މީޑިއާތަކުގެ ރެގިއުލޭޓް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަކީ މީޑިއާތައް ސަރުކާރުން ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް ބިލެއް ކަން ފާހަގަކޮށް، މަޖިލީހުގެ ކޮމިޓީގައި ބައިވެރިވި ހުރިހާ މީޑިއާތަކުގެ ނޫސްވެރިން މިއަދު ގޮވާލައިފި އެވެ.
ވީކިހިނެއް؟ - ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކުންނާއި ނޫސްވެރިން ވެސް ބިލު ބޭރުކުރުމަށް ގޮވާލަމުން ދަނިކޮށް މަޖިލީހަށް ބަލައިގެން ކޮމިޓީގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
މިއަދު ރާއްޖޭގެ ރަޖިސްޓްރީކޮށްފައިވާ ނޫސްތައް ތަމްސީލްކުރާ ނޫސްވެރިން ބައިވެރިވެ، އެ ނޫސްތަކުގެ ފަރާތުން މި ބިލާ މެދު ދެކޭ ގޮތް ހާމަކޮށްފަ އެވެ. އެގޮތުން:
ބައްދަލުވުމުގައި ބައިވެރިވާން ކުރިއާލާ ރަޖިސްޓްރީވާން މަޖިލީހުން ހުޅުވާލި ފުރުސަތުގައި 40 އާ ގާތްކުރާ ވަރަށް މީޑީއާތަކުން ރަޖިސްޓްރީކުރި
އޭގެ ތެރެއިން 22 މީޑިއާއެެއްގެ ފަރާތުން ނޫސްވެރިން ކޮމިޓީގައި ބައިވެރިވެ، އެންމެ މީޑިއާއެެއް ފިޔަވައި އެހެން ހުރިހާ މީޑިއާއަކުން ވެސް ބިލު ބޭރުކުރަން ގޮވާލި
ތަފްސީލް - އެ ބައްދަލުވުމުގައި އިންނެވި އެންމެ ސީނިއާ ނޫސްވެރިޔާ، 'ދައުރު' ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) ވިދާޅުވީ ދިވެހި ދައުލަތުގެ މިނިވަންކަން ހޯދުމަށް ވުރެ ކުރި ހަނގުރާމަށް ވުރެ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަން މިނިވަންކަން ހޯދުމަށް، ދިވެހިންގެ ތެރެއިން ބަޔަކު ކުރި 'ހަނގުރާމަ' އެވެ.
"އޭގެ ފަހުގައި އެއް ސިޔާސީ ޕާޓީއަކަށް ރާއްޖޭގެ ވެރިކަމެއް ނުކުރެވޭ. ތި ބޭފުޅުން ވެސް ތާ އަބަދު ވެރިކަމުގައި ނުތިބޭނެ. މިގޮތަށް މީހާ އަސާސީ ހައްގެއް ހަނިކުރަން މަސައްކަތްކޮށްގެން ނުވާނެ،" ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ބާރުތައް މިނިވަންކަމާއެކު މަސައްކަތްކުރުމަށް އިމްތިޔާޒުތަކާއި ސެލްފް ރެގިއުލޭޝަން ނިޒާމަކީ މުޅި ދުނިޔެ އިން ވެސް ބަލައިގެންފައިވާ ހަމައެއް ކަމަށެވެ.
ރާއްޖޭގައި ވެސް އޭގެ އޮތް އެންމެ ބޮޑު މިސާލަކީ ރައްޔިތުންގެ މަޖިލީސް ކަން ޒާހިރު ފާހަގަކުރެއްވި އެވެ. މަޖިލީހުގެ މެންބަރުންގެ މައްސަލަތައް ބެލުމުގެ ބާރު އޮންނަނީ މަޖިލީހުގެ މެންބަރުންތަކެއް ތިއްބަވާ ސުލޫކު ކޮމިޓީ އަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ރެގިއުލޭޓް ކުރުމަށް އަޅުގަނޑުމެން އިހުތިރާމްކޮށްގެން މި ތިބީ. އެ ނިޒާމު މީޑިއާތަކަށް ވެސް މި އޮތީ. ނިޒާމުގައި ހުރި އުނި ކަންކަން ރަނގަޅުކުރަންވީ," އެޑިޓާސް ގިލްޑްގެ ރައީސްކަން ވެސް ކުރައްވާ ޒާހިރު ވިދާޅުވި އެވެ.
'މިހާރު' ނޫހުގެ މެނޭޖިން އެޑިޓަރު މުއިއްޒު އިބްރާހިމް ވެސް ވިދާޅުވީ މަޖިލީހުގެ އިތުރުން ގާނޫނީ ވަކީލުން، ޑޮކްޓަރުންނާއި ނަރުހުން ވެސް ރާއްޖޭގައި ރެގިއުލޭޓް ކުރަނީ އެ ދާއިރާގެ ތަޖުރިބާކާރުން ތިބޭ ކޮމިޝަނަކުން ކަމަށެވެ. 'ސެލްފް ރެގިއުލޭޓަރީ' ނިޒާމެއްގެ ތެރެއިން ކަން މުއިއްޒު ފާހަގަކުރެއްވި އެވެ.
ކުރިން މީޑީއާ ކައުންސިލްގައި މަސައްކަތްކުރެއްވި މުއިއްޒު ވިދާޅުވީ މީގެ ކުރިން އެތައް ފަހަރަކު އެ ކައުންސިލުން އިސްވެ، މިހާރަށް ވުރެ ރަނގަޅަށް ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ހިންގާނެ ގޮތްތައް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް އައި އިރު ވެސް އެ ކަމަށް ހައްލެއް ގެންނަން އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނެތްކަން ފާހަގަކުރެއްވި އެވެ. އޭގެ ބަދަލުގައި މަޖިލީހަށް ބަލައިގަތީ މީޑިއާތަކާއި މަސްލަހަތުވެރިންގެ ހިޔާލެއް ނުހޯދާ ތައްޔާރުކޮށްފައިވާ ބިލަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސެލްފް ރެގިއުލޭޓަރީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުނުކޮށް، ހައްލުކުރަން ދައުލަތާއި ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ނުކޮށް މިހާރު ނުކުމެ ނިޒާމު ރަނގަޅެެއް ނޫނޭ ބުނާ ބުނުން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ," ރާއްޖޭގެ ހުރި އެންމެ ތަޖުރިބާކާރު ކޯޓު ރިޕޯޓަރު މުއިއްޒު ވިދާޅުވި އެވެ.
ޖުމުލަ ގޮތެއްގައި ހުރިހާ ނޫސްވެރިން ވެސް ފާހަގަކުރި ބައެއް މައްސަލަތަކަކީ:
އާ ކޮމިޝަން އެކުލަވާލަން ދެން ވަގުތީ ގޮތުން ސިވިލް ސާވިސް ކޮމިޝަންގެ ކޮމިޓީއަކަށް ހަވާލުކުރާއިރު އެއީ މީޑިއާ ރެގިއުލޭޓަރީއާ ގުޅުން އޮތް ތަނެއް ނޫން
ކޮމިޝަންގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ވަކިކުރުމުގެ ބާރު އޮތުމުން އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރާނެކަން
ކޮންމެ ސަރުކާރެއްގައި އެ ސަރުކާރެއްގެ ޕްރޮޕެގަންޑާ ފަތުރާ ކަމަށް މަޝްހޫރުވެފައިވާ ދައުލަތުގެ މީޑިއާގައި ނޫސްވެރިން ގިނަވީތީ، ކޮމިޝަންގެ ބާރު ނެގުމުގެ ފުރުސަތު އޮންނާނެ ކަން
ކޮމިޝަނަށް ދީފައިވާ ބާރުތަކަކީ ރާއްޖޭގެ މި ވަގުތު ޖިނާއީ މައްސަލަތައް ބަލަން އޮންނަ ފުލުހުންނާއި އެހެން ތަންތަނަަށް ވެސް ނުލިބޭނެހާ ބޮޑެތި ބާރުތަކެއް
މީޑިއާއަކުން މީހަކު ދައްކާ ދޮގު ވާހަކައެއް ރިޕޯޓްކޮށްފިނަމަ ފިޔަވަޅު އަޅަން ބިލުގައި އޮތް އިރު ތެދު ދޮގު ހޯދުމާއި މީހަކު ދައްކާ ވާހަކައެއް ގެނެސްދިން މީޑިއާއަކަށް ފިޔަވަޅު އެޅުން ފަދަ ކަންކަމަކީ ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެއްދި
ވަކި ފިކުރުތައް އާލާ ދިރުވުމަށް މަސައްކަތްކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނައިރު ނޫސްވެރިއަކު އެ ގޮތަށް ފާޅުކުރާ ހިޔާލަކުން ފިޔަވަޅު އެޅުމަކީ ރާއްޖެ ބަލައިގެންފައިވާ މަލްޓި ޕާޓީ ޑިމޮކްރެސީގެ އަސާސްތަކާ ހިލާފު ކަމެއް
ގާނޫނުއަސާސީގެ ވަރަށް ގިނަ ހައްގުތައް ހަނިވާ ގޮތަށް އަދި ގާނޫނީ މަފުހޫމުތަކާ ވެސް ހިލާފަށް ގިނަ މާއްދާތަކެއް އޮތް އެ ބިލު އިސްލާހުކުރުމަކީ ކުރެވޭ ވަރަށް ވުރެ އުނދަގޫ ކަމެއް ކަން ހުރިހާ މީޑިއާއަކުން ފާހަގަކުރި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އިއްޔެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން ވެސް މި ބިލާ ދެކޮޅުކަން ހާމަކުރި އެވެ. އެ ދެ މުއައްސަސާއިން ވެސް އެންމެ ބޮޑު ކަންބޮޑުވުމެއް ގޮތުގައި ފާހަގަކުރީ، ކުރިއާލާ ހިޔާލާއި މަޝްވަރާ ނުހޯދާ އޮތް ބޮޑު ބިލެއް ތަޅުމަށް ބަލައިގެނެގެން އިސްލާހުކުރަން އުޅޭތީ އެވެ.
އެއް އަޑަކުން މަޖިލީހުގައި ނޫސްވެރިން ގޮވާލީ މީޑިއާ ކޮންޓްރޯލް ބިލް ބޭރުކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ