ރާއްޖޭގައި އިންވެސްޓް ކުރުމުން ރެޒިޑެންސީ ވިސާ ލިބޭ ގޮތަށް ޕްރޮގްރާމެއް ފަރުމާކޮށް، ފެށުމަށް ދިވެހި ސަރުކާރުގެ ފަރާތުން އިނގިރޭސިވިލާތުގެ އަމިއްލަ ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ އެކު ސޮއިކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބޭއްވި އިންވެސްޓްމަންޓު ފޯރަމްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ހެންލީ އެންޑް ޕާޓްނާސްގެ މެނޭޖިން ޕާޓްނަރު ފިލިޕް އަމަރާންޓޭ އެވެ.
މި ޕްރޮގްރާމް ވެގެންދާނީ މުއްސަދި މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ގެނައުމަށް ފަރުމާކުރެވޭ ޕްރޮގްރާމަކަށް ކަމަށް ސަރުކާރުން ބުނެ އެވެ.
ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ ދަށުން މިހާރު ވެސް ދެމުން އަންނަ ކޯޕަރޭޓް ރެޒިޑެންސީ ވިސާ އިތުރަށް ފުޅާކޮށް އިންވެސްޓާ ރެޒިޑެންސީ ވިސާ ޕްރޮގްރާމެއް ގޮތުގައި ފެށުމަށް މި ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ރެޒިޑެންސީ ވިސާ އިމިގްރޭޝަންގެ ގާނޫނުގައި ހިމެނީ އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އިމިގްރޭޝަން ގާނޫނަށް ގެނައި ބަދަލަކާ އެކު ނޮވެމްބަރު 25, 2020 ގަ އެވެ.
އޭގެ ކުރިން އެ ވިސާ ދެމުންދިޔައީ ރާއްޖޭގައި މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސްޓު ކުރާ މީހުންނަށެވެ. އެ ބަދަލާއެކު އެ އަދަދު 250,000 ޑޮލަރަށް ތިރިކުރި އެވެ.
އޭގެ އިތުރުން, ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 ޑޮލަރު ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ވެސް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދެވޭނެ ގޮތަށް އޮތީ ބަދަލު ގެނެސްފަ އެވެ.
ހެންލީ އެންޑް ޕާޓްނާސް އާއެކު ސޮއިކުރި ޕްރޮގްރާމްގެ ދަށުން މިފަދަ ވިސާ ދިނުމަށް ކަނޑައަޅާނެ އެންމެ މަދު އަދަދެއް އަދި ނޭނގެ އެވެ.
މިއީ ލަންޑަނުގައި ބޭސްވެފައިވާ އިންވެސްޓްމަންޓު މައިގްރޭޝަނަށް ހާއްސަ ކޮންސަލްޓަންސީ ފާމެކެވެ. ހެންލީ އެންޑް ޕާޓްނާސްގެ 55 އަކަށް ވުރެ ގިނަ އޮފީސް ދުނިޔޭގެ އެކި ގައުމުތަކުގައި ހުރެ އެވެެ.
މި ކުންފުނީގެ މައިގަނޑު މަސައްކަތްތައް ބިނާވެފައި ވަނީ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް ބޭރު ގައުމުތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހޯދައިދީ، އެ މީހުންނަށް ރެޒިޑެންސީ ނުވަތަ ސިޓިޒެންޝިޕް ހޯދައިދިނުމެވެ.
ދުނިޔޭގައި "ސިޓިޒެންޝިޕް ބައި އިންވެސްޓްމެންޓް" މޮޑެލްއަށް ހިންގި އެންމެ ފުރަތަމަ ޕްރޮގާރާމް ފަރުމާކޮށް ހިންގީ އެ ކުންފުނިންނެވެ. މި ޕްރޮގްރާމް ހިންގީ ކެރީބިއަންގެ ސެއިންޓް ކިޓްސްގެ ސަރުކާރާ ގުޅިގެންނެވެ. އޭގެ ފަހުން މޯލްޓާ، ސައިޕްރަސް، ތައިލޭންޑް، ނައުރޫ އަދި ނަމިބިއާގެ ސަރުކާރުތަކާ ގުޅިގެން ވެސް މިފަދަ ޕްރޮގްރާމްތައް އެ ކުންފުނިން ހިންގި އެވެ.
ސަރުކާރުތަކާ ގުޅިގެން ހިންގި ޕްރޮގްރާމްތައް މެދުވެރިކޮށް އެކި ގައުމުތައް ހިމެނޭހެން 15 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓު އެ ކުންފުނިން ހޯދައިދީފައިވެ އެވެ.
ރާއްޖޭގައި އިންވެސްޓްކޮށްގެން ރެޒިޑެންސީ ލިބޭ ޕްރޮގްރާމެއް ފެށުމަށް ޔޫކޭގެ ކުންފުންޏަކާ އެކު ސޮއިކޮށްފި ރާއްޖޭގައި އިންވެސްޓްކޮށްގެން ރެޒިޑެންސީ ލިބޭ ޕްރޮގްރާމެއް ފެށުމަށް ޔޫކޭގެ ކުންފުންޏަކާ އެކު ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ