަނދާންވީ." ކޮނޑުގައި ދަބަސް އަޅުވައިލަމުން އިޒްކާ އަވަސް އަވަހަށް ވާހަކަދެއްކި އެވެ. ބޭނުންވީ ހިތުގައި އުފެދެމުންދިޔަ އުދާސްތައް ނަދާލްއަށް ސިއްރުކުރުމަށެވެ. ވީހާވެސް އަވަހަށް ނަދާލްގެ ލޯ ކުރިމަތިން ދުރަށް ދިޔުމަށެވެ.
"ހިނގާ ދާން.. އަހަރެން އިޒޫ ގެންގޮސްދޭ-"
"ނޯ އިޓްސް އޯކޭ.." ނަދާލްގެ ޖުމްލަ ފުރިހަމަވެސް ނުކުރެވެނީސް އިޒްކާ ބުންޏެވެ. "އައި މީން.. ނެޑް ޖެހޭނީ އަނެއްކާ އޮފީހަށް މިކޮޅަށް އަންނާކަށެއްނު؟ އިޒޫ ޓެކްސީއެއްގަ ހިނގައިދާނަން.. ނެޑް ދެން ސައިބޮއެލައިގެން އޮފީހަށްދޭ.. އެގޮތް މާ ފަސޭހައެއްނު ދޯ" ނަދާލްމެންގެ އޮފީސް ހުންނަނީ އެ ރެސްޓޯރަންޓް ހުންނަ އިމާރާތުގެ ތިރީ ފަންގިފިލާއެއްގައިކަމުން އިޒްކާ އެކަމުގެ ބަހަނާގައި ނަދާލްގެ ހުށަހެޅުމަށް އިންކާރު ކުރި އެވެ.
ނަދާލް އިތުރު ސުވާލަކާނުލައި އިޒްކާގެ ވާހަކައަށް އެއްބަސްވި އެވެ. ކުޑަމިނުން އިޒްކާ ދަނީ ކޮންކަމަކު ކޮންތާކަށްތޯވެސް އަހައިލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އިޒްކާ އުޅޭ ނޫޅޭގޮތް ބެލުމަކީ އެއްވެސް އިރެއްގައި ނަދާލްގެ ޝައުގުވެރިކަން ހުންނަކަމެއް ނޫނެވެ. އާދައިގެ މަތިން ވަދާއީ ސަލާމެއްގެ ގޮތުން ނަދާލްގެ ގައިގައި ކުޑަކޮށް ބައްދައިލުމަށްފަހު އިޒްކާ ހަލުވި ފިޔަވަޅު ތަކެއްގައިގޮސް ލިފްޓަށް އެރި އެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން ލިފްޓުގެ ފިތަށް އޮބައިލުމަށްފަހު ނަފްސު ހަމައަކަށް އަޅުވައިލުމަށްޓަކައި ފަހަތުގައިހުރި ލޯގަނޑުގައި ލެގިލަމުން ދެލޯ މަރައިލި އެވެ. އަދި އެންމެ ތިރީ ފަންގިފިލާއަށް ލިފްޓު މަޑުކުރި އަޑަށް ދެލޯ ހުޅުވާލައޮ ދެލޮލުން ފާއްދައިލި ކަރުނަތައް ފޮހެލި އެވެ. އިމާރާތުގެ ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާ ނެގީ ދަބަހުގައި އޮތް ފޯނެވެ. އޭގެން ހޯދައިލި ނަންބަރަކަށް ބަލަން ދެ ވިސްނުމެއްގައި ހުރުމަށްފަހު އެންމެފަހުން އެ ނަންބަރަށް ގުޅައިލަމުން ކުރިއަށް ހިނގައިގަތެވެ.
************
ކިޔާރާއަށް ކާއެއްޗެހި ގަނެގެން ގެސްޓުހައުސަށް ވަންނަން އައި މައިޝާންގެ ފިޔަވަޅުތައް މަޑުޖެހިލީ އެ ގެސްޓްހައުސްގެ ދޮރުމައްޗަށް މަޑުކުރި ކަޅުކުލައިގެ ކާރުން ފޭބި އައިލީން ފެނުމުންނެވެ. އޭނާ ބަލަބަލައި ހުއްޓައި އައިލީން ކާރުން ފޭބިގޮތަށް އިސްއުފުލައިލުމެއްވެސް ނެތި ހަލުވިކަމާއެކުގޮސް ގެސްޓުހައުސަށް ވަނެވެ. އެއާއެކު މައިޝާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ރަނގަޅު ފެންވަރެއްގެ ޕްރައިވެޓް ކާރެއްގައި އައިލީން އައިސް އެފަދަ "ސިއްރުވެރި" ގޮތަކަށް ގެސްޓްހައުސަކަށް ވަނުމުން މައިޝާންއަށް ނެގުނީ މުޅިން ގޯސް މާނައެކެވެ. އިސާހިތަކު އައިލީންއާއި ނަދާލްއާ ދެމެދުގައިވެސް އޮތީ އޭނާ އެ ހީކުރާފަދަ ގުޅުމެއްކަން މައިޝާން ގޮތް ނިންމި އެވެ.
"ކިޔާ؟ ކިޔާ.. އެއްކަލަ ކަންތައްގަނޑުގެ ހަގީގަތް ހޯދައި ނިންމައިގެން މިއައީ" އެނދުގައި އިން ކިޔާރާގެ ގާތަށް ގުޅައަކަށް ޖެހިގަންނަމުން މައިޝާން ބުންޏެވެ.
"ކޮންކަމެއް؟" ކިޔާރާ ނިކަން ޝައުގުވެރިކަމާއެކު އަހައިލި އެވެ. އޭނާވެސް މައިޝާންގާތު މުހިއްމު ވާހަކައެއް ދައްކަންވެފައި އޮތުމުން މައިޝާން ބޭނުންވާ ސަމާލުކަން ދުރާލައި މައިޝާނަށް ދޭން ފެށީ އެވެ.
"އެއްކަލަ ގެ ކައިރިން ފެނުނު ކުއްޖާ ހަނދާންވޭތަ؟ އައިލީން؟ ދެންމެ އެކުއްޖާ ފެނިއްޖެ މިތަނަށް ވަންނަނިކޮށް" މައިޝާން ބުންޏެވެ. "ޔޫ ނޯ ވަޓް އައި ތިންކް؟" މައިޝާންގެ ސުވާލާއެކު ކިޔާރާ "ކީކޭ" ހޭ އަހައިލާ ފަދައަކުން ބުމަ އަރުވައިލި އެވެ.
"އައި ތިންކް.. ދެޓް ގަރލް އިޒް އަ ޕްރޮސްޓިޓިއުޓް.. އެންޑް ނެޑް މައިޓް ބީ ވަން އޮފް ހާރ...." މައިޝާންގެ ޖުމްލަ ފުރިހަމަ ކުރުމެއްނެތި ކިޔާރާއަށް ބަލައިލީ އޭނާ ބުނަން އުޅެނީ ކީކޭކަން ކިޔާރާއަށް ފަހުމުވާނެކަން އެނގޭތީ އެވެ.
"ސާބަސް! މައިޝާނަށް ތި އޮތީ ވާ އެނގިފަ! އަހަރެން ބަލައިފީމޭ ތިބުނި ކުއްޖާގެ ހުރިހާ ކަމެއް! އަހަރުމެންނަށް ފުރަތަމަވެސް ހީވީ ރަނގަޅަށް! ތި ކުއްޖަކީ އެ އުޅޭ ނަދާލްގެ ވަގު ބިޓު!" ކިޔާރާ ޔަގީންކަމާއެކު ބުނެލި ޖުމްލައިން މައިޝާނަށް ލިބުނީ ހައިރާންކަމެކެވެ.
"ސޯ ނެޑްތަ އޭނަ މިތަނުގަ ބަހައްޓައިގެން އެ އުޅެނީ؟" މައިޝާންއަށް އެއްޗެއް ވިސްނުނު ފަދައިން އަހައިލި އެވެ.
"ތިއެއް އަހަރެންނަކަށް ނޭނގޭ.. އެނގޭހާވެސް އެއްޗަކީ އެކުއްޖަކީ ނަދާލްގެ ވަގު ބިޓުކަން.. އަދި އެއީ ވަރަށް ނިކަމެތި ކުއްޖެއްކަން.. އެކުއްޖާ އެ ރަށުގަ އުޅުނީ މާމައާއި ބޭބެއަކާއެކު. ދެން މި ފަހުން އެކުއްޖާގެ ބޭބެ ރޭ* މައްސަލައެއްގަ ބަންދުކޮށްގެން އުޅެނިކޮށް އެކުއްޖާގެ މާމަވެސް ނިޔާވީ.. ކިހާ ދެރަ ދޯ ބޭބް؟ އަޅެ އެ ކުއްޖާ ހާލުގަ ޖެހިގެން ކަންނޭނގެ މާލެއަށް އެ އައީ" މައިޝާންގެ މޭގައި ބޯ އަޅައިލަމުން ކިޔާރާގެ އަޑަށް މައުސޫމުކަން ގެނުވި އެވެ.
"ހްމްމް ވެދާނެ.. އައިތަނުން ނެޑްވެސް އެކުއްޖާ ބާކީ ކޮށްލީ ދޯ އެއީ.. ނައު އިޓް އޯލް މޭކްސް ސެންސް" މައިޝާން ބޯ ޖަހައިލަމުން ކިޔާރާގެ އިސްތަށިގަނޑުގައި ފިރުމައިލި އެވެ.
"ލޯބީ.. އަހަރެން ކަމަކު ބުނިއްޔާ.. ރުޅިނައިސް އެ ކަމެއް ގަބޫލު ކޮށްފާނަންތަ؟" މައިޝާންގެ މޭގައި އަތް ބީއްސައިލަމުން ކިޔާރާ އަހައިލި އެވެ.
"ބޭބް ބުނިކަމެއް.. އަހަރެން ދުވަހަކުވެސް ނުކޮށްދީ އެބަ އޮތްތަ؟" މައިޝާން ހިނިތުންވެލި އެވެ.
"މެރީ ނުކުރަމެއްނު؟" ކިޔާރާ ދެރަވެފައި ބުންޏެވެ.
"ޕިސް.. ކިޔާ.. ދެން ތި ނޫން ވާހަކައެއް—"
"ނޯ މައިޝާން ލެޓްސް ޓޯކް އަބައުޓް އިޓް.." މައިޝާންގެ ވާހަކަ މެދުކަނޑައިލަމުން ކިޔާރާގެ އަޑަށް ސީރިއަސްކަން ގެނުވި އެވެ. "މައިޝާންގެ ބައްޕަމެން ބޭނުންވަނީ މައިޝާން މީހަކާ އިންނަން. އަހަރެން ނޫން މީހަކާ އިންނަން. މައިޝާންއަށް ވިޔަފާރީގެ ތެރެއަށްވަދެ، އެތަން ޑޮމިނޭޓް ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެއީ.. ނޫންތަ؟"
"ޔެސް.. އައިމް ސޮރީ އަބައުޓް ދެޓް ކިޔާ.. އެކަމަކު އަހަރެން ކީއްތަ ކުރާނީ؟ މަންމަމެނަކަށް ކިޔާ ކަމަކުނުދޭ.. އެމީހުންނަކަށް ނޭނގޭނެ ދޯ ކިޔާ އަހަރެންދެކެ ލޯބިވާ ވަރެއް" މައިޝާންއަށް ކުށްވެރިއަކު ފަދައިން އިސްޖަހައިލެވުނެވެ. އޭނާގެ އާއިލާއިން ކިޔާރާ ގަބޫލު ނުކުރާތީ ދެރަވެފައިވާ ހާލުގަ އެވެ.
"އެހެންވިއްޔާ ލެޓްސް ޝޯ ދެމް.. އަހަރެން މައިޝާންއާ ކައިވެނިކޮށްގެން ލޯބިން އުޅޭތަން ފެނުނީމަ މަންމަމެންގެ ވިސްނުން އަހަރެންނާމެދު ބަދަލުވާނެ" މައިޝާންގެ މޫނުގައި ދެއަތުން ހިފައި މައިޝާންގެ އިސް އުފުލައިލަމުން ކިޔާރާ ބުންޏެވެ.
"އެކަމަކު އަހަރެން ކިހިނެއްތަ ތިކަން ކުރާނީ؟ ބައްޕަގެ ބަހަށް ގޮންޖަހާލާފަ އާއިލާއާ ދެކޮޅަށް ތިކަން ކުރެވިދާނެ.. އެކަމަކު އޭގެ މާނައަކީ އަހަރެންނާ މުޅި ފެމިލީއާ އޮތް ގުޅުންކެނޑި ފެމިލީ ބިޒްނަސްއިން ވެސް ޝެއަރ ގެއްލުން. އަހަރެން ނުކުންނަން ޖެހޭނީ ހުސް އަތާ.. ކިޔާއަށް އެ ގޮތް އޯކޭތަ؟" މައިޝާން ބުންޏެވެ.
"މައިޝާން ނުޖެހޭނެ ވިޔަފާރި ދޫކޮށްލާކަށް.. މައިޝާން ތި ވިޔަފާރީގެ ތެރެއަށްވަދެ ނަދާލްއަށްވުރެން ބޮޑަށް ބަސްވިކޭވަރުގެ މީހަކަށްވީމަ އަހަރުމެންގެ ކައިވެނި ހުއްޓުވަން ކެރޭނެ ބަޔަކު ތިބޭނެތަ؟" ކިޔާރާ އަހައިލި އެވެ.
"ތިކަން ތިހެން ވާކަށް ނެތޭ ކިޔާ" މައިޝާންގެ ސިކުނޑި ސުމަކަށް ދާންފެށި އެވެ.
"އެބައޮތް" ކިޔާރާ ޔަގީންކަމާއެކު ބުންޏެވެ. "މައިޝާން ކުރަން ޖެހޭނެހާވެސް ކަމަކީ ބައްޕަމެންގެ ރުހުން ހޯދަން ދުވަސްކޮޅަކަށް އެހެން މީހަކާ ކައިވެނި ކުރުން"
"ކީކޭ؟" ކިޔާރާގެ ޖުމުލަ އިވި މައިޝާން ދިޔައީ ހަމަ ރަނގަޅަށްވެސް ސިއްސައިގެނެވެ.
"ޔެސް މައިޝާން.. މައިޝާން އައިލީންއާ ކައިވެނިކުރޭ.. ދުވަސްކޮޅަކަށް.. އައިލީންއަކީ މިވަގުތު ގޮތް ހުސްވެފަހުރި ނިކަމެތި ކުއްޖެއް. މައިޝާންގެ ފައިދާ ނަގާކަށް އައިލީން ނުވިސްނާނެ. މައިޝާން ބެހެއްޓި ހިސާބެއްގަ ހުންނާނެ" ކިޔާރާ ކިޔައިދިނެވެ. އޭނާ ވަނީ މާ ކުރީއްސުރެން މި ހުރިހާކަމެއް ސިކުނޑީގައި ރާވާލާފައި ކަހަލަ އެވެ.
"ކިޔާ! މޮޔަވީތަ؟ ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ އޭން؟ އަހަރެން ލޯބިވަނީ ކިޔާދެކެއޭ.. ކިޔާ އަހަރެންދެކެ ލޯތްބެއް ނުވޭތަ؟" މައިޝާންގެ އަޑު ބާރުވި އެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ކިޔާރާގެ ގާތުގައި ރުޅި އިސްކުރި އެވެ.
"މައިޝާން.. ބޭބް ނިކަން ވިސްނާލަބަ.. މައިޝާން އެ އައިލީންއާ ކައިވެނި ކުރުމަކުން އަހަރުމެންގެ ލޯތްބަށް ނިމުމެއް އަންނާނޭ ހީ ނުކޮށްބަލަ. މިއީ އަހަރެމެންގެ މުސްތަގްބަލަށްޓަކައި ނަގަންޖެހޭ މުހިއްމު ފިޔަވަޅެއް ކަމުގަ ހީކޮށްބަލަ. މިއީ މައިޝާންގެ ކާމިޔާބީއަށް އަހަރެން ކޮށާދޭ މަގެއްކަން ގަބޫލު ކޮށްބަލަ. އޯލް ޔޫ ހޭވް ޓު ޑޫ އިޒް ސްޓެޕް އިންޓު ދަ ބިޒްނަސް އެންޑް ޑްރެގް ނަދާލް އައުޓް އޮފް ދެއަރ.. ޑިސްޓްރޯއީ ހިމް.. އެންޑް ވީ ފައުންޑް ދަ ޕާފެކްޓް ސްޓޯން ޓު ކިލް ޓޫ ބާޑްސް އެޓް ވަންސް... އައިލީން" ކިޔާރާ އިތުރަށް މައިޝާންއާ ގާތްވާން މަސައްކަތްކުރި އެވެ. ނަމަވެސް މައިޝާން އެ ފުރުސަތެއް ނުދިނެވެ.
"ކިޔާ!! ދެން އިތުރަށް އަހަރެންގާތު ތި ވާހަކަ ނުދައްކައްޗޭ! ދުވަހަކުވެސް! އެހެންނޫނަސް ނަދާލްއަކަށް އައިލީންއަކީ މާ މުހިއްމު މީހެއްހެން އަހަރެންނަކަށް ހިއެއްނުވޭ. އަހަރެންގެ ދެލޮލުން ދުށީ ނަދާލް އައިލީން ބާކީ ކޮށްލި މަންޒަރު" ކިޔާރާގެ ދެއަތް ދުރަށް ފޮޅައިލަމުން މައިޝާން އިންތަނުން ތެދުވި އެވެ.
"އެކަމަކު ނަދާލް ލޯބިވަނީ އިޒްކާ ދެކެއޭ އަހަރެންގެ ހިތެއް ނުބުނޭ.. ދެން މައްސަލައެއް ނެތް.. މައިޝާން ހިތްހަމަ ނުޖެހެންޏާ އަހަރެން އިތުރަށް މިވާހަކައެއް ނުދައްކާނަން" ކިޔާރާވެސް ހިނގައިގަތީ މައިޝާންއާ ދުރަށެވެ. ކޮޓަރީގެ ބެލްކަންޏާ ވީ ދިމާލުގައި މަޑުކޮށްލަމުން ބޭރަށް ނަޒަރު ހުއްޓައިލި އެވެ. އެދެމެދަށް ވެރިވި އާދަޔާހިލާފު ހިމޭންކަން ފުދުއްވައިލީ މައިޝާންގެ އަޑުންނެވެ.
"ކިޔާ.. ދުވަސްކޮޅަކަށް ކުރިން އުޅުނު އެޕަރޓްމެންޓަށް ބަދަލުވާންވީނު މިތަނަށް ޕޭ ކޮށްކޮށް މިހާރު ކްރެޑިޓް ކާޑްވެސް މެކްސް ވަނީ" މައިޝާން ބުނަން ނުބުނަން އިނދެފައި ކަހަލަ ގޮތަކަށް ބުންޏެވެ. އެއީ އޭނާ އެއްވެސް ހާލެއްގައި ކިޔާރާއާ ދައްކަން ބޭނުންވާ ވާހަކައެއް ނޫނެވެ. ނަމަވެސް އިތުރު ގޮތެއް ނެތުމުން އެވާހަކަ ބުނަން ޖެހުނީ އެވެ.
"މަންމަމެން އަދިވެސް އެތަނުގަ ތިބީ. އަހަރެންނަކަށް ނުދެވޭނެ މަންމަމެން އެ ދައްކާ ބޭކާރު ވާހަކަ އަޑުއަހަން އެތާ އިންނާކަށް" ކިޔާރާ ފޫހި ރާގެއްގައި ބުންޏެވެ.
"މަންމަމެންގާތު ދުވަސްކޮޅަކު މަޑުކޮށްލާނީއޭ.. އެޕަރޓްމެންޓެއް ހިފޭނީވެސް ލާރިއެއް ލިބުނީމަ އެއްނު" މައިޝާން ވިސްނައިދެވޭތޯ އުޅުނެވެ.
"މައިޝާންއަށް އަހަރެން ނުބެލެންޏާ ބުނެބަލަ ނުބެލޭނެއޭ" ކިޔާރާގެ އަޑު ކުރެހެންފެށީ ހަމަ ކުއްލިއަކަށެވެ. އެ ދެލޮލަށް ކަރުނަ ޖަމާވީ ކޮން އިރަކު ކަމެއްވެސް ނޭނގެ އެވެ. "މައިޝާންއަށް އަހަރެންނާ އިނދެވެނީކީ ނޫން.. އަހަރެންނަށް ހަރަދު ކުރެވެނީކީ ނޫން.. ދެން އަހަރެން އެހެން މީހަކާ އިނދެގެން ދާންވީތަ؟ ބުނެބަލަ.. މައިޝާން ލޯބި ނުވަންޏާ އަހަރެން ބެލޭވަރުގެ މީހަކާ އަހަރެން އިނދެފާނަމޭ" ކިޔާރާ ރޮއެގަތެވެ.
"ކިޔާ.. ނޯ ނޯ.. ބޭބީ ޕްލީޒް.. ތިކަހަލަ ވާހަކަ ނުދައްކަބަލަ. އަހަރެން ލޯބިވެޔޭ" މައިޝާން އަވަސްއަވަހަށް އިންތަނުން ތެދުވެގެން ގޮސް ކިޔާރާގެ އަތުގައި ހިފައިލި އެވެ.
"ނުވޭ.. ވާނަމަ އަހަރެން ބުނާ ބަސްވެސް ގަބޫލު ކުރާނެއެއްނު.." ކިޔާރާ ރޮމުންރޮމުން ބުންޏެވެ.
"ކިޔާ ބުނާބަސް ގަބޫލު ކުރަމެއްނު.. އެކަމަކު.. އެކަމަކު މި ސިޗުއޭޝަންގަ އައިމް ހެލްޕްލެސްއޭ" މައިޝާން ބުންޏެވެ.
"އަމިއްލައަށް ހެލްޕްލެސް ވެގަންނަނީ.. އަހަރުމެންގެ މުސްތަގްބަލަށްޓަކައި މައިޝާންއަށް ކުޑަ ގުރުބާނީއެއް ނުވެވޭއިރު އަހަރެން ކީއްކުރަން އަހަރެންގެ ޒުވާން އުމުރު މައިޝާންއަށްޓަކާ ހުސްކޮށްލަންވީ؟ އައި ކާންޓް ޑޫ ދިސް.. އަހަރެންނަށް ފިއުޗާއެއް ދެވޭ މީހަކާއެކު އަހަރެން ދާން ބޭނުމީ" ކިޔާރާ ދުރަށް ހިނގައިގަތް ނަމަވެސް މައިޝާން ކިޔާރާގެ އަތުގައި ހިފެހެއްޓި އެވެ.
"ކިޔާ.. ބޭބީ ޕްލީޒް ސްޓޮފް.. ކިޔާ.. ބޭބް ޕްލީޒް.. ނުރޮއި.. ކިޔާ.. ސޮރީ.." ހިތް އަވަސްވެފައިވާ ހާލު މައިޝާން އާދޭސްކުރި އެވެ. ކިޔާރާ ގެއްލިގެން ދިޔުމަކީ އޭނާއަށް ތަހައްމަލު ކުރެވޭނެވަރުގެ ކަމެއް ނޫނެވެ. ފާއިތުވެދިޔަ ދިހަ އަހަރު އޭނާގެ ދުނިޔެ އެނބުރެމުން ދިޔައީ ހަމައެކަނި ކިޔާރާގެ ވަށައިގެނެވެ. ވީއިރު އޭނާއަށް ދެން ކިޔާރާއާނުލައި ދިރިއުޅެން އެނގޭނީ ކިހިނެއް ހެއްޔެވެ؟
"މައްސަލައެއް ނެތް.. އަހަރެން ތިކަން ވޭތޯ ބަލާނަން.. އަހަރެން ކިޔާ ބުނި ގޮތެއް ހަދާނަން.. އަހަރެން.. އަހަރެން އައިލީންއާ ކައިވެނި ކުރާނަން"
**************
ދުވަހުގެ އިރު އޭގެ ވަދާއި ދޯދިތަކުން އުދަރެހުގައި ކުލަޖައްސަމުންދިޔަ ވަގުތެވެ. މާލޭގެ ހުޅަނގުފަރާތު އަތިރިމަތީގައި އިށީނދެލައިގެން އިން އައިލީން ވަނީ ފުން ހިޔާލަކަށް ގެއްލިފަ އެވެ. އޭނާގެ ތައުލިމީ ސެޓްފިކެޓްތައް ހިމެނޭ އޭ4 ސައިޒުގެ ކްލިއަށް ފޯލްޑަރެއް ކައިރީގައި ބާއްވައިލާފައި އޮތެވެ. ފިކުރު ތަކުގައި ބެދި ހުސްވެފައިވި ވަރުން އޭނާއާ ދެތިން ފޫޓު ދުރުގައި މީހަކު އިށީނދެލިކަންވެސް އައިލީންއަށް ރޭކައިލީ އެމީހަކު ކަރުކެހިލުމުންނެވެ. ބުމަ ގޮށްޖަހައިލައިގެން އިނދެ އައިލީން އަޑު އައި ދިމާލަށް މޫނު އަނބުރައިލިހިނދު އޭނާއާ ބައްދަލުކުރީ މީގެ ދުވަސްކޮޅެއް ކުރިން ނަދާލްމެންގެ ގެ ކައިރިން އޭނާއާ ދިމާވި ގޮތް ނޭނގޭ ޒުވާނާ އެވެ. މައިޝާން އެވެ.
"ހާއި!" މައިޝާން އަތް ހިއްލައިލުމަށްފަހު އައިލީންއަށް ހަނާ އަޅައިލަމުން ހިނިތުންވެލި އެވެ.
"ހާއި" ކުރު ރައްދަކާއެކު އައިލީން އަނެއްކާވެސް އުދަރެހަށް ބަލައިލި އެވެ. އެއާއެކު މައިޝާންގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔަ އެވެ. ފޫހިވެފައި އިނދެ އޭނާއަށް ބަލައިލެވުނީ ފެންނަ ހިސާބު ދުރުގައިހުރި ކިޔާރާއަށެވެ. ކިޔާރާ އަތުގެ އިޝާރާތުން މައިޝާންގާތު ކުރިއަށް ގެންދިޔުމަށް ބުނުމުން މައިޝާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް ކިޔާރާ ބުނި ފަދައިން ކަންތައްކުރުމަށްޓަކައި އައިލީންއާ ގާތަށް ޖެހިލި އެވެ.
"ހާދަ އެކަނިވެރިކޮށް" މައިޝާން ވާހަކައެއް ފެށޭތޯ މަސައްކަތްކުރި އެވެ.
"އަހަރެން މިތާ އެކަނި އިނދެގެން ނަދާލްގެ ބޭބެއަށް ކޮން އުނދަގުލެއް ވަނީ؟" އައިލީންގެ އަޑުން ހިތްހަމަނުޖެހުން ފާޅުވި ނަމަވެސް މައިޝާން އެކަން ނޭނގޭ ކަމަށް ހެދުނެވެ.
"ހެހެ. ނަދާލްގެ ބޭބެއޭ؟ ހާދަ ދުރު ތި ކޮށްލީ.. އަހަރެންނަށް އެދުވަހު ނަން ނުބުނެވޭތަ؟ މައިޝާން ކިޔަނީ" މައިޝާން ބުންޏެވެ. އައިލީން ވާހަކަދައްކާކަށް ނޫޅުނެވެ.
"ރަށަށް ދާކަށް ނޫޅެންތަ؟" މައިޝާން އަހައިލި އެވެ.
"ދާން ބޭނުންވީމަ ދާނަން" އައިލީން މިފަހަރުވެސް ކުރު ޖަވާބަކުން ފުއްދައިލި އެވެ.
"ޔަގީންތަ ރަށަށް ދާން ބޭނުންކަން؟ އައިލީން މާލެއަށް ތި އައީ ހުރިހާ ކަމަކަށް ދުވެ ފިލާކަށްނު" މައިޝާންގެ ވާހަކައިން އައިލީންއަށް ލިބުނީ ސިހުމެކެވެ. މައިޝާންއަށް މީހުންގެ ހިތުގައި އޮންނަ ކަންކަންވެސް އެނގެނީބާއެވެ؟ "ތިބުނީ؟" އޭނާއަށް ހާސްވެފައި އަހައިލެވުނެވެ.
"ލުކް.. އަހަރެން އެއްވެސް ކަމެއް އައިލީންއަށް އޮޅުވާލާކަށް ނެތިން. ޔެސް ދެންމެ މަސައްކަތް ކޮށްފިން ދުރުދުރުން ވާހަކައެއް ދެއްކޭތޯ.. ވިޗް.. އޮބްވިއަސްލީ.. ޑިޑް ނޮޓް ވޯކް-"
"ދެން ދުރުދުރުން ނުކިޔާ ސާފުކޮށް ކިޔަންވީނު" މައިޝާންގެ ވާހަކަ މެދުކަނޑައިލަމުން އައިލީން ބުންޏެވެ.
"އަހަރެންނަށް އައިލީންއާގުޅޭ ހުރިހާ ހަގީގަތެއް އެނގޭ.. އައިލީން ރަށުގަ އުޅުނީ މާމައާއެކު ކަމާއި.. މާމަ ނިޔާވި ކަމާއި.. މާލެ އަންނަން ޖެހުނު ސަބަބާއި، ރަށަށް ދާން ބޭނުން ނުވާ ސަބަބާއި.. މި ހުރިހާ އެއްޗެއް އަހަރެންނަށް ވަރަށް ސާފުކޮށް އެނގޭ. އެންޑް އިޓް ސީމްސް.. ޔޫ ކުޑުންޓް އިވަން ފައިންޑް އަ ޖޮބް ހިޔަރ" އޭނާއާއި އައިލީންގެ ދެމެދުގައި ބާއްވާލެވިފައި އޮތް ފައިލު ނަގައި އޭގައިވާ ސެޓްފިކެޓްތައް ބަލަމުން މައިޝާން ބުންޏެވެ. "އޮލްސޯ.. އަހަރެންނަށް އެނގޭ އައިލީން ތިއީ ނަދާލްގެ ސައިޑް ޗިކު ކަންވެސް" ފައިލް ކުރިން އޮތްތަނުގައި ބާއްވައިލަމުން މައިޝާން އިތުރުކޮށްލި އެވެ.
މައިޝާންގެ ފަހު ޖުމުލަ އިވި ހިތަށް ކުރި އަސަރުން އައިލީންއަށް ތުންފަތުގައި ދައި ގަނެވުނެވެ. ދުލު ކުރީގައި ފާއްދައިލި ލޭ ރަހައަށްވުރެން ބޮޑަށް އަރުތެރޭގައި ލަމުންދިޔައީ ހަގީގަތުގެ ހިތި ރަހަ އެވެ. އާނއެކެވެ. އޭނާ ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް އޭނާއަކީ ހަމަ ނަދާލްގެ "ސައިޑް ޗިކް" އެވެ. އޭނާ ވީ ތެދުވެރި ހިތްސާފު ލޯބީގެ ބަދަލުގައި އޭނާއަށް ލިބޭ ލަގަބަކީ އެއީތާ އެވެ؟
"ކިހިނެއްވީ؟ ޓްރުތް ހަރޓްސް ޑަޒަންޓް އިޓް" ދެންވެސް ވާހަކަދެއްކީ މައިޝާން އެވެ.
"މިތަނަށް އައިސް އަހަރެންގެ ނިކަމެތިކަން އަހަރެންނަށް ހަނދާން ކޮށްދިނުމުގެ ބޭނުމަކީ ކޮބާ؟" އައިލީން އެއްސެވެ.
"ހްމްމް. މިހާރު ތި ދަނީ ޕޮއިންޓަށް.. މާ ބޮޑުކަމެއް ނޫން.. އަހަރެން ބޭނުމީ އައިލީންއަށް އެހީވާން.. ބަދަލުގަ އަހަރެންވެސް.. އައިލީންއަށް އެހީވާނަން" މައިޝާން ބުންޏެވެ. އައިލީން ސުވާލުގެ ނަޒަރަކުން މައިޝާންއާ ދިމާލަށް ބަލައިލި އެވެ.
"ނޭނގުނު ދޯ މި ބުނި އެއްޗެއް؟ މަޑުކުރޭ މި ކިޔާދެނީ.. ގޮތަކަށް ބުނަންޏާ އަހަރެންނަކީ ފެމިލީގެ އައުޓްކާސްޓް.. އައިރޯނިކް ކޮންސިޑަރިންގް އައިމް ނޮޓް ދަ އެޑޮޕްޓަޑް ވަން.. ކުޑައިރުއްސުރެން އަހަރެންނަށް ލިބެންޖެހޭ އެތައް ހައްގަކަށް އެތައް ގޮތަކުން އަރައިގަންނަމުން ދިޔައީ އާއިލާގެ ތެރެއަށް އައި ބީރައްޓެއްސެއް. މި ދެއްކެނީ ނަދާލްގެ ވާހަކަ. އޭޒް އަންފެއަރ އޭޒް ދިސް ސައުންޑްސް.. ރަން ތަބަކެއްގަ ނަދާލްއަށް ވެދުމަށް އެރުވި ކޮންމެ ހައްގަކާއި ފުރުސަތެއް ހޯދަން އަހަރެންނަށް ކަނޑައަޅާފަ އޮތް ގޮތަކީ ވަކި ޝަރުތެއް ފުރިހަމަކުރުން. އެއީ އާއިލާއިން ގަބޫލުވާ ކަހަލަ ކުއްޖަކާ އަހަރެން ކައިވެނިކުރުން" މައިޝާން ކުރުގޮތަކަށް އޭނާގެ ހާލަތު އައިލީންއަށް ބަޔާންކޮށްދިނެވެ.
"ދެން ތިކަމާ އަހަރެންނަކާ ކޮން ގުޅުމެއް" އައިލީން ފަރުވާކުޑަ ރާގެއްގައި އަހައިލި އެވެ.
"އަހަރެން ބޭނުންވަނީ އައިލީންއާ ކައިވެނިކުރަން" ސުކޫތެއްގެ ހިމޭންކަމަކަށްފަހު މައިޝާން ބުންޏެވެ.
"ހައް.. ވަޓް ނަންސެންސް" އައިލީންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. މައިޝާންއަކީ ސިކުނޑި ހަމަނުޖެހޭ، ބޯ ގޯސް މީހެއްކަމުގައި ނިންމުނެވެ.
"ކޮބާ މައްސަލައަކީ؟ އައިލީންއާ ދޭތެރޭގަވެސް ނަދާލް ކަންތައް ކުރީކީ ރަނގަޅަކަށް ނޫނެއްނު.. ސޯ ނައު ވީ ހޭވް އަ ކޮމަން އެނިމީ؟ އައިލީން ބޭނުމެއްނޫންތަ ނަދާލްގެ ކިބައިން ބަދަލުހިފާކަށް؟ އަހަރެންނާ ކައިވެނިކޮށްގެން.. ނަދާލް ޖެލަސް ކުރާކަށް؟" މައިޝާން އަހައިލި އެވެ. އެއާއެކު އައިލީންއަށް ފުން ނަޒަރަކުން މައިޝާންއަށް ބަލައިލެވުނެވެ. އެ މޫނުމަތިން ސަމާސާގެ ކުލަވަރެއް ނުފެނެ އެވެ. މައިޝާން ހަމަ ހަގީގަތުގައިވެސް މި ވާހަކަ މި ދައްކަނީ ސީރިއަސް ނިޔަތެއްގައިތާއޭ އޭނާގެ ހިތަށް އެރި އެވެ.
"ޖެލަސްއޭ؟ އަހަރެން މީހަކާ އިނުމަކުން ނަދާލްއަށް ކެހެރު ވަކެކޭވެސް ހީ ނުވާނެ. އެހެންނޫނަސް އަހަރެން އެއްވެސް މީހެއްގެ ކިބައިން ބަދަލުހިފާކަށް ނޫޅެން ސޯ… ނޯ ތެންކްޔޫ" އައިލީން އަވަސްވެގަތީ އެތަނުން ދާށެވެ. ފައިލު ހިފައިގެން ތެދުވެ ހަމަ އިސްކޮޅަށް ދެމިލިއިރު މައިޝާން އެހާ އަވަހަށް ތެދުވެ އޭނާގެ ކުރިމައްޗަށް އައިސް ހުއްޓިއްޖެ އެވެ.
"އައިމް ގިވިންގް ޔޫ ވަން ލާސްޓް ޗާންސް ޓު ރީ ކޮންސިޑަރ" މައިޝާން ބުންޏެވެ. "އަހަރެންނާ ކައިވެނި ކުރުމަކުން އައިލީންއަކަށް އެއްވެސް އުނދަގުލެއް ނުވާނެ. އައިލީން އުޅޭނެ ތަނާއި، ކުރަން ބޭނުންވާ ކޮންމެ ހަރަދަކާއި، ދެންވެސް ބޭނުންވާ ކޮންމެ ކަމެއް އަހަރެން ހަމަޖައްސައިދޭނަން.." މައިޝާން ހުށަހެޅީ ހާލަތުގެ ގޮތުން އައިލީންއަށް އެފަދަ ހުށަހެޅުމަކަށް ނޫނެކޭ ބުނަން ދަތި ހުށަހެޅުމެކެވެ. އެކަމަކު މައިޝާން "ހެޔޮހިތުން" އޭނާއަށްޓަކައި އެވަރު ކަމެއް ކޮށްދޭންވީ ސަބަބެއް އައިލީންއަކަށް ނުވިސްނުނެވެ،
"ވައި އާރ ޔޫ ޑުއިންގް ދިސް؟" ހަށިފުރައި ނޭވާއެއް ދަމައިލަމުން އައިލީން އެއްސެވެ. "ކީއްވެ ކޮންމެހެން އަހަރެން؟"
"ކުރިންވެސް މި ބުނީނު.. ނަދާލްއަކީ އަހަރުމެންގެ ކޮމަން އެނެމީއެއް ވީމަ.. އެއީ އެއް ސަބަބު.. އަނެއް ސަބަބަކީ.. އަހަރެން ކުރަން ބޭނުންވަނީ ވަގުތީ ކައިވެންޏަކަށް ވާތީ.. އަހަރެން ލޯބިވާ ކުއްޖަކު އެބަހުރި. އެކަމަކު އެކުއްޖާއާ ކައިވެނި ކުރާކަށް އާއިލާއިން ގަބޫލެއްނުވޭ.. މިވަގުތަށް ބޭނުންވަނީ އަހަރެން ބޭނުންވާ ކަންތައް ހާސިލްވަންދެން ނަމަކަށްވިޔަސް އަހަރެންގެ އަންބެއް ގޮތުގަ އިންނާނެ އަންހެނެއް އަހަރެންދެކެ ލޯބިނުވާނެ، އަހަރެންގެ މިނިވަންކަމާ ނުބެހޭނެ، އަދި އަހަރެންގެ ފަރާތުން އެއްވެސް ކަމަކަށް އުއްމީދު ނުކުރާނެ އަންހެނެއް. އެބަ އެނގޭ ދޯ މި ބުނަނީ ކީކޭކަން؟" މައިޝާންގެ ސުވާލަށް އައިލީން ބޯ ޖަހައިލި އެވެ.
"އޯކޭ.. ގުޑް ލަކް އޮން ފައިންޑިންގް ދެޓް ވުމަން.. ބަޓް އައިމް ސޮރީ އިޓް ވޯންޓް ބީ މީ" އައިލީން ހިނގައިގަތީ މައިޝާންއާ ދުރަށެވެ. އެއާއެކު މައިޝާން ހާސްވެފައިވާ މީހަކު ފަދައިން ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލި އެވެ. ވަށައިގެން ހޯދައިލިއިރު ކިޔާރާ ފެންނަ ހިސާބުގައި ނެތުމުން ފޯނު ނަގައި ކިޔާރާގެ ނަންބަރަށް ގުޅައިލި އެވެ.
"ހަލޯ؟ ކީކޭ ހަމް؟" މައިޝާންއާ ދިހަ ވަރަކަށް ފިޔަވަޅު ދުރަށް ދެވުނު ތަނާހެން ރިންގުވާންފެށި ފޯނަށް އައިލީން ޖަވާބުދިނެވެ.
"ލީން. ބަލާބަ ޝޯން މި ކިޔާ އެއްޗެއް. ބައި-އިލެކްޝަނަށް ލާކަށް ނޫޅެމޯ.. ލީންގާތަށް މާލެއަށޯ ބަދަލުވާން ބޭނުމީ.. ހީޒް ތްރޯއިންގް ހިޒް އެންޓަޔަރ ކެރިއަރ އަވޭ ފޯރ ޔޫ.. ޔޫ ހޭވް ޓު ސްޓޮޕް އިޓް ލީން.. މާދަމާ މެންދުރަށް ސުންގަޑި ހަމަވޭ.." ހަމްނާގެ ވާހަކައިވި އައިލީންގެ ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ.
"ވަޓް؟ ނޫން ހަމް.. ޝޯންގާތު ބުނެބަ އެހެން ނަހަދާށޭ.. ކޮންމެހެންވެސް ޝޯން ލައްވާ ފޯމު ލެވޭތޯ ބަލާބަ. ބުނޭ އަހަރެން ރަށަށް ދާނެއޭ" ދެލޯ މަރާލައި އެއްއަތުން ނިއްކުރީގައި ހިފަހައްޓައިލަމުން އައިލީން ބުންޏެވެ.
"ލީން ހަމަ އަސްލުތަ؟ ލީން އަންނާނަންތަ؟ ލީންއަށް އެނގޭދޯ ނޫނިއްޔާ ފޯމު ލުމުގެ ބޭނުމެއް ނެތްކަން؟ ލީން ނައިސްފިއްޔާ ޝޯން އިންތިހާބު ދޫކޮށްލާފަވެސް ލީން ގާތަށް ދާނެކަން؟" ހަމްނާ ބުންޏެވެ.
"ދެން.. ދެން އެހާ އިރަށް އަހަރެން ކޮންމެވެސް ކަމެއް ކުރާނަމޭ.. ޝޯންގާތު ބުނެބަ އަހަރެން އެބަދެޔޭ.. ބުނެގެންވެސް އިހަކަށް ފޯމު ލާބަލަ" އައިލީން ބުންޏެވެ. އޭނާ ދިޔައީ ހިތާހިތުން ޝާވިންއަށް ކުދި ކިޔަމުންނެވެ.
"ނޫން ލީން މަޑު ކުރޭ.. ޝޯން އައިސްފި. ލީން އަމިއްލައަށް ޝޯންގާތު ބުނެބަ" ހަމްނާ އެހެން ބުނުމާއެކު ފޯނުގެ އަނެއްފަރާތުން ދެން އިވުނީ ޝާވިންގެ އަޑެވެ.
"ލީން؟ ކިހިނެއް؟" ޝާވިން އެންމެ ފުރަތަމަވެސް އަހައިލި އެވެ.
"ޝޯން.. ޑޯންޓް ޔޫ ޑެއަރ ޑޫ ސަމްތިންގް ސޯ ސްޓުޕިޑް. ޕްލީޒް... ޝޯން ބައި-އިލެކްޝަނަށް ލާތި. މިއީ ކިހާ ދުވަހެއް ވަންދެން ޝޯން ދެކެމުން އައި ހުވަފެނެއް" އައިލީން އަވަސްވެގަތީ ޝާވިންއަށް ވިސްނައި ދޭށެވެ.
"އެކަމަކު ލީން އެކަނިމާއެކަނި މާލެއަށް ދޫކޮށްލާފަ އަހަރެންނަށް މިތާ-"
"ލީން އެކަންޏެއް ނުވާނޭ ޝޯން.. ޕްލީޒް ޓްރަސްޓް މީ. ލީން ދާނަމޭ.. ލީން ދާނަން" ޝާވިންގެ ވާހަކަ ފުރިހަމަކުރުމުގެ ފުރުސަތެއް އައިލީން ނުދިނެވެ.
"އެހެންވިއްޔާ އޯކޭ.. ސީ ޔޫ ސޫން ލީން.. ލީން ބުނީތީ އަހަރެން މިފަހަރު ފޯމް ލާނަން. ޓޭކް ކެއަރ އެނގޭ.. ލަވް ޔޫ" ފޯނު ކަނޑައިލުމުގެ ކުރިން ޝާވިން ބުންޏެވެ.
އައިލީންއަށް ގަބުއަރާފައި ފޯނު ކަންފަތާ ވަކިކޮށްލަން ނޭނގިފައި ހުރެވުނެވެ.
ޝާވިން އެ ކުރީ ކީއްހެއްޔެވެ؟
އޭނާދެކެ ލޯބިވާ ކަމަށް އިއުތިރާފުވީ ހެއްޔެވެ؟
ހަމަގައިމުވެސް ޝާވިން އޭނާއާމެދު ދެކެނީ ރައްޓެއްސެއް ގޮތަށް ނޫންކަން އައިލީންއަށް ޔަގީނެވެ. އެކަމަކު އޭނާއަށް ލޯބި ހުށަހެޅުމެއްވެސް ނެތި، އަދި އޭނާގެ ފަރާތުން ޖަވާބެއް ހޯދުމެއްވެސް ނެތި އެނާގެ މައްޗަށް ހައްގެއް އޮތްފަދައަކުން ޝާވިން އެ އުޅެނީ ކީއްވެބާ އެވެ؟
އޭނާއަށް ނޭނގުމެއްގެ ތެރޭގައިވެސް ޝާވިންއަށް ފެހި ސިގުނަލެއް ދެވުނީ ހެއްޔެވެ؟
ދެން ކުރާނީ ކީއް ހެއްޔެވެ؟
ގޮތްހުސްވެފައިހުރެ ކޮނޑު އެލުވައިލި ހިނދު ދުރުގައިހުރި މައިޝާންފެނި އައިލީންގެ ސިކުނޑީގައި އެނބުރިގަތީ ކޮން ހިޔާލެއްކަމެއް ނޭނގެ އެވެ. އޭނާ ހަރު ފިޔަވަޅުތަކެއްގައި މައިޝާންއާ ދިމާލަށް ހިނގައިގަތެވެ.
"މައިޝާން" ދާދި ގާތުން އައިލީންގެ އަޑު އިވުނުހެން ހީވެ މައިޝާން ކިޔާރާއަށް ކުރަމުންދިޔަ ކޯލު ކަނޑާލައި ފަހަތަށް އެނބުރުނެވެ. އޭނާއަށް އެއްޗެކޭ ނުބުނެވެނީސް އައިލީން ފެށި ވާހަކައިން މައިޝާންގެ ބުމަ ގޮށްޖެހުނެވެ.
"އަހަރެން… އަހަރެން ދެންމެ ދެއްކި ވާހަކައާމެދު ވިސްނައިފިން... އައި.. އައި ވިލް މެރީ ޔޫ. އެކަމަކު މިއީ ކޮންމެހެން ނަދާލްގެ ކައިރިން ބަދަލުހިފަން އަހަރެން ކުރާ ކަމެއް ނޫން.. އައި.. އައި ޖަސްޓް ހޭވް އަނަދަރ ރީޒަން" އައިލީން އެއްފަޗަކަށް އަމުނައިލި ލަފްޒުތައް ނަގައިގަނެވުމާއެކު މައިޝާންއަށް އެއްބުމަ ހިއްލައިލެވުނެވެ.
"ކޮންމެ ސަބަބަކަސް.. އައި ޑޯންޓް ކެއަރ.. އައިމް ގްލޭޑް ވީ ކުޑް ކަމް ޓު އަ... މިއުޗުއަލް އަންޑަރސްޓޭންޑިންގް.." މައިޝާން ސަލާމަށް އަތް ހިއްލައިލި އެވެ.
"އެކަމަކު.. މައިޝާންގެ އާއިލާއިން... އަހަރެން ގަބޫލު ކުރާނެހެން ހީވޭތަ؟" މައިޝާންގެ އަތުގައި ހިފައިލަމުން އައިލީން ޖެހިލުންވެފައިހުރެ ސުވާލުކުރި އެވެ.
"ތިއެއް އެނގޭނީ ބައްދަލު ކޮށްލީމަ.. އައިލީން ކޮންއިރަކުން ފްރީ ވާނީ؟" މައިޝާން އަހައިލި އެވެ.
"މި ދުވަސްކޮޅު މާ ގިނަ ކަންތައްތަކެއް ނެތް.. ފްރީ ވާނެ. އޯލްސޯ.. ޔޫ ކޭން ކޯލް މީ ލީން. އެހެން މީހުންވެސް ކިޔާ ގޮތަށް" އައިލީން މައިޝާންއަށް ހިނިތުންވެލި އެވެ. މައިޝާންއަށް ހނދުކޮޅަކަށް ހުއްޓުންއަރާފައި ހުރެވުނެވެ. އަބަދުވެސް ހިތާމައާއި މޮޅިވެރިކަމުގެ ތެރެއިން އޭނާއާ ބަދަލުވާ އައިލީންގެ މޫނުން ހިނިތުންވުމެއް އޭނާއަށް އެ ފެނުނީ މުޅީން އަލަށެވެ. އައިލީންއަކީ އެއްވެސް އިރެއްގައި ހުތުރު ކުއްޖެއްކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ހިނިތުންވެލުމާއެކު އައިލީންގެ ހަގީގީ ރިތިކަން ހަމަ ރަނގަޅަށްވެސް ފާޅުވެލައިފި އެވެ.
"ގްރޭޓް.. އެހެންވީމަ އަހަރެން ގުޅާލާނަން. ނަންބަރު ކިޔާލަބަ"
***********
ދެތިން ރޭ ފަހެވެ. ހ. ފްލޮރެންސްގެ މައި ދޮރާށި ދޮށުގައި މަޑުކޮށްލައިގެންހުރި އައިލީން ނުތަނަވަސްކަމާއެކު އަތުގެ އިނގިލިތަކާ ކުޅެމުންދިޔަ އެވެ. އެވަގުތު މައިޝާން ގޭގެ ދޮރު ހުޅުވައިލުމަށްފަހު ހިތްހެޔޮ ހިނިތުންވުމަކުން އޭނާއަށް މަރުހަބާ ކިޔެވެ. ގޭގެ ތިންވަނަ ފަންގިފިލާއަށް އެރުމަށްފަހު ކަނާތަށް ހުރި އެޕަރޓްމެންޓްގެ ދޮރުން އެތެރެއަށް ވަނުމުގެ ކުރިން މައިޝާން އައިލީންގެ އަތުގައި ހިފައިލި އެވެ.
"މަންމަމެނަށް ގަބޫލު ކުރެވޭވަރު ކުރަން ވާނެއެއްނު" މައިޝާންގެ ވާހަކައަށް އެއްބަސްވެ އައިލީން ބޯ ޖަހައިލި އެވެ. ދެމީހުން އަތުގުޅުވާލައިގެންހުރެ އެޕަރޓްމެންޓަށް ވަތްހިނދު ކާމޭޒުދޮށުގައި ތިބި ޒީނިޔާއާއި މުރުޝިދުގެ ލޯތައް އެމީހުންނަށް އަމާޒުވި އެވެ. އައިލީން ފެނުމުން ޒީނިޔާއަށް ލިބުނު ހައިރާންކަމުގައި އިށީނދެ އިން ގޮނޑިން ތެދުވެވުނުއިރު މުރުޝިދުގެ މޫނުމަތިންވެސް ފާޅުވީ ސިހުމެވެ. އެއާއެކު އެމީހުން ތިބީ އައިލީންއާ ބައްދަލުކުރަން ތައްޔާރުވެގެން ނޫންކަން އައިލީންއަށް އެނގުނެވެ.
"މަންމާ.. މިއީ އައިލީން.. ލީން.. މިއީ މަންމަ އެނގޭ.. ދެން އެ އިންނެވީ ބައްޕަ" އައިލީން ބަލައިލުމާއެކު މުރުޝިދު ހިނިތުންވެލި އެވެ. އޭރު ޒީނިޔާ ލަސްފިޔަވަޅުތަކެއްގައި އައިސް އައިލީންގެ ގާތަށް ހުއްޓެނީ އެވެ.
"ދަރިފުޅާ.. މިއީ ސަމާސާއެއް ނޫންތަ؟" ޒީނިޔާއަށް މަޑުމަޑުން މައިޝާންގާތު އަހައިލެވުނެވެ.
"ހެހެ. މަންމަ ދައްކާ ވާހަކަ. މިއީ ދެން މީހުން ސަމާސާކުރާ ކަހަލަ ކަންކަންތަ؟ އަހަރުމެން ބޭނުންވަނީ އަސްލުވެސް މެރީ ކުރަން. ނޫންތަ ލީން؟" މައިޝާންގެ ވާހަކައަށް އެއްބަސްވަމުން އައިލީން ބޯ ޖަހައިލި އެވެ. ޒީނިޔާއަށް ހިނިތުންވެލަންވެސް އެނގުނީ އެހިސާބުންނެވެ. މީގެ ދެތިން ދުވަހެއް ކުރިން މައިޝާން ކުއްލިއަކަށް ކައިވެނީގެ ވާހަކަ ދައްކަން ފެށުމުން ޒީނިޔާއާއި މުރުޝިދަށް އިންތިހާ ދަރަޖައިގެ ނުތަނަވަސްކަމެއް ލިބުނެވެ. އެ ދެމަފިރިންނަށްވެސް ހީކުރެވުނީ ކިޔާރާއާއެކު އުޅެމުން މައިޝާން ހަމަ ރަނގަޅަށްވެސް "ޅައެއްޗެއް" އެޅީކަމަށެވެ. މައިޝާން ކައިވެނިކުރަން އުޅެނީ ކިޔާރާއާ ކަމުގަ އެވެ.
"މާޝާﷲ. ވަރަށް ރީތި" ޒީނިޔާ ނިކަން ލޯތްބާއެކު އައިލީންގެ އިސްތަށިގަނޑުގައި ފިރުމައިލި އެވެ. އެފަދަ މައިވަންތަކަމުގެ ފިރުމުމަކަށް ފެންބޮވައިގެންފައިވާ އައިލީންއަށް ވަގުތުން އިސްޖަހައިލެވުނީ މާބޮޑަށް ޖަޒުބާތީ ވެވިދާނެހެން ހީވާން ފެށުމުންނެވެ. "ދަރިފުޅު ކައިފިންތަ؟ ހިނގާ ކާން ދާން ދޯ؟" ޒީނީޔާއާއި އައިލީންގެ ފަހަތުން މައިޝާންވެސް ކާމޭޒާ ދިމާލަށް ހިނގައިގަތެވެ.
ޒީނިޔާއާއި އައިލީން މޭޒުގެ އެއްފަރާތުގައި އިށީނުމުން މައިޝާންއަށް އިށީންނަން ޖެހުނީ މުރުޝިދާ ޖެހިގެންހުރި ގޮނޑީގަ އެވެ. ހަމަ އިށީނުމާއެކު މުރުޝިދު ދެ ފަހަރަކު މައިޝާންގެ ކޮނޑުގައި ޖަހައިލުމަށްފަހު ސާބަހޭ ބުނާފަދައިން މައިޝާންއަށް ހިނިތުންވެލި އެވެ. އެއާއެކު މައިޝާން ހިނދުކޮޅަކަށް ހުއްޓުންއެރި އެވެ. މޭޒާ ކައިރިވެލުމަށް ގޮނޑީގެ ދެފަރާތުގައި ހިފަހައްޓައިލި އަތްވެސް ދޫކޮށްލަން ނޭނގިފައި އިނދެވުނީ އެވެ. ބައްޕަގެ ދެލޮލުން އޭނާއާމެދު ނަފްރަތާއި، ފޫހިކަމާއި، މާޔޫސްކަން ފިޔަވައި އިތުރު އަސަރެއް އެ ފެނުނީ ކިތައް އަހަރަށްފަހު ބާއޭ ހިތަށްއެރި އެވެ. ހަމަގައިމުވެސް މިއީ އޭނާގެ މުޅި އުމުރުގައިވެސް ބައްޕަގެ ދެލޮލުން ފަހުރުވެރިކަމާއެކު އޭނާއަށް ބަލައިލި ފުރަތަމަ ފަހަރުކަން މައިޝާންއަށް ޔަގީންވި އެވެ. އޭނާއަށް ލިބުނު ހިތްހަމަޖެހުމުގެ ހެއްކަކަށް ތުންފަތަށް ވެރިވި ހިނިތުންވުން ފުދެ އެވެ. މޭޒުގެ އަނެއްފަރާތުގައި އިން އައިލީންއަށް އޭނާ ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ.
-ނުނިމޭ -
ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ