އިމިގްރޭޝަން އޮފިސަރަކަށް ވެގެން ފޭރުނު މީހާ ދޫކޮށްލާފައި ހުއްޓާ ޗޮކްލެޓުތަކެއް ވަގަށް ނަގައިގެން ހައްޔަރުކޮށްފި

އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މުހައްމަދު ނަވީން ދޫކޮށްލާފައި ހުއްޓައި ފިހާރައަކުން ޗޮކްލެޓުތަކެއް ވަގަށް ނެގުމުގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ނަވީން، 45، ގ. ބެރުގެ/މާލެ، ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ވަދެ ފޭރުނު މައްސަލާގައި މިދިޔަ ސެޕްޓެމްބަރު މަހު ވެސް ހައްޔަރުކުރި އެވެ. އެ ފަހަރު ހައްޔަރުކުރީ ބަންގްލަދޭޝް މީހެއްގެ އަތުން މޮބައިލް ފޯނަކާއި 9،000ރ. ފޭރިގަތުމުގެ ތުހުމަތުގަ އެވެ.
ފިހާރައަކުން ޗޮކްލެޓުތަކެއް ވަަގަށް ނެގުމުގެ ތުހުމަތުގައި ނަވީން ހައްޔަރުކުރީ އިއްޔެ އެވެ.
ތަފްސީލް - މި މައްސަލަ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ނިންމައި ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. 
ބަންދު މުއްދަތު ޖަހަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ނަވީން ބުނެފައިވަނީ އޭނާ ޗޮކްލެޓުތައް ނަގައިގެން ދިޔައީ ފައިސާ ނުދައްކާކަށް ނޫން ކަމަށާއި ބޭރުގައި ހުރި މީހެއްގެ އަތުން ފައިސާ ބަލާ ކަމަށެވެ. އަދި އެ މައްސަލާގައި ވަކީލަކު ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.
ބަންދު އަމުރުގައިވާ ގޮތުން، އޭނާއަކީ ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކުރުމާއި ބަންދު ރެކޯޑު ގިނަ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ