އައިޓީއެފް މުބާރާތުން ހޯދި ފުރަތަމަ ރަން މެޑަލްއާއެކު އާރާ ތާރީހުގެ ތެރެއަށް

މޯލްޑިވްސް އޯޕަން ޖޫނިއާ އިންޓަނޭޝަނަލް ޓެނިސް މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ރާއްޖޭގެ އާރާ އާސަލް އާޒިމް ހޯދާ، ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. މިއީ ރާއްޖޭގެ ޓެނިހުގައި ބޮޑު ކާމިޔާބީއެކެވެ. އެއީ ދުނިޔޭގެ ޓެނިސް ފެޑެރޭޝަނުން ގަބޫލުކުރާ ޖޫނިއާ މުބާރާތުގެ ޑަބަލްސް އިވެންޓްގައި އޭނާ ޗެމްޕިއަންކަން ހޯދުމުންނެވެ. އާރާ ޗެމްޕިއަންކަން ހޯދީ އޭނާގެ ޑަބަލްސް ޕާޓްނަރ ތައިލެންޑްގެ ޓަރީޓާ ހޮންސިޔާ އާއެކު އެވެ. މޯލްޑިވްސް އޯޕަން ޖޫނިއާ މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން އާރާ ހޯދުމާއެކު އޭނާ ވެފައިވަނީ އައިޓީއެފް މުބާރާތަކުން ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އާރާ އާއި ޓަރީޓާގެ ޕެއާއިން މެޗު ކާމިޔާބުކުރީފައިނަލުގައި ވާދަކުރީ ދެކުނު ކޮރެއާގެ ސަންހިއުން ޗޯ އާއި ޗައިނާގެ ޔައިޝަން ޝޫ އާއި ވާދަކޮށް 6-2 އަދި 6-1 އިންނެވެ. މީގެެ އިތުރުން ފިރިހެން ޑަބަލްސް ކެޓަގަރީގެ ސެމީ ފައިނަލަށް ރާއްޖޭގެ މުހައްމަދު ނޫހް ނާޒިހާއި ދާއޫދު ޝަހީބުގެ ޕެއާ ދަތުރުކުރިއެވެ. ސެމީގައި އެ ޕެއާ ބަލިވީ ސްވިޒަލެންޑްގެ ޗާލީ ބާޒަލް އާއި ތައިލެންޑްގެ ދަންތައި ޓާކޮންގެ ޕެއާ އަތުންނެވެ. ޗާލީ އާއި ދަންތައިގެ ޕެއާއިން މެޗު ކާމިޔާބުކުރީ 7-6 އަދި 7-3ގެ ނަތީޖާ އަކުންނެވެ. މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ސިންގަލްސް ބައިން އެންމެ ބޮޑު ކާމިޔާބެއް ހޯދީ ނަބާ ނިޝާނެވެ. އޭނާ ވަނީ އެ ކެޓަގަރީން ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ޖުމްލަ 24 ގައުމެއްގެ ކުުޅުންތެރިން ވާދަކުރި މި މުބާރާތުގެ އަންހެން ސިންގަލްސްގައި 32 ކުޅުންތެރިން ވާދަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ