އެޒޭ އާސެނަލްއަށް ސޮއިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއަށް ކުޅެމުންދިޔަ ހުނަރުވެރި ކުޅުންތެރިޔާ އެބެރެޗީ އެޒޭ އާސެނަލަށް ސޮއިކޮށްފިއެވެ. އެޒޭ އާސެނަލް އަށް ސޮއިކޮށްފައިވަނީ 60 މިލިއަން ޕައުންޑްގެ އަގަކަށެވެ. މީގެތެރޭގައި އެހެނިހެން ގޮތް ގޮތުން ދިނުމަށް އެއްބަސްވެވިފައިވާ އަށް މިލިއަން ޕައުންޑް ވެސް ހިމެނެއެވެ. އުމުރުން 27 އަހަރުގެ އެޒޭ އަކީ މިސީޒަނަށް އާސެނަލް އިން އެ ޓީމަށް ގެންދިޔަ ހަތްވަނަ ކުޅުންތެރިޔާއެވެ. ޕެލަސްގައި މޮޅު ކުޅުމެއް ކުޅެމުންދިޔަ އެޒޭ ގެންދިއުމަށް އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ޓޮޓްނަމް ހޮޓްސްޕާއިންނެވެ. މިގޮތުން ސްޕާސްއިން އޮތީ ޕެލަސް އާއި އެޒޭ އާއެކު އެއްބަސްވުމަކަށްވެސް އައިސްފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އާސެނަލްއިން ބޮޑު އަގެއް ހުށަހެޅުމުގެ އިތުރުން އެޒޭ ދެކްލަބްގެ ތެރެއިން ދާންބޮޑަށް ބޭނުންވީ އާސެނަލް އަށް ކަމުން އެޓީމަށް މިވިޔަފާރީގައި ކުރި ލިބިގެންދިޔައީއެވެ. އެޒޭ އޭނާގެ ޔޫތު ކެރިއާ ފައްޓާފައިވަނީ އާސެނަލްއިން ކަމުން އޭނާގެ ހިތުގާ އާސެނަލްއަށް ހާއްސަ ޖާގައެއް ދެވިފައިވެއެވެ. އާސެނަލްއިންވަނީ އެ ޓީމުން ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން އެ ޓީމުގެ ސަޕޯޓަރުންނަށް އެޒޭ އާންމުކޮށް ދައްކާލައިފައެވެ. އާސެނަލްގެ ކޯޗު މިޚޭލް އާޓޭޓާ ފާހަގަކުރިގޮތުގައި އެޒޭއަކީ ވަރަށް ހުނަރުވެރި ވަރުގަދަ ކުޅުންތެރިއެކެވެ. އަދި އޭނާގެ ސަބަބުން އާސެނަލްއިން އުފައްދާ ހަމަލާތަކެއް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އެޒޭ އޭނާގެ ސީނިއާ ފުޓްބޯޅަ ކެރިއާ ފަށާފައިވަނީ ކްއީންސް ޕާކް ރޭންޖާސްއިންނެވެ. އަދި 2020ވަނަ އަހަރު އޭނާވަނީ ޕެލަސް އަށް 19.5 މިލިއަން ޕައުންޑްގެ އަގަކަށް ބަދަލުވެފައެވެ. އޭނާ ޕެލަސްއަށް ކުޅުނު 169 މެޗުގައިވަނީ 40 ލަނޑު ޖަހައިދީފައެވެ. އަދި މިދިޔަ ސީޒަންގައި އެޓީމަށް 14 ލަނޑު ޖަހައިދީ 11 އެސިސްޓް ކޮށްފައިވެއެވެ. މީގެތެރޭގައި އޭނާ އެފް އޭ ކަޕްގެ ފައިނަލްގައި ކާމިޔާބު ކުރި މުހިންމު ލަނޑު ވެސް ހިމެނިގެންދެއެވެ. އާސެނަލްއަށް ސޮއި ކުރުމަށްފަހު ޕެލަސްގެ ސަޕޯޓަރުންނަށް ސޯޝަލް މީޑިއާގައި ލިޔުނު މެސެޖްގައިވަނީ އޭނާގެ ހިތުން ޕެލަސް އާއި އެޓީމުގެ ސަޕޯޓަރުން ދުވަހަކުން ފިލައިގެން ނުދާނެކަމަށެވެ. އަދި އޭނާ އަށް ޕެލަސްގެ ހުރިހާ ފަރާތްތަކުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ވަގުތާއި ޖެހެންދެން ބެހެއްޓި ގާތްކަމާއި ދިން ލޯބި މިއީ ހިތުން ފިލައިގެންދާނެ ކަންތަައްތައް ނޫން ކަމަށް ވެސް އޭޒޭ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ