ލަންޑަން (ޖުލައި 1) - ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑެން ގައުމީ ޓީމުގެ ފޯވާޑް، އަލެކްސަންޑަ އިސާކް، ވިއްކާލަން ނިއުކާސަލް އިން ކިޔާ އަގު ކުޑަކުރުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނިއުކާސަލް އިން މީގެ ތިން އަހަރު ކުރިން، 80 މިލިއަން ޑޮލަރު ދީފައި، ރެއާލް ސޮސިއެޑާޑުން ގަތް އިސާކްގެ ސޮއި ހޯދަން ގިނަ ކްލަބްތަކަކުން ޝައުގުވެރިވެ އެވެ. އިސާކްގެ ކޮންޓްރެކްޓް، 2028 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އޮތް ނަމަވެސް، އޭނާ ވަނީ ރިޕޯޓްތައް ބުނާގޮތުން، ނިއުކާސަލް ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އަންގައިފަ އެވެ.
މިދިޔަ ސީޒަނުގައި، އިސާކްގެ ގޯލަކާ އެކު، 2-1 އިން ލިވަޕޫލް ބަލިކޮށް، ނިއުކާސަލް އިން ވަނީ ފުރަތަމަ ފަހަރަށް އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. އަނެއްކޮޅުން، މިއީ، 70 އަަހަރު ތެރޭ ނިއުކާސަލަށް ލިބުނު ފުރަތަމަ ޑޮމެސްޓިކް ތަށްޓެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވެސް ފުރުސަތު ލިބިފައިވާއިރު، ނިއުކާސަލް އިން އިސާކް ބަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އާ ކޮންޓްރެކްޓެއް ހެދުމަށް ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ކްލަބް ދޫކޮށްލުމުގެ ވިސްނުން އިސާކްގެ ހުރުމުން، އޭނާ ވިއްކާލަން ކިޔާ އަގު ދަށްކުރަން ނިއުކާސަލް އިން ވަނީ މަޝްވަރާ ފަށައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ކުރިން 160 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އަގަކަށް ނުވިއްކަން ނިއުކާސަލް އިން ނިންމި އިސާކް، 100 މިލިއަން ޑޮލަރަށް ވެސް ދޫކޮށްލުމުގެ ފުރުސަތު ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ފަހިވެގެންދާނެ އެވެ.
ނިއުކާސަލް އިން އަންނަނީ އައިންޓްރަކްޓް ފްރޭންކްފާޓް އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް، ހޫގޯ އެކިޓީކޭ ގެންނަން މަސައްކަތް ކުރަމުންނެެވެ. އަދި އޭނާގެ ޑީލް ނިމުނުހާ އަވަހަކަށް އިސާކާ މެދު ގޮތެއް ނިންމުމުގެ ކަންކަން ފަށާނެ އެވެ.
އިސާކްގެ ސޮއި ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލުންނެވެ.
ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ކުރިން ކުޅުނު އިސާކް ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން، 109 މެޗުން 62 ގޯލު ޖަހައި، 11 ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.
އިސާކްގެ ވިއްކާނެ އަގު ކުޑަކުރަން ނިއުކާސަލުން ނިންމަނީ އިސާކްގެ ވިއްކާނެ އަގު ކުޑަކުރަން ނިއުކާސަލުން ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ