މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލަން، އެޗްއާރްސީއެމުން ދެކޮޅު

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާ ކޮންޓްރޯލު ކުރާ ބިލުގައި، މީޑިއާ ކައުންސިލް އުވާލައި، އެ ކައުންސިލްގެ މަސްއޫލިއްޔަތުތައް ވެސް ހިމެނޭހެން މީޑިއާތައް ރެގިއުލޭޓްކުރެވޭ ކޮމިޝަނެއް އުފެއްދުމާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ދެކޮޅު ހަދައިފިއެވެ. ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ކޮންޓްރޯލް ބިލު މިދިޔަ ހަފުތާގެ ބުދަ ދުވަހު މަޖިލީހުން ބަލައިގަތީ މީޑިއާތަކުންނާއި ނޫސްވެރިން އެ ބިލާ ދެކޮޅަށް މުޒާހަރާކުރަމުން ދަނިކޮށެވެ. މީޑިއާ ކައުންސިލާއި، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް އެ ބިލާ ދެކޮޅު ހަދައި، ގޮވައިލީ ބިލު ބޭރުކުރުމަށެވެ. އެ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ ކަމަށް ނޫސްވެރިންނާއި ޖަމިއްޔާތަކުން ބުނެއެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ބްރޯޑްކޯމްގެ މެންބަރުން -- ފޮޓޯ/ މަޖިލިސް އެ ބިލުގައިވާ ގޮތުން މީޑިއާ ކައުންސިލް އުވާލައި، އެ ކައުންސިލްގެ މަސްއޫލިއްޔަތުތައް ވެސް ހިމެނޭހެން މީޑިއާތައް ރެގިއުލޭޓްކުރެވޭ ކޮމިޝަނެއް އުފެދޭނެއެވެ. އޭރުން މީޑިއާ ކައުންސިލާއި މިހާރު އޮންނަ ބްރޯޑްކާސްޓިން ކޮމިޝަންގެ މަސްއޫލިއްޔަތުތައް ވެސް ހިންގާނީ އެ ކޮމިޝަންގެ ދަށުން އެއް މުއައްސަސާއެއް ގޮތަށެވެ. އެ ބިލަށް އެޗްއާރްސީއެމުން ހުށަހެޅި އިސްލާހުތަކުގައި ބުނީ، ބްރޯޑްކާސްޓް މީޑިއާއާއި ޕްރިންޓް މީޑިއާ ރެގިއުލޭޓްކުރުމަށްޓަކައި މިހާރުވެސް އަމަލުކުރަމުންދާ 'މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު' އަދި 'ބްރޯޑްކާސްޓްކުރުމުގެ ގާނޫނު' އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ އިސްލާހުތައް އެ ގާނޫނުތަކަށް ގެންނަންޖެހޭ ކަމަށެވެ. އެހެންނަމަވެސް އެ ދެ ނިޒާމަކީ ވަކިން އޮންނަ ދެ ނިޒާމުގެ ގޮތުގައި ބޭއްވުމަށް އެ ކޮމިޝަނުން ވަނީ ހުށަހަޅައިފައެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މީޑިއާ ކައުންސިލްގެ މެންބަރުން -- ފޮޓޯ/ މަޖިލިސް އެއް އިދާރާއެއްގެ ދަށުން އެ ދެ ނިޒާމު ކުރިއަށް ގެންދިޔުމަށް ނިންމި ނަމަވެސް، ޕްރިންޓް މީޑިއާއާއި ބްރޯޑްކާސްޓިން މީޑިއާ ރެގިއުލޭޓް ކުރުމުގައި ގާއިމުކުރަންޖެހޭ ފަރަގު ގާއިމުކުރުމާއެކު ރެގިއުލޭޓްކުރުމަށް އެ ކޮމިޝަނުން ވަނީ ހުށަހަޅައިފައެވެ. އެޗްއާރްސީއެމުން ބުނި ގޮތުގައި ޑިމޮކްރަސީ އޮންނަ ގައުމުތަކުގައި ވެސް ބްރޯޑްކާސްޓް މީޑިއާއާއި ޕްރިންޓް މީޑިއާ ހިންގަމުން އަންނަނީ އަސާސީ ގޮތުން ތަފާތު އޮނިގަނޑެއްގެ ދަށުން ކަމަށެވެ. އަދި އެއް ކޮމިޝަނަކުން އެއް ސުލޫކީ މިންގަނޑެއް ބޭނުންކޮށްގެން އެ ދެ ނިޒާމު ރެގިއުލޭޓް ކުރުމަކީ އެ ގައުމުތަކުގައި އަމަލުކުރާ އުސޫލު ނޫން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. https://sun.mv/210120 ފާހަގަކޮށްލެވޭ ގޮތުގައި އެއް ކޮމިޝަނަކުން މީޑިއާތައް ރެގިއުލޭޓުކުރުމާ ސަރުކާރުން ވެސް ތާއީދެވެ. އެ ބިލު ހުށަހެޅުމާއެކު ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މީޑިއާތައް ރެގިއުލޭޓްކުރަން ގިނަ ތަންތަން ހުރުމުގެ ބަދަލުގައި އެންމެ ތަނެއް ކަނޑައެޅިފައި އޮތުމުން ލިބޭނީ ފަސޭހަ ކަމަށެވެ. އެ ބިލު ހުށަހެޅީ، އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅި އަމިއްލަ މެންބަރެއް ކަމަށްވީ ނަމަވެސް، ބިލުގެ ފަހަތުގައި ތިބީ ސަރުކާރު ކަމަށް އިދިކޮޅާއި މީޑިއާ ޖަމިއްޔާތަކުން ވެސް ބުނެއެވެ. އެ ތުހުމަތުކޮށްފައިވަނިކޮށް، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަނީ ބިލުގެ ދިރާސާގައި ބައިވެރިވެވަޑައިގަތް ކަމަށް ވިދާޅުވެފައެވެ. އިދިކޮޅާއި މީޑިއާތަކުގެ ހައްގުތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އެ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ