އެމެރިކާގެ ހަމަލާތަކުން އީރާނުގެ ފަރުބަދަތަކުގެ އަޑީގައިވާ ނިއުކްލިޔާ މަރުކަޒުތަކަށް ހަލާކެއް ނުވޭ: ރިޕޯޓް

ވޮޝިންޓަން (30 ޖޫން 2025) : އެމެރިކާ އީރާނަށް ދިން ވައިގެ ހަމަލާތަކުން އީރާނުގެ ފަރުބަދަތަކުގެ އަޑީގައިވާ ނިއުކްލިޔާ މަރުކަޒުތަކަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާކަން މިކަމާ ބެހޭގޮތުން އެމެރިކާ އެންމެ ފަހުން ހޯދި ޖާސޫސީ މައުލޫމާތުން ހާމަވެއްޖެއެވެ. އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓު ބުނާގޮތުން އެމެރިކާގެ ހަމަލާތަކުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ސެޓަލައިޓް ފޮޓޯތަކާއި އީރާނުގެ އެތެރޭގައި ހަރަކާތްތެރިވާ އެމެރިކާގެ ޖާސޫސުންނާ ގުޅިގެން އަދި އެ ނޫން ވެސް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން އެމެރިކާ ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މައުލޫމާތުތަކުގެ އަލީގައި އެމެރިކާ ތައްޔާރުކޮށްފައިވާ އެންމެ އަދާހަމަ ޖާސޫސީ ރިޕޯޓް ބުނާގޮތުން އީރާނުގެ ފޯޑޯ ނިއުކްލިޔާ މަރުކަޒު ހުރީ ފަރުބަދަތަކުގެ އަޑިން 300 ވަރަކަށް މީޓަރު ފުނުގައެވެ. މި މަރުކަޒު ހަލާކުކޮށްލަން އެމެރިކާ އެޅި "ޖީބީޔޫ 57 އޭ" ބޮމުން ހަލާކުކުރެވިފައިވަނީ 60 މީޓަރުގެ އަޑީގައިވާ ތަންތަނެވެ. 300 މީޓަރާ ގާތްކުރާ މިންވަރަށް ވެސް މި ބޮމަށް ފޫއަޅުވާލެވިފައި ނުވެއެވެ. އާންމުކޮށް "ޖީބީޔޫ 57 އޭ" ބޮމަކީ 70 މީޓަރު ފުނުގައިވާ ތަންތަން ހަލާކުކޮށްލުމުގެ ގާބިލްކަން ހުންނަ ބޮމެކެވެ. ނަމަވެސް ފަރުބަދަތަކުގެ ހިލަތަކުގެ ވަރުގަދަކަމާއި ބަލިކަށިކަން މީގެ މުހިއްމު ދައުރެއް އަދާކުރެއެވެ. ފޯޑޯގެ ފަރުބަދަތަކަކީ ހިލަ ފރުބަދަތަކެކެވެ. އެ ފަރުބަދަތަކުގެ މައްޗަށް އީރާނުގެ ސިފައިން ވަރަށް ކުރީއްސުރެ ވަނީ ދަގަނޑާ އެކު ކޮންކްރީޓް ވެސް އަޅާފައެވެ. ވޮޝިންގްޓަން ޕޯސްޓްގައިވާ ރިޕޯޓް ބުނާގޮތުން އެމެރިކާ އެޅި "ޖީބީޔޫ 57 އޭ" ބޮމުގެ ސަބަބުން ފޯޑޯ ނިއުކްލިޔާ މަރުކަޒުގެ ބިންގަރާހަށް ފައިބާ ދޮރާއި ގޭޓުވަނީ ހާލާކުވެފައެވެ. ނަމަވެސް ބޮން ގޮސްފައިވާ ފުންމިނަށް ބަލާއިރު 60 މީޓަރަށް ވުރެ އަޑިއަށް އޭގެ އަސަރުކޮށްފައިވާކަން ސެޓަލައިޓް ފޮޓޯތަކަކުން ނުދައްކައެވެ. ފޯޑޯ ނިއުކްލިޔާ މަރުކަޒު ހުންނަނީ ފަރުބަދަތަކުގެ އަޑިން 300 ވަރަކަށް މީޓަރު ފުނުގައެވެ. މިތަން މިހާ ފުނުގައި ބިނާކުރީ ވެސް އެހާ އަޑިއަށް ފޮނުވާލެވޭވަރުގެ ބޮން ތަރައްގީ ނުކުރެވޭނެކަމަށް ބަލާފައިކަމަށް ކުރީގެ ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ހަމަލާތަކުން އީރާނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް ހާމަކުރަން އީރާން ގެންދަނީ ދެކޮޅު ހަދަމުންނެވެ. އީރާނުގެ މަސްއޫލުވެރިން ޖުމްލަ ގޮތެއްގައި ވިދާޅުވަނީ އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުން އެ ގައުމުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. ނަމަވެސް ނިއުކްލިޔާ ޕްރޮގްރާމު ނުހުއްޓުވޭ ކަމުގައެވެ. އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ އަށް ނިއުކްލިޔާ މަރުކަޒެއްގެ ބިންމަތީގައިވާ އިމާރާތްތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިކަން ބޭރުފުށުން ފެންނަން ވެސް އެބަހުއްޓެވެ. ވޮޝިންޓަން ޕޯސްޓުގައި ޝާއިއު ކޮށްފައިވާ ރިޕޯޓްގައި މިހެން ބުނިކަމަށް ވިޔަސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ ދިފާއީ ވަޒީރު ހެގްސެޓް ވަނީ އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ މުޅި ނިއުކްލިޔާ ޕްރޮގްރާމު އެއްކޮށް ފުނޑާލެވިއްޖެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓެގަންގެ ޖާސޫސީ ޑިޕާޓްމަންޓް ކަމަށްވާ "ޑިފެންސް އިންޓެލިޖެންސް އޭޖެންސީ" (ޑީއައިއޭ) ގެ ރިޕޯޓް ބުނާގޮތުން އެމެރިކާގެ ހަމަލާދިން އީރާނުގެ ނިއުކްލިޔާ ތިން މަރުކަޒު މުޅިން ސުންނާފަތި ކޮށްލެވިފައިވާ ކަން ކަށަވަރެއް ނުވެއެވެ. އެންމެ ފުނުގައިވާ ފޯޑޯ މަރުކަޒަށް ހަމަލާގެ އަސަރު ކުރިކަން އެނގޭނެ ހެއްކެއް ވެސް އަދި ލިބިފައެއް ނުވެއެވެ. އީރާނުގައި އެކި ބާވަތުގެ 100 އަށް ވުރެ ނިއުކްލިޔާ ފެސިލިޓީ ހުރިކަމަށް ވެއެވެ. ދާދިފަހުން އީރާނުގެ އިރުމަތީގެ ފަރުބަދަމަތީގެ އެކަހެރި ސަރަހައްދަކުން ވެސް ވަނީ ނިއުކްލިޔާ މަރުކަޒެއް ހުރިކަން ފާހަގަ ކުރެވިފައެވެ. މިއީ އެމެރިކާ ހަމަލާދިން މަރުކަޒުތަކާ ހާހެއްހާ ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. މި ތަނުގެ ބޮޑުބައި ވެސް ހުރިކަމަށްވަނީ ބިމު އަޑީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ