ޑުރަގު ވިއްކައިގެން ހޯދި ކަމަށް ބެލެވޭ 41،500 ރުފިޔާއާއެކު، އެއް ގެއެއްގެ ދެ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާއާއެކު، އެއް ގެއަކަށް ނިސްބަތްވާ ދެ މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މިދިޔަ އަންގާރަ ދުވަހު އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގައި މާފަންނުގެ ގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ އައްޑޫ މަރަދޫ، ނަރުގިސްމާގެއަށް ނިސްބަތްވާ އަބްދުލްޣަނީ އަބްދުލްމަޖީދު (56އ) އާއި އަހްނަފް އަޝްރަފް (27އ)އެވެ. އެ ދެ މީހުން ހައްޔަރުކޮށް ފުލުހުން ބެލިބެލުމުން، ދެ މީހުން މާލޭގައި ދިރިއުޅެމުން އައި ގޭގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 304.7 ގްރާމްގެ ތަކެއްޗާއި، އެ ތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 41،500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް، ފުލުހުން ބުންޏެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމީ ދެ މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހުމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. މި ސަރުކާރުން މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ދިރާސާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ