މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެެއެވެ.
ވަޒީރު ވަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ހަކަތައިގެ ހާލަތު އޮތް ގޮތުގެ ތަފުސީލުތައް ހާމަކުރައްވަމުން ވަޒީރު ޠާރިޤު ވިދާޅުވީ، ނިމުނު އަހަރު 10 ބިލިޔަން ރުފިޔާ ތެޔޮ އެތެރެކުރުމަށް ހަރަދުކުރިއިރު އެއީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ %10 ކަމަށެވެ. އަދި މި ފައިސާއަކީ ބޭރު ފައިސާއަށް ބަދަލުކުރުމަށްފަހު ރާއްޖެއިން ބޭރުގައި ޚަރަދުކުރި ފައިސާކަން ފާހަގަކުރައްވައި އެކަން ބަދަލުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކުގައިވެސް މައިގަނޑު ގޮތެއްގައި އުފައްދަނީ ތެޔޮ ބޭނުންކޮށްގެން ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޯޓުގެ އިންޖީނު ބެހެއްޓި ބޭނުންކުރަމުންދާއިރު، ރިސޯޓުތަކުގައި 298 މެގަވޯޓު އަދި ސިނާއީ ރަށްރަށުގައި 30 މެގަވޯޓުގެ އިންޖީނު ބޭނުންކުރަމުންދާ ކަމަށެވެ.
މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ދުވާލަކު 7،965 ފީފާ ޑީސަލް ބޭނުންވާއިރު އެއީ އަހަރެއްގެ މައްޗަށް 2،907،225 ފީފާ ޑީސަލެވެ. އަދި ގާތްގަނޑަކަށް މިހާކަށް ވަރަށް ޑީސަލް ރިސޯޓުތަކަށްވެސް ބޭނުންވާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ހަކަތައިގެ ދާއިރާ ތަރައްގީކުރުމުގައި މިހާރު ވަރަށް ބޮޑަށް ސަމާލުކަމެއް ސަރުކާރުން ދެނީ އިއާދަކުރަނަވި ވަސީލަތްތަކުން ހަކަތަ އުފެއްދުމަށްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިވަގުތު ހަމައެކަނި އިއާދަކުރަނަވި ހަކަތައިން ރާއްޖެއަށް ކަރަންޓު ދިނުމަކީ ކުރެވޭނެ ކަމެއް ކަމަށް ނުވި ނަމަވެސް ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައާ ހަމައަށް އިއާދަކުރަނަވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ކަމަށެވެ.
"ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒައާމަތުގައި ހަކަތައިގެ ސިޔާސަތުގެ އިސްތިރާޖިއްޔާތައް ކަނޑައަޅައި އަޅުގަނޑުމެން މިވަނީ އާއްމުކޮށްފައި. އޭގެ އިތުރަށް ހަކަތައިގެ މަގުޗާޓުުވަނީ އިއުލާނުކުރެވިފައި. މިދެންނެވި ދެ ޑޮކިއުމެންޓަށް ބަލައިގެން ހަކަތައިގެ ދާއިރާގެ މަސައްކަތް މިކުރަނީ." ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި 24 ގަޑިއިރުގެ ހަކަތަ ޔަގީންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އައު ޖަނަރޭޓަރު ގެނައުމާއި ރަށްރަށުގެ ކަރަންޓު ވިއުގަ އިތުރަށް ތަރައްގީކުރުމާއި، އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން ބެޓަރީ ސްޓޮރޭޖު މިންވަރު އިތުރުކުރުން ހިމެނޭއިރު، މިހާތަނަށް 115 މެގަވޯޓުގެ ކެޕޭސިޓީގެ 157 ޖަނަރޭޓަރު ރަށްތަކަށް ފޮނުވިފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
ރާއްޖެއަށް ތެޔޮ އެތެރެކުރަން މިދިޔަ އަހަރަ 10 ބިލިޔަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ