އެމެރިކާއިން ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި

ސީރިއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޕްރޮގްރާމް ނިމުމަކަށް ގެނައުމުގެ އެގްޒެކެޓިވް އަމުރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ސޮއިކުރައްވައިފި އެވެ.
އެ ފިޔަވަޅުގެ ސަބަބުން ސީރިއާ ބައިނަލްއަގްވާމީ މާލީ ނިޒާމާ ދެމެދު އޮތް އެކަހެރިވުން ނިމި، ދިގު ދާހިލީ ހަނގުރާމައަކަށް ފަހު، އެ ގައުމު އަލުން އާރާސްތު ކުރުމަށް އެހީތެރިވުމަށް އެމެރިކާއިން ވެފައިވާ ވައުދު ފުއްދުމުގެ ދޮރު ހުޅުވިގެންދާނެ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކަރޯލީން ލީވިޓް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި އެ ފިޔަވަޅުގެ ސަބަބުން ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ބައިވެރިންނާއި އިންސާނީ ހައްގުތަކާ ހިލާފުވާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި ކެމިކަލް ހަތިޔާރުގެ އޮޕަރޭޝަންތަކާ ގުޅުން ހުރި ފަރާތްތަކާއި އިސްލާމިކް ސްޓޭޓާ އަދި އައިއެސްއާ ގުޅިފައިވާ ޖަމާއަތްތަކާއި އީރާނުގެ ޕްރޮކްސީތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ޖާގަ އެމެރިކާއަށް ލިބިގެންދާނެ އެވެ.
މިދިޔަ ޑިސެމްބަރުގައި ހަނގުރާމަވެރިން ދިން އަވަސް ހަމަލާތަކެއްގައި އަސަދުގެ ވެރިކަންވަނީ ވައްޓާލައިފަ އެވެ. އޭގެ ފަހުން ސީރިއާއިން އަންނަނީ ބައިނަލްއަގްވާމީ ގުޅުންތައް އަލުން ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސީރިއާގެ ހާރިޖީ ވަޒީރު އަސްއަދު އަލް ޝިބާނީ ވިދާޅުވީ ސީރިއާގެ ދަތިކުރުމުގެ ފިޔަވަޅުއެޅުމުގެ ޕްރޮގްރާމް ނިމުމަކަށް ގެނައުމަށް ޓްރަމްޕް ނިންމެވި ނިންމެވުމުގެ ސަބަބުން "ޒަމާނުއްސުރެ އިންތިޒާރު ކުރަމުން އައި އާރާސްތުކުރުމާއި ތަރައްގީއަށް ފުރުސަތުތައް ފަހިވެގެންދާނެ" ކަމަށެވެ.
އެ ފިޔަވަޅުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް އޮތް ހުރަސްތައް ނައްތާލައި ބައިނަލްއަގުވާމީ މުޖުތަމައަށް ގައުމަށް މަރުހަބާ ކިޔާނެ ކަމަށެވެ.
މިދިޔަ މެއި މަހު ރިޔާޒުގައި ޓްރަމްޕް ސިރިއާގެ ރައީސް އަހުމަދު އަލް ޝަރާ ބައްދަލުކުރައްވައި ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ގޮތުން، އެމެރިކާއިން ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވި އެވެ.
ކޮންގްރެސްގެ ބައެއް މެންބަރުން އެ ފިޔަވަޅުތައް މުޅިން އުވާލުމަށް ވަކާލާތު ކުރަމުންދާއިރު، ޔޫރަޕުން ވަނީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސިޔާސަތު އުވާލާފައިވާކަން އިއުލާނުކޮށްފަ އެވެ.
"ސީރިއާއަށް ފުރުސަތު ދޭން ޖެހޭ. އެއީ މިކުރި ކަމަކީ،" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ސީރިއާއަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ތޯމަސް ބެރެކް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ