މަހެއް ތެރޭ ކޭޕާކްގެ 4 ފުލެޓެއް ހަވާލުކުރުމަށާއި، ނުކޮށްފި ނަމަ 2.9 މިލިއަން ދޭން ހުކުމެއް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިސް ބޭފުޅެއް, އަދި ސިޔާސީ ގިނަ މަގާމުތަކެއް ފުރުއްވި ކަކާގެއާގޭ އަލީ އާދަމަށް، ކޭޕާކުން ވިއްކި ހަތަރު އެޕާޓްމަންޓް މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ، ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު އަދި މިހާރު ސަތޭކައަށްވުރެ ގިނަ މައްސަލަ ޝަރީއަތުގައި އޮތް، ހަސަން މަމްދޫހު (މަންޑޭ) ސޮއި ފޯޖްކޮށް، އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކި މައްސަލައިގައި ހިމެނޭ އެޕާޓްމެންޓްތަކެކެވެ. ކޭޕާކްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން އެތައް ބަޔަކަށް މަކަރާއި ހީލަތް ހެދުމުގެ ބޮޑެތި ތުހުމަތުތަކުގެ ޝަރީއަތް ފަށައިފައިވާއިރު، ފްލެޓް ގަތް ގިނަ ބަޔަކު ވަނީ މައްސަލަތައް ޝަރީއަތަށް ހުށަހަޅާފައެވެ. އަލީ އާދަމް: ކޭޕާކުން އޭނާ ބައްލަވައިގަތް ހަތަރު ފުލެޓް ހަވާލުކުރުމަށް ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ އަލީ އާދަމް ހުށަހެޅި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ގާޒީ، މުހައްމަދު އީސާފުޅު ބުދަ ދުވަހު ކުރެއްވި ހުކުމްގައިވަނީ ހަންބޯ ކުންފުންޏާއި އަލީ އާދަމާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ހަތަރު އެޕާޓްމެންޓަކީ އެ ކުންފުނިން އޭނާއާ ހަވާލުކުރަން ޖެހޭ ތަނެއް ކަން އެނގޭ ކަމަށެވެ. އެހެންކަމުން، 30 ދުވަހުގެ ތެރޭގައި އެ ހަތަރު އެޕާޓްމެންޓް ހަވާލުކުރަން ކޯޓުން ހުކުމްކޮށްފައިވެއެވެ. އެޕާޓްމެންޓް ހަވާލުނުކުރެވޭ ނަމަ، އެ ގަތުމަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް ވެސް އަލީ އާދަމްގެ ދައުވާގައި އެދިފައިވެއެވެ. އެކަމަށް ރިއާޔަތްކޮށް، ހުކުމް ކޮށްފައިވަނީ 30 ދުވަހުގެ ތެރޭގައި އެޕާޓްމަންޓްތައް ހަވާލުނުކޮށްފި ނަމަ، އެ ގަތުމަށް އަލީ އާދަމް ދެއްކި 2،900،000 ރުފިޔާ 30 ދުވަސް ތެރޭ ދައްކައި ޚަލާސްކުރުމަށެވެ. އަލީ އާދަމަކީ، އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސަލްގެ މަގާމަށް، ރައީސް ޔާމީންގެ ވެރިކަމުގައި އައްޔަން ކުރެއްވި ބޭފުޅެކެވެ. އަލީ އާދަމް ފަހުންވަނީ އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މަގާމެއްވެސް ފުރުއްވާފައެވެ. ކޭ ޕާކް ރެޒިޑެންސް ރަސްމީކޮށް އިފުތިތާހުކުރީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެ ފަހުން އެ ފުލެޓުތައް ނިންމަން ތަފާތު ތާރީޚުތައް ދިން ނަމަވެސް އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ. އެ އިމާރާތުގެ މަސައްކަތް ކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރުމުގެ ތުހުމަތުކުރީ މަންޑޭއަށެވެ. ކޭޕާކް މައްސަލައިގައި ޖޫން 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މަންޑޭ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ. އެކަމަކު، އޭގެ 10 ދުވަސް ފަހުން ޖުލައި ތިން ވަނަ ދުވަހު ހަމަ އެ ކޯޓުން ވަނީ ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މަންޑޭ ދޫކޮށްލައިފައެވެ. ކޭޕާކް ފުލެޓުތަކުގެ މައްސަލައަށް މިހާރު ނުވަ އަހަރުވެފައިވާއިރު، އެ ފުލެޓުތަކަށް ބޮޑު އަދަދުތަކުން ފައިސާ ދެއްކި މީހުންނަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައެވެ. https://sun.mv/208522 އެ މީހުން ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒާ ވެސް އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ކޭޕާކް ފުލެޓު ގަތް މީހުންނަށް އިންސާފު ލިބޭނެ އަލިމަގެއް މިހާތަނަށް ފެނިފައިނުވެއެވެ. އެ މައްސަލައަށް ހައްލެއް ނުލިބި ދިގުލާތީ މިދިޔަ ޖުލައި މަހު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ