ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގަނީ؛ "ބަދަލުގެ ގޮތުގައި ބައިތުލްމާލުން އެއްވެސް ފައިސާއެއް ނުދޭނެ" ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގަނީ؛ "ބަދަލުގެ ގޮތުގައި ބައިތުލްމާލުން އެއްވެސް ފައިސާއެއް ނުދޭނެ"

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ، ދައުލަތުން ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭން ނުޖެހޭ ގޮތަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓު ވިލާގެ އަތުން ހޯދުމުގައި ދައުލަތަށް އެއްވެސް މާލީ ބުރައެއް އުފުލަން ނުޖެހޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރަމުންދާ ކަމަށެވެ.
މިގޮތުން، އޮޑިޓާ ޖެނެރަލްގެ އިތުރުން ބަންޑާރަ ނައިބުގެ ގާނޫނީ ލަފާވެސް ހޯދައި، ސަރުކާރަށާއި ވިލާ ކުންފުންޏަށް ވެސް ފައިދާވާނެ ގޮތަކަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރައްޔިތުންގެ ބައިތުލްމާލުން އެއްޗެއް ދޭން ނުޖެހޭ ގޮތަކަށް މިކަން ބައްޓަންކުރެވޭ ގޮތަކަށް މިހާރު މިގެންދަނީ،" މުއިއްޒު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު އޭރުގެ ސަރުކާރުން ނިންމާފައި އޮތީ، ވިލާއިން ހުށަހެޅި އަގު ދަށްކޮށް، 18 މިލިއަން ޑޮލަރު (277.5 މިލިއަން ރުފިޔާ) ގެ ބަދަލެއް 18 މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ދިނުމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށް، ފައިސާ ނުދީ އެއާޕޯޓު ހޯދޭނެ މަގުތައް ބަލަން ފަށާފައެވެ.
ބައިނަލްއަގުވާމީ އޮޑިޓް ފާމެއް ކަމަށްވާ އާންސްޓް އެންޑް ޔަންގުން ތައްޔާރުކޮށްފައިވާ ރިޕޯޓާ ހަވާލާދީ ރައީސް އޮފީހުން ބުނެފައިވަނީ، އެއާޕޯޓުގެ އަގަކީ 18.5 މިލިއަން ޑޮލަރު ކަމަށާއި، އެތަން އެކަށީގެންވާ ފެންވަރަކަށް ތަރައްގީ ކުރުމަށް 100 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓު 50 އަހަރަށް ވިލާ އެއާއާ ހަވާލުކުރީ 2013 ވަނަ އަހަރުއެވެ. ނަމަވެސް، 2017 ވަނަ އަހަރު ސިވިލް އޭވިއޭޝަން މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނެ އެއްބަސްވުން ބާތިލުކުރިއެވެ. އެ މައްސަލާގައި ކޯޓުން ނިންމީ އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން، 2022 ވަނަ އަހަރު އަލުން އެއާޕޯޓު ވިލާއާ ހަވާލުކުރިއެވެ.
މި އެއާޕޯޓާއެކު ވިލާއަށް ޖާމިނުކޮށްފައިވާ ދެ ފަޅު ވެސް، އެއާޕޯޓުގެ އެއްބަސްވުން ބާތިލުކުރުމާއެކު އަނބުރާ ސަރުކާރަށް ލިބޭނެއެވެ. ރައީސް މުއިއްޒު ވަނީ 2024 ގެ މަޖިލީސް އިންތިހާބުގެ ކެމްޕޭނުގައި ވެސް ތިނަދޫ ފަޅުތެރޭގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމުގެ ވައުދު ތަކުރާރު ކުރައްވާފައެވެ. އެކަމަށް ތައިލޭންޑްގެ ކުންފުންޏަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްއާ މެދު ވެސް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ