ހަނގުރާމައާ ގުޅިގެން ކާބޯތަކެތި ލިބުމުގައި ދައްޗެއް ނެތް، އެހެން ގައުމުތަކާވެސް އަންނަނީ މަޝްވަރާކުރަމުން: ސަޢީދު
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ބޭނުންވާ ކާބޯތަކެތި ލިބުމުގައި ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވެސް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަޢީދު ވިދާޅުވީ، ހަނގުރާމައިގެ ދަނޑިވަޅުގައި، އިންޑޮނޭޝިއާ އާއި މެލޭޝިއާ އާއި އޮމާން ފަދަ ގައުމުތަކުން ކުރިން ނުގެންނަ ވަރަށް ބައެއް މުދާ، އަމިއްލަ ވިޔަފާރިތަކުން ގެންނަ ކަމަށެވެ. ސަޢީދު ވިދާޅުވީ، ކާބޯތަކެއްޗާއި އެކި ވައްތަރުގެ މުދާ ޗައިނާއިން ފަސޭހަކަމާއެކު ލިބޭ ކަމަށާއި، ބޭނުން ވަގުތެއްގައި މުދާ ލިބޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އެބައޮތް ކަމަށެވެ. "މީގެ ކުރިން އަޅުގަނޑުމެން މަސައްކަތްނުކުރާ ބައެއް މާކެޓުތަކާ އެއްކޮށް ވެސް އެބަ ކުރަން، މިސާލަކަށް އެފްރިކާގެ ޚާއްސަކޮށް ބައެއް ގައުމުތަކާއެކު ވެސް ކަންކަމުގައި ކުރިއަށްދާން އެބަ މަސައްކަތްކުރަން،" ސަޢީދު ވިދާޅުވިއެވެ. މީގެ އިތުރުން، ސަޢީދު ވިދާޅުވީ، ތައިލޭންޑުންވެސް ގިނަ މުދާ ރާއްޖެއަށް ގެންނަ ކަމަށާއި، މުދާ ގެނައުމަށް އިތުރު ލުއިތަކެއް ހޯދުމަށްޓަކައި އެހެން ގައުމުތަކާއެކުވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ހާލަތުގައި ވެސް އާމްދަނީ ހޯދުމަށް އިގުތިޞާދު ސިންދަފާތުކުރުމަށް އިސްކަންދޭ ކަމަށެވެ. އެގޮތުން ނ. އަތޮޅުގައި ކުރިއަށް ގެންދާ ސަސްޓެއިނެބަލް ޓައުންޝިޕްގެ މަސައްކަތް ފަށައި، އެ މަޝްރޫއަށް ބޭނުންވާ ސަރަހައްދު އެއްކޮށް ހިއްކައިފައިވާ ކަމަށް ވިދާޅުވިއެވެ. ކާބޯތަކެތީގެ ދަތިކަމެއް ރާއްޖެއަށް ނެތް ކަމަށް ސަޢީދު ވިދާޅުވިއިރު، މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އާންމުގޮތެއްގައި ކާބޯތަކެތި އެތެރެކުރާ އެއް ސަރަހައްދު ކަމަށްވާ މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫ އަރައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ