އިންމޯ އެއާ3: ޒަމާނީ ސްމާޓް އައިނުތަކުގެ ތެރެއިން އާ އީޖާދެއް
ސްމާޓް އައިނުތަކަކީ މިހާރު ދުނިޔޭގައި ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ އެއްޗެކެވެ. ދުވަހެއް ދުވަހަކަށް މިތަކެތި ތަރައްގީވަމުން އަންނައިރު، އާ ކަންތައްތަކެއް ތައާރަފުވަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، އިންމޯގެ "އެއާ 3" އަކީ މިފަދަ އެއް އީޖާދެކެވެ. އިންމޯ އެއާ 3 ގެ އެންމެ ޚާއްސަ އެއް ސިފައަކީ އޭގެ ޔޫޒާ އިންޓަފޭސްއެވެ. މި އައިނު ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ "ސްމާޓް ރިންގް" އެއް ލިބެއެވެ. މި ރިންގަކީ ބަޓަން، ޓަޗްޕެޑް، އަދި މައުސްގެ ގޮތުގައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ. އަދި ވާޗުއަލް އޮބްޖެކްޓްތައް ޓްރެކް ކުރުމަށްވެސް މި ރިންގް އެހީތެރިވެދެއެވެ. މި އައިނުގައި ސޮނީގެ މައިކްރޯ އޯލެޑް ޑިސްޕްލޭއެއް ބޭނުންކޮށްފައިވެއެވެ. މިއީ ފުލް-ކަލާ 1080ޕިކްސެލް ޑިސްޕްލޭއެއް ކަމަށްވާއިރު، މިޑިސްޕްލޭއިން 600 ނިޓްސްގެ ބްރައިޓްނެސްއެއް ލިބޭ ކަމަށްވެއެވެ. 36 ޑިގްރީގެ ފީލްޑް އޮފް ވިއުއެއް ހުރި ނަމަވެސް، 100 ޕަސެންޓު އެސްއާރުޖީބީ ކަވަރުކުރެއެވެ. އެސްއާރުޖީބީއަކީ ސްޓޭންޑަޑް ރެޑް ގްރީން ބްލޫގެ ކުރު ނަމެކެވެ. މިއީ ކުލަތައް ކަނޑައެޅުމަށް ބޭނުންކުރާ ސްޓެންޑަޑް ކުލައިގެ ޖާގައެކެވެ. ނުވަތަ ކަލާ ސްޕޭސް އެކެވެ. ކޮމްޕިއުޓަރާއި މޮނިޓަރާއި، ޕްރިންޓަރާއި، ކެމެރާއާއި، ޓީވީ، އަދި އިންޓަނެޓްގައި ފެންނަ ގިނަ ކުލަތައް ދައްކުވައިދިނުމަށް މި ސްޓެންޑަޑް ބޭނުންކުރެއެވެ. އެހެންކަމުން، އެސްއާރްޖީބީއަކީ ތަފާތު ޑިވައިސްތަކުން އެއްގޮތް ކުލައެއް ދެއްކުމަށް އެހީތެރިވެދޭ މިންގަނޑެކެވެ. މިސާލަކަށް، ކެމެރާއަކުން ނަގާ ފޮޓޯއެއް ކޮމްޕިއުޓަރެއްގައި ބަލާއިރު، ނުވަތަ ޕްރިންޓް ކުރާއިރު، އެއްގޮތް ކުލައެއް ފެނުމަށް އެސްއާރްޖީބީ އެހީތެރިވެދެއެވެ. އިންމޯ އިން ބުނާ ގޮތުގައި، އެއާ 3 އަކީ 2ޑީ އެޕްލިކޭޝަންތައް ބޭނުންކުރުމަށް ވަރަށް ރަނގަޅު ގްލާހެކެވެ. ސްނެޕްޗެޓް ނުވަތަ އެކްސް ފަދަ އެޕްތައް ބޭނުންކުރުމުގެ އިތުރުން، ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭ ހުރިހާ އެއްޗެއްވެސް މި އައިނުގައި ބޭނުންކުރެވޭނެއެވެ. އެންޑްރޮއިޑް 14 އަށް ސަޕޯޓްކުރާ މި އައިނު ބޭނުންކުރެވޭ އެއް ގޮތަކީ 150-އިންޗީގެ ވާޗުއަލް ސްކްރީނެއްގެ ގޮތުގައެވެ. މިފަދަ ހުރިހާ ކަމެއް ކުރުމަށްޓަކައި، އެއާ 3 ގައި ކުއަލްކޮމް ސްނެޕްޑްރެގަން އެކްސްއާރް ޕްރޮސެސަރަކާއި، 8ޖީބީ ރެމް، އަދި 128ޖީބީ ސްޓޯރޭޖް ހުރެއެވެ. މީގެ އިތުރުން، ފޮޓޯ ނެގުމަށް 16-މެގާޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއެއްވެސް ހިމެނެއެވެ. އަދި ވޮއިސް އެސިސްޓެންޓް ބޭނުންކުރުމަށާއި އޯޑިއޯ އަޑުއެހުމަށް މައިކްތަކާއި ސްޕީކަރުތައްވެސް ހުރެއެވެ. އިންމޯ އެއާ 3 ގެ ކިކްސްޓާޓާ ކެމްޕޭން ސެޕްޓެމްބަރު 15 ގައި ފަށާނެ ކަމަށާއި، މި އައިނުގެ އަގަކީ 899 ޑޮލަރު ކަމަށް މި އައިނު އުފެއްދި އިންމޯ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ