ތަކްފީރުގެ ފިތުނައިން އުއްމަތް ސަލާމަތް ކުރުމަށް އައްމާން މެސެޖު
މުސްލިމުންނަކީ އެއް އުއްމަތެއް ކަމަށާއި، އެންމެހައި މުސްލިމުން ﷲ ގެ ދީނުގައި ހިފަހައްޓައި އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށް ﷲ ވަނީ އަމުރުކުރައްވާފައެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައިވެއެވެ. ((وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا)) (އާލުޢިމްރާނު: 103) "ތިޔަބައިމީހުން އެންމެން ﷲ ގެ ދީނުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ!". އަދި މުއުމިނުންގެ އެއްބައިވަންތަކަން ބަޔާންކުރައްވައި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މުއުމިނުން އެކަކު އަނެކަކު ދެކެ ލޯބިވުމާއި އެކަކު އަނެކަކަށް ރަޙުމުކުރުމާއި އޯގާތެރިވުމުގައި އެބައިމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުގެ ގުނަވަނެއްގައި ރިއްސައިފިނަމަ، ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަންތަކެއް ހޭލާހުރުމާއި އަދި ހުންއައުމުގައި އެ ގުނަވަނާ ބައިވެރިވެއެވެ" (ޞަޙީޙު މުސްލިމް، 2586). ނަމަވެސް، [އިސްލާމްދީނުގެ] މިފަދަ ސާފު ޞަރީޙަ އުނގަންނައިދިނުންތަކެއް ހުރި ނަމަވެސް، ބައިބައިވުމާއި ތަކްފީރުކުރުމުގެ (މުސްލިމުން ކާފަރުކުރުމުގެ) ނުރަނގަޅު ޢަމަލަކީ މިއަދު ވެސް އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަށް ކުރިމަތިވެފައިވާ ނުރައްކަލެކެވެ. ތަކްފީރުކުރުމަކީ އިސްލާމީ ތާރީޚުގެ ކުރީކޮޅުގައި ޚަވާރިޖުންގެ ތެރެއިން އުފެދުނު ނުރައްކާތެރި ފިކުރެކެވެ. އިބްނު ތައިމިއްޔާގެ މަޖުމޫޢުލް ފަތާވާ ފަދަ ފޮތްތަކުގައި މިކަމާބެހޭ ތަފްސީލުތައް ބަޔާން ކުރެއްވިއެވެ. އަދި ޒަމާނީ ދިރާސާތަކުގައި ވެސް މި ފިކުރުގެ ނުރައްކާތެރި ނަތީޖާތައް ފާހަގަކޮށްފައިވެއެވެ. (ބަދަރު 2017) މިޒަމާނުގައި މި ފިކުރު ވަނީ އައު ސޫރައެއްގައި އަލުން ދިރި، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި މުސްލިމް ދުނިޔެއަށް ފެތުރިފައެވެ. މި ގޮތަށް ފެތުރިފައިވާ މި ފިކުރުގެ ނަތީޖާއަކީ އުންމަތުގެ ތެރޭގައި ފިތުނަ އުފެދި މުސްލިމުންގެ ބާރު ބަލިކަށިވުމެވެ. މިފަދަ ދަނޑިވަޅެއްގައި، އުންމަތް ސަލާމަތްކުރުމަށް ޓަކައި 2004 ވަނަ އަހަރު ނެރުނު "އައްމާން މެސެޖް" އަކީ، މުސްލިމަކު ކަމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅައި، ތަކްފީރު ކުރުން ހުއްދަ ނޫންކަމަށް އިސްލާމީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޢިލްމުވެރިން އިއްތިފާޤުވި ތާރީޚީ ބަޔާނެކެވެ. މި ބަޔާނުގައި 80 އަށްވުރެ ގިނަ ޤައުމުން 500 އަށްވުރެ ގިނަ ޢިލްމުވެރިންނާއި މުފްތީންނާއި ފިޤުހު އެކަޑަމީތަކުގެ މަންދޫބުންނާއި އަދި އިސްލާމީ ޤައުމުތަކުގެ އިސްވެރިން ސޮއިކުރެއްވިއެވެ. އައްމާން މެސެޖުގެ އަސާސަކީ، ސުންނީ ހަތަރު މަޒުހަބާއި، ޝީޢީ، އިބާޟީ އަދި ޡާހިރީ ފިކުރުގެ މީހުންނަކީ މުސްލިމުން ކަމުގައި އިޤްރާރުވުމެވެ. އެހެންކަމުން، މި މަޒުހަބުތަކަށް ނިސްބަތްވާ މީހަކު ކާފަރު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. މީގެ އިތުރުން، އިސްލާމީ ޢަޤީދާގެ މަދަރުސާތައް ކަމަށްވާ އަޝްޢަރީ އަދި މާތުރީދީ ފިކުރާއި، ތަޞައްވުފު (ސޫފިޒަމް) ގެ އަޞްލު އުޞޫލުތަކަކީ ވެސް އިސްލާމީ ހަމަތަކުގެ ތެރެއިންވާ ޞައްޙަ އުޞޫލުތަކެއް ކަމުގައި މި ބަޔާނުގައި ބަލައިގަނެއެވެ. އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވާ، އަދި ދީނުގެ ޟަރޫރީ އަސާސަކަށް އިންކާރު ނުކުރާ އެއްވެސް މުސްލިމަކަށް ތަކްފީރުކުރުން ހުއްދަނޫންކަން ކަށަވަރުކޮށްދެމުން، އުންމަތުގެ ތެރޭގައި އޮންނަ މިފަދަ ފިކުރީ ތަފާތުތަކަކީ އެކަކު އަނެކަކު ކާފަރުކުރަން އޮތް ބަހަނާއެއް ނޫން ކަމަށް މި ބަޔާނުން ބާރުއަޅައެވެ. ތަކްފީރުކުރުމުގެ ނުރައްކާތެރިކަމާ މެދު އިންޒާރު ދެއްވައި، ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. ((أيُّما رَجُلٍ قال لأخيه: يا كافِرُ، فقد باءَ بها أحَدُهما)) (ޞަޙީޙުލް ބުޚާރީ: 6104). "މީހަކު އޭނާގެ (މުސްލިމް) އަޚާއަށް، ކާފަރެކޭ ބުނެފިނަމަ، އެކަން އެއިން އެކަކަށް (ބުނި މީހާ ނުވަތަ ބުނެވުނު މީހާގެ މައްޗަށް) ރައްދުވެއްޖެއެވެ". އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. ((لا يَرمِي رجلٌ رجلًا بالفُسوقِ ولا يَرمِيَه بالكفرِ إلَّا ارتَدَّتْ عليهِ ؛ إنْ لَم يكُنْ صاحبُه كذلِكَ)) (ޞަޙީޙުލް ބުޚާރީ: 6045). "މީހަކު އަނެއް މީހަކަށް ފާސިގެކޭ ބުނެ ނިސްބަތް ނުކުރާ ހުށިކަމެވެ. އަދި ކާފަރެކޭ ވެސް ބުނެ ނިސްބަތް ނުކުރާ ހުށިކަމެވެ. އެހެނީ އޭނާ ބުނި މީހާއަކީ އެފަދަ މީހަކު ކަމުގައި ނުވާނަމަ، އެބަސް ރައްދުވާނީ ބުނި މީހާއަށެވެ". އައްމާން މެސެޖަކީ ދީނީ ޚިޔާލުތަފާތުވުންތައް އެއްކޮށް ފޮހެލި ބަޔާނެއް ނޫނެވެ. އޭގެ ބަދަލުގައި، މަޒުހަބުތަކުގެ މެދުގައި ހުންނަ ފަރުޢީ (ކުދި) ތަފާތުތަކަކީ މީހަކު ދީނުން ބޭރުވާ ނުވަތަ ކާފަރުވާ ސަބަބެއް ނޫންކަމުގެ އިސްލާމީ އަސާސީ އުޞޫލު މި ބަޔާނުން އަލުން ކަށަވަރުކޮށްދެއެވެ. މިސާލަކަށް، ސުންނީ ހަތަރު މަޒުހަބުގެ މެދުގައި ހުރި ފިޤުހީ ތަފާތުތަކަކީ ވެސް އެކަކު އަނެކަކު ކާފަރު ކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދައިގެން ނުވާނެ ކަމެކެވެ. މިފަދަ ޚިޔާލުތަފާތުވުންތައް ޒިންމާދާރުކަމާއެކު، ޢިލްމީ މިންގަނޑުތަކުގެ ތެރޭގައި ގެންގުޅުމަށާއި، ތަފާތުތަކަށްވުރެ އެއްގޮތް ކަންތައްތައް މާ ގިނަކަން ހަނދާންކޮށްދިނުމަށް މި ބަޔާނުން ބާރުއަޅައެވެ. މުސްލިމަކު އިސްލާމްދީނުން ބޭރުވެއްޖެކަމަށް ބުނުމުން، އެމީހެއްގެ އަބުރާއި މުދަލާއި އަދި ފުރާނައަށް ވެސް ނުރައްކާވާ ފަދަ ބޮޑެތި ޤާނޫނީ އަދި އަޚްލާގީ ނަތީޖާތަކެއް ނުކުމެއެވެ. މީގެ ނުރައްކާތެރިކަން ބޮޑުކަމުން، ޢިލްމުވެރިން އެކަމާމެދު ވަރަށް ބޮޑަށް ސަމާލުވެވަޑައިގަތެވެ. އެހެންކަމުން، ވަކި މަޒުހަބަކަށް އޮންނަ ނަފުރަތެއްގެ ސަބަބުން ނުވަތަ ފުރިހަމަނުވާ މަޢުލޫމާތަކަށް ބިނާކޮށް މީހުން ކާފަރު ނުކުރެވޭނެ ކަމަށް އައްމާން މެސެޖުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވެއެވެ. އައްމާން މެސެޖުގައި ހިމަނާފައިވާ މުހިންމު އަނެއް ކަމަކީ، ފަތުވާ ދިނުމުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމެވެ. މި ބަޔާނުގައި ބާރުއަޅާ ގޮތުން، ފަތުވާ ދިނުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ފަތުވާ ނެރުމުގައި ޝަރުޠުހަމަވާ ޢިލްމީ ޤާބިލުކަން ހުރުމުގެ މުހިންމުކަން މި ބަޔާނުގައި ފާހަގަކޮށްފައިވާއިރު، އިސްލާމީ ފިޤުހީ އުޞޫލުތަކުގައި މިއަށްވުރެ މާ ހަރުދަނާ މިންގަނޑުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، ކީރިތި ޤުރްއާނާއި ސުންނަތުގެ އިތުރުން، އުޞޫލުލް ފިޤުހުގެ މަންހަޖުތައް ރަނގަޅަށް އެނގެންޖެހޭނެއެވެ. އަދި، ޙާލަތާ ގުޅޭގޮތުން ކަންކަން ދެނެގަތުމުގެ ފުން ޢިލްމީ ޤާބިލުކަން މުފްތީއެއްގެ ކިބައިގައި ހުރުން ލާޒިމުކުރެއެވެ. މިފަދަ ހަމަތަކުގެ ބޭރުން، ހުއްދަ ނެތް މީހުން އަމިއްލައަށް ނެރޭ ނިންމުންތަކަކީ ޝަރުޢީ ގޮތުން ބާޠިލު ކަމެއްކަމަށް ބަލައިގަނެއެވެ. އެއީ އެފަދަ ނިންމުންތަކުގެ ސަބަބުން މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، ބޮޑެތި ފިތުނަތަކަށް މަގުފަހިވާނެތީއެވެ. މިއަދުގެ ދުނިޔޭގައި ފެންނަ ހަރުކަށި މަޒުހަބީ ބައިބައިވުމަކީ ހަމައެކަނި ދީނީ ކަމެއް ނޫނެވެ. ޒައިނޫރީ އަދި އިރުފާން (2023) ބަޔާންކުރައްވާ ގޮތުގައި، މިއީ ސަރަހައްދީ ބާރުތަކުން ނުފޫޒު ހޯދުމަށް ބޭނުންކުރާ ސިޔާސީ އަދި ޖިއޯޕޮލިޓިކަލް "ހަތިޔާރެކެވެ". ބިއުލާ އަދި ޝުލްހޯފަރ-ވޯލް (2023) ފާހަގަކުރައްވާ ގޮތުގައި، ބޭރުގެ ޤައުމުތަކުގައި ހިނގާ މިފަދަ ފިތުނަތަކުގެ ނުފޫޒު، [ރާއްޖެ ފަދަ] ނިސްބަތުން އެއްބައިވަންތަ މުޖުތަމަޢުތަކުގެ ތެރެއަށް އެތެރެވުމަކީ އިޖުތިމާޢީ ބަދަހިކަން ގެއްލި، ޤައުމު ގަޑުބަޑުވުމަށް މަގުފަހިވާނެ ކަމެކެވެ. ހަމައެއާއެކު، އިބްނު ތައިމިއްޔާ ފަދަ އިހުގެ ޢިލްމުވެރިންގެ ބަސްފުޅުތައް އޭގެ އަސްލު ސިޔާޤުން (ކޮންޓެކްސްޓުން) ބޭރުކޮށް، ވަކި އުޞޫލެއް ނެތި މިއަދުގެ ޙާލަތްތަކަށް ފެއްތުމަކީ ފިޤުހީ މަންހަޖަށާއި ޢިލްމީ ތަރިކައަށް ވެވޭ ޚިޔާނާތެއް ކަމުގައި ބަދަރު (2017) ފާހަގަކުރައްވައެވެ. މި ދުވަސްވަރު މުޖުތަމަޢުގެ ތެރޭގައި އުފެދިފައިވާ މަޒުހަބީ ބަހުސްތަކަށް ބަލާއިރު، ޢިލްމީ ގޮތުން ފާޅުކުރެވޭ ޚިޔާލުތަކާއި، ސީދާ ތަކްފީރު ކުރުމާ (މީހުން ކާފަރު ކުރުމާ) ހުރި ތަފާތު ދެނެގަތުން މުހިންމެވެ. ވަކި ބައެއްގެ ޢަޤީދާގައި ހުރި ގޯސްތައް ބަޔާންކުރުމަކީ ޢިލްމީ ގޮތުން ކުރެވޭނެ ކަމެއް ނަމަވެސް، އެކަމުގެ ސަބަބުން އުންމަތުގެ އެއްބައިވަންތަކަން ގެއްލި، އާންމުންގެ ތެރޭގައި ތަކްފީރީ ފިކުރު ފެތުރުމަށް ޖާގަ ދެވިގެން ނުވާނެއެވެ. އައްމާން މެސެޖުން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، ތަފާތުތަކާއެކު ވެސް އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމެވެ. އައްމާން މެސެޖަކީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަން އަލުން ދިރުވައިދިން ތާރީޚީ ބަޔާނެކެވެ. މީހެއްގެ ހިތުގައިވާ އީމާންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. ދުނިޔަވީ މުޢާމަލާތްތަކުގައި މީހެއްގެ ދީނީ ޙާލަތު ކަނޑައަޅަންޖެހޭ ފަދަ ޒަރޫރީ ދަނޑިވަޅެއް މެދުވެރިވި ނަމަވެސް، އެއީ ވަކިވަކި ފަރުދުންނަށް ނުވަތަ ވަކި ޢިލްމުވެރިއަކަށް އަމިއްލައަށް ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ނިންމުންތަކަކީ، ޝަރުޢީ ކޯޓުތަކާއި ފަތުވާ ނެރޭ ރަސްމީ އިދާރާތަކުގެ ފުރިހަމަ ބެލުމުގެ ދަށުން، ޢިލްމީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ނިޒާމީ ގޮތުން ނިންމަންޖެހޭ ކަންތައްތަކެކެވެ. މި ނިޒާމަށް އިޙުތިރާމުކޮށް، ތަކްފީރު ކުރުމުގެ ފިތުނައިން ދުރުހެލިވުމަކީ އުންމަތުގެ ބާރާއި މަސްލަހަތު ހިފެހެއްޓުމަށް އޮތް އެންމެ ސަލާމަތްތެރި މަގެވެ. ރިފަރެންސްالقرآن الكريم.البخاري، محمد بن إسماعيل. صحيح البخاري. كتاب الأدب، باب من كفّر أخاه بغير تأويل فهو كما قال، حديث رقم 6104.البخاري، محمد بن إسماعيل. صحيح البخاري. كتاب الأدب، حديث رقم 6045.ابن تيمية، أحمد بن عبد الحليم. مجموع الفتاوى.مسلم بن الحجاج النيسابوري. صحيح مسلم. كتاب البر والصلة والآداب، باب تراحم المؤمنين وتعاطفهم وتعاضدهم، حديث رقم 2586.Badar, Mohamed. 2017. “The Radical Application of the Islamist Concept of Takfir.” Arab Law Quarterly 31 (2): 132–160.Buehler, Michael, and Jonah Schulhofer-Wohl. 2023. “The International Sources of Prejudice against Shi‘a in Morocco.” British Journal of Middle Eastern Studies 50 (6): 1127–1145.The Amman Message. 2004. The Amman Message. Amman: Royal Aal al-Bayt Institute for Islamic Thought.“The Grand List of Endorsements of the Amman Message and Its Three Points.” 2026. The Amman Message. Accessed March 23, 2026. https://ammanmessage.com.Zaenuri, Ahmad, and Ahmad Irfan. 2023. “Arab Sunni-Wahhabism and Shia Iran: From Sectarian Conflict to the Domination of the Gulf Region.” Al-Bayyinah 7 (2).
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ