ސްޕާސްއިން ސިޓީ ބަލިކޮށް ތާވަލުގެ އެއްވަނައަށް

އިންގްލިޝް ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ސްޕާސްއިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ސްޕާސް އިން ކާމިޔާބު ކޮށްފައިވަނީ 0-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސިޓީއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއިންނެވެ. މި މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަލާއަށް އިސްކަން ދީގެން ވަރަށް ހަމަހަމަ ކުޅުމެއް ކުޅެމުންދިޔަ ތަނެވެ. މި މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައީ މެޗުގެ 35 ވަނަ މިނެޓުގައި ސްޕާސްއިން އުފެއްދި ކައުންޓާ އެޓޭކެއްގައި ބްރެނަން ޖޯންސަންއިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ސްޕާސްއަށް ލީޑު ނަގައިދިން ހިސާބުންނެވެ. މިލަނޑު އެންމެ ފުރަތަމަ އޮފް ސައިޑް ކަމަށް ދެއްކި ކަމަވެސް ވީއޭއާރުން ބެލުމަށްފަހު ލަނޑު ވަނީ ބަލައިގެންނެވެ. މި ލަނޑާއެކު ސްޕާސްއަށް ލިބިގެންދިޔަ ހިތްވަރާއެކު އެ ޓީމުން ހަމަލާއަށް އިސްކަންދިނުން އިތުރު ވެގެންދިޔައެވެ. އަދި ސިޓީގެ ޑިފެންސް ފެނިގެންދިޔައީ ހާސްކަމުގެ ތެރޭގައި ކުޅެމުންދިޔަ ތަނެވެ. މިގޮތުން ގާތް ގާތުގައި ސްޕާސްއިން ނުރައްކާތެރި ދެތިން ހަމަލާ އުފެއްދިއެވެ. މި މެޗުގައި ސްޕާސްގެ ދެވަނަ ލަނޑަކީ ސިޓިގެ ކީޕާ ޖޭމްސް ޓްރެފަޑް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެޓީމުން ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖާއޮ ޕައުލީނިއާ އެވެ. މިހާފުގައި ސިޓީގެ ކުރިއަށް ކުޅޭ އޮމަރު މަރުމޫޝްއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މި މެޗުގެ ދެވަނަ ހާފުގައި ސިޓިގެ ކުޅުން ރަނގަޅުވާނެކަމަށް ހީކުރެވުނު ނަމަވެސް އެކަން އެގޮތަކަށް ފެނިގެން ނުދިޔައެވެ. ސިޓީގެ މެދުތެރެއިން މި މެޗުގައި މާރަނގަޅު ކުޅުމެއް ފެނިގެން ނުދިޔައިރު ސްޕާސްއިން ވަނީ ވަރަށް ރަނގަޅަށް މެދުތެރެއިން ކުޅެ ސިޓީއަށް އެ ޓީމުގެ އަސްލު ކުޅުން ދެއްކިޔަނުދީފައެވެ. މިކާމިޔާބީ އާއެކު ސްޕާސްއިން ވަނީ މިސީޒަންގައި ލީގުގައި މިހާތަށް ނުކުޅުނު ދެމެޗު ކާމިޔާބު ކޮށް ތާވަލްގެ އެއްވަނައަށް ހަ ޕޮއިންޓާއެކު އަރާފައެވެ. އަދި މިއީ މިދިޔަ ސީޒަންގައި ވަރަށް ބަލިކަށިކޮށް ފެނިގެންދިޔަ ސްޕާސްގެ ފަރާތުން ފެނިގެންދާ ރަނގަޅު ފެށުމެވެ. އަދި މިކާމިޔާބީ އާއެކު ސްޕާސްއިން ވަނީ ސިޓީގެ ދަނޑުގައި ޖެހިޖެހިގެން ދެވަނަ ކާމިޔާބީ ހާސިލްކޮށްފައެވެ. އަދި މި ނާކާމިޔާބީއާއެކު ސިޓީއަށް އަދިވެސް ޓީމު ހަމައަކަށް އެޅުވުމަށް ޓަކައި ގިނަ މަސައްކަތް ތަކެއް ކުރައްޖެހިފާވާކަން ފާހަގަ ވެގެންދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ