ކާފޫރު ތޮޅިއަކީ ކުރީ ޒަމާނުއްސުރެން ފެށިގެން ކެއުމުގަ އަދި ޓްރެޑިޝަނަލް ބޭހެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބާވަތެކެވެ. ކާފޫރު ތޮޅި އެންމެ ފުރަތަމަ ފެނިފައިވަނީ އިންޑިއާއިންނެވެ. އާންމު ގޮތެއްގައި މެދު އިރުމައްޗާއި އަރަބި ގައުމުތަކުގައި ކެއުމުގައި ބޭނުންކުރާ ކާފޫރު ތޮޅި މިހާރު ވަނީ ހުޅަނގު ގައުމުތަކުގެ މެދުގައިވެސް މަގުބޫލުކަން ހޯދާފައެވެ.
ރިހަ ކައްކާއިރު، ބައެއް ކަހަލަ ފޮނި އެއްޗެހި ތައްޔާރު ކުރާއިރު، މަހުގެ ބާވަތްތައް ތައްޔާރު ކުރާއިރު އަދި މީގެ އިތުރުން ތަފާތު އެކި ވައްތަރުގެ ބުއިންތައް ތައްޔާރުކުރާއިރުވެސް ކާފޫރު ތޮޅި ބޭނުންކޮށް އުޅެއެވެ. އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އެންމެ ގިނައިން ކާފޫރު ތޮޅި ބޭނުން ކުރެވެނީ ދުފުމުގައާއި، މަސާލާ ސައި ތައްޔާރު ކުރާއިރު އަދި ފޮނި ކާތަކެތި ތައްޔާރު ކުރާއިރުއެވެ.
މާރކެޓްގައި ތަފާތު ގޮތް ގޮތަށް ތައްޔާރުކޮށްފައިވާ ކާފޫރު ތޮޅި ލިބެން ހުރެއެވެ. އެގޭތެރޭގައި މުގުރާ ޗިސް ކޮށްފައި ހުންނަ ކާފޫރު ތޮޅިއާއި، ކާފޫރު ތޮޅި ބޭނުންކޮށްގެން ތައްޔާރު ކުރެވިފައިވާ ތެލާއި އަދި ސަޕްލިމެންޓެއްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރު ކުރެވިފައިވާ ކާފޫރު ތޮޅި ކެޕްސިއުލް ފާހަގަ ކޮށްލެވެއެވެ.
ކާފޫރު ތޮޅިއާއި ކާފޫރު ތެލުގައި ބޭސްވެރިކަމުގެ އަސަރުތައް އެކުލެވޭ ކަމަށްވަނީ ފާހަގަ ކުރެވިފައެވެ. އަދި ފާއިތުވި ޒަމާންތަކުގައި ޓްރެޑިޝަނަލް ބޭހެއްގެ ގޮތުގައި ކާފޫރު ތޮޅި ވަނީ ބޭނުން ކޮށްފައެވެ. މި ލިޔުމުގައި ކާފޫރު ތޮޅީގައި އެކުލެވޭ ބައެއް ކަހަލަ ބޭސްވެރިކަމުގެ އަސަރުތަކަށް ކުޑަ ނަޒަރެއް ހިންގާލެވޭތޯ މަސައްކަތް ކޮށްލާނަމެވެ.
ބެކްޓީރިއާ އަދި ފަންގަސް މަރާލަ ދިނުމަށް އެހީތެރިވެދިނުން:
ކާފޫރު ތޮޅި ތެލުން ބެކްޓީރިއާ އަދި ފަންގަސް މަރާލަ ދިނުމަށް އެހީތެރިވެދާނެއެވެ. ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ކާފޫރު ތޮޅި ތެލުން ވަރަށް ގިނަ ބާވަތުގެ ބެކްޓީރިއާ އަފި ފަންގަސް މަރާލަދެއެވެ. ސައިސްވެރިން ލަފާ ދެއްވާ ގޮތުގައި ކާފޫރު ތޮޅި ތެލުން ބެކްޓީރިއާ މަރާލަދިނުމަށް އެހީތެރިވެދެނީ، ތެލުގައި ބެކްޓީރިއާގެ ސެލް މެމްބްރޭން ( ބޭރު ފަށަލަ؟) ހަލާކު ކޮށްލުމުގެ ގާބިލުކަން ވާތީއެވެ. ޑޮކްޓަރީ ބޭސް ނަންގަވާ ބޭފުޅުން ކާފޫރު ތޮޅި ތެޔޮ ބޭނުން ކުރުމުގައި ސަމާލުކަށްދޭންވާނެއެވެ. ބައެއް ކަހަލަ ބޭސްތައް ބޭނުން ކުރައްވާއިރު ކާފޫރު ތޮޅި ތެޔޮ ބޭނުން ކުރުމުން އެލާޖިކް ނުވަތަ އިތުރު އުނދަގުލެއް ކުރިމަތިވެދާނެއެވެ. ވީމާ އަބަދުވެސް ކާފޫރު ތޮޅި ތެޔޮ ބޭނުން ކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދާލަންވާނެއެވެ.
ފުރަމޭގެ ދުޅަހޮކަމަށް:
ކާފޫރު ތޮޅީގައި އެކުލެވޭ ކަމަށް ބުނެވޭ ޑިޓޮކްސިފައިން ( ހަށިގަނޑު ސާފުކޮށްދިނުން) މާއްދާގެ ސަބަބުން އާޔުރްވެދިކް ބޭސްވެރިކަމުގައި ކާފޫރު ތޮޅި ބޭނުން ކުރެއެވެ. ނޮން އަލްކަހޯލިކް ފެޓީ ލިވަރ ބަލި ހުންނަ ބަރުދަން މާ ބޮޑަށް މަތިވެފައިވާ މީހުންނާއިއެކު ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ފެހި ކާފޫރު ތޮޅި ސަޕްލިމެންޓް ނެގި ފަރާތްތަކުގެ ފެޓީ ލިވަރ ބައްޔަށް ކުރިއެރުން ކާފޫރު ތޮޅީގެ ސަޕްލިމެންޓް ނުނަގާ މީހުންނަށްވުރެން ބޮޑަށް ލިބުނެވެ. ކާފޫރު ތޮޅިން ފުރަމޭ ސާފު ކޮށްދޭކަމަށް ބުނުމަށްޓަކައި ސައިންޓިފިކް ގޮތުން އެކަށޭނެ ހެއްކެއް އަދި ނެތެވެ.
މިއީ އަދި އިތުރަށް ތަހުގީގު ކުރަން ޖެހިފައިވާ ކަމެކެވެ.
ކެއްކުމުގައި ކާފޫރު ތޮޅި ބޭނުން ކުރުމަކީ އޭގެ ސަބަބުން ނުރައްކާތެރި ވެދާނެ ކަމުގެ އެއްވެސް ރިޕޯޓެއް އަދި ކޮށްފައެއް ނުވެއެވެ. އާންމުކޮށް ކާފޫރު ތޮޅިއަކީ އެންމެންނާވެސް ގުޅޭ އެއްޗެކެވެ. ކާފޫރު ތޮޅީގައި އެންޓިއޮކްސިޑެންޓް އަދި އެންޓި-އިންފްލެމޭޓަރީ ގާބިލުކަން ހުރުމުން ސިއްހަތު ރަނގަޅުކޮށްދެ އެވެ. ނަމަވެސް ކާފޫރު ތޮޅިން އެއްވެސް ސިއްހީ ހާލަތަކަށް ފަރުވާ ދެވިދާނެކަން ދެނެގަތުމަށްޓަކައި އިތުރު ދިރާސާތަކެއް ކުރަން ޖެހެއެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.
- އުންމު ނަވާރު
މައުލޫމާތު ނެގީ
Berry, J. Cardamom: 7 health benefits, dosage, and side effects, Medical News Today.
ކާފޫރުތޮޅިއަކީ ބެކްޓީރިއާތަކާ ފަންގަހުން ސަލާމަތްކޮށްދިނުމުގެ އިތުރުން ފުރަމެއަށް ދުޅަހެޔޮކަން ގެނެސްދޭ ޞިއްހަތަށް ފައިދާހުރި ބާވަތެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ