ދުނިޔޭގެ ހަކަތަ ފޯރުކޮށްދޭ މައިގަނޑު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސް އެޅެމުންދާތީ، އެކަމާ މެދު އޮތް ކަންބޮޑުވުންތަކާ ގުޅިގެން، ވިޔަފާރި އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި "ބޭނުންވާ ހުރިހާ ވަސީލަތެއް" ނުވަތަ ބާރުގެ ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އެދި ބަހްރޭނުން އދ.ގެ ސަލާމަތީ މަޖިލީހަށް ގަރާރެއްގެ ޑްރާފްޓް ހުށަހަޅައިފި އެވެ.
ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާގެ ތާއީދާ އެކު ހުށަހެޅި މި ގަރާރުގައި، އީރާނުގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. އަދި ވިޔަފާރި އުޅަނދުފަހަރަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އީރާނަށް ވަނީ ގޮވާލާފަ އެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާ މި ކަނޑުއޮޅީގައި، ދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުމަށާއި ހުރަސްތައް ނައްތާލުމަށްޓަކައި، ވަކިވަކި ގައުމުތަކުން ނުވަތަ ގައުމުތައް ގުޅިގެން ބާރުގެ ބޭނުންކުރުމުގެ އިހްތިޔާރު މި ގަރާރުގެ ދަށުން ލިބިގެންދާނެ އެވެ.
މި ހުށަހެޅުން އައިސްފައިވަނީ އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ.
ނަމަވެސް، ރަޝިޔާ އާއި ޗައިނާއިން މި ގަރާރު ވީޓޯ ކުރާނެ ކަމަށް ބެލެވޭތީ، މިއީ ފާސްވާނެ ގަރާރެއް ނޫން ކަމަށް ޑިޕްލޮމެޓުން ލަފާކުރެ އެވެ. މިފަދަ ގަރާރެއް ފާސްވުމަށް މަދުވެގެން ނުވަ ވޯޓު ބޭނުންވާއިރު، ސަލާމަތީ މަޖިލީހުގެ ދާއިމީ އެއްވެސް މެންބަރަކު ވީޓޯކޮށްގެން ނުވާނެ އެވެ.
މި ގަރާރުގައި ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އިޝާރާތެއް ވެސް ދީފައިވާއިރު، ފްރާންސުން ދަނީ މަސްލަހަތު ފިނިވުމުން ހުށަހެޅުމަށްޓަކައި އެހެން ގަރާރެއްގެ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން، އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، 2,500 މެރިން ސިފައިންނާއި ކަނޑުގެ އަސްކަރީ ވަސީލަތްތައް ހިމެނޭހެން އިތުރު ބާރުތައް އެ ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް، ފުޅާ ދާއިރާއެއްގައި އަސްކަރީ ފިޔަވަޅެއް އެޅުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެ ގައުމުން ބުނެ އެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތަށް ބާރުގެ ބޭނުންކުރުމުގެ ހުއްދަ ދޭން ބަހްރޭނުން އދ.އަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ