ލަންޑަން (ޖުލައި 1) - އެންމެ ފަހުން ދެ ފަހަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ވިމްބަލްޑަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަން، ސްޕެއިނުގެ އަލްކަރާޒް، މި ފަހަރުގެ މުބާރާތުގައި އުނދަގޫ މޮޅަކުން ފަށައިފި އެވެ.
ވިމްބަލްޑަންގެ ފުރަތަމަ ބުރުގައި، އިޓަލީގެ ތަޖުރިބާކާރު ކުޅުންތެރިޔާ ފަބިއޯ ފޮގްނީނީ، އަތުން އަލްކަރާޒް، 22، އަށް ކުރިމަތިވީ ހީކުރި ވަރަށް ވުރެން އުނދަގޫ ޗެލެންޖެކެވެ. އަލްކަރާޒް ބުރަ މަސައްކަތުން މޮޅުވި މި މެޗުގެ ސެޓުތައް ދިޔައީ، 7-5 6-7 (5-7) 6-4 2-6 6-1 އިންނެވެ.
މި މެޗުގެ ފަހު ސެޓުގެ ތެރެއިން، ސަޕޯޓަރަކަށް ދިމާވި މެޑިކަލް ކަމެއްގެ ސަބަބުން މެޗު މެދުކަނޑާލަން ޖެހުނެވެ. އެ ގޮތުން، ނަތީޖާ ކަނޑައެޅުނު ސެޓުގެ ތެރެއިން، 15 މިނިޓަށް މެޗު ހުއްޓާލަން ޖެހުނީ، އަވީގައި މެޗު ބަލަން އިން ސަޕޯޓަރެއްގެ ހާލަތު ގޯސްވެގެން، އޭނާ އަށް ފަރުވާ ދިނުމުގެ ގޮތުންނެވެ.
މި މެޗުގައި، 38 އަހަރުގެ ފޮގްނީނީ ވަނީ އަލްކަރާޒަށް ހެދުނު ގޯސްތަކުގެ ފައިދާނަގައިފަ އެވެ. އެކަމަކު، މުހިންމު ވަގުތުގައި، ޕްރެޝަރުގައި ކުޅެގެން ވެސް އަލްކަރާޒް ވަނީ އޭނާ ފާއިތުވި މުބާރާތްތަކުގައި ދެއްކި ހިތްވަރު ތަަކުރާރުކޮށްފަ އެވެ. މި މެޗުން، މޮޅުވެ، އަލްކަރާޒްގެ މޮޅުވުމުގެ ސިލްސިލާ 19 މެޗަށް ދަންމާލިއިރު، އޭނާ ވިމްބަލްޑަންގެ ދެ ވަނަ ބުރުގައި ކުޅޭނީ އިނގިރޭސި ކުޅުންތެރިޔާ، އޮލިވާ ޓާވެޓާ ދެކޮޅަށެވެ.
އަލްކަރާޒް، މަސައްކަތް ކުރަމުން އަންނަނީ ޓެނިސް ތާރީހުގައި ވެސް ވިމްބަލްޑަން ތަށި ޖެހިޖެހިގެން ތިން ފަހަރަށް ހޯދި ފަސް ވަނަ ކުޅުންތެރިޔާގެ ޝަރަފް ހޯދުމަށެވެ. އަލްކަރާޒް، މިިދިޔަ އަހަރު ވިމްބަލްޑަން ތަށި ހޯދީ ފައިނަލުގައި ނޮވަކް ޖޮކޮވިޗް ބަލިކޮށްފަ އެެވެ.
ތަށި ދިފާއުކުރަން އައި އަލްކަރާޒަށް ވިމްބަލްޑަންގައި އުނދަގޫ ފެށުމެއް ތަށި ދިފާއުކުރަން އައި އަލްކަރާޒަށް ވިމްބަލްޑަންގައި އުނދަގޫ ފެށުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ