ދިފާޢީ ނިޒާމް ބަލިކަށި މީހުންނަށް ޓީބީގެ ނުރައްކާ ބޮޑު، ފަރުވާއާއެކު ސަލާމަތް ވެވޭނެ

ޓިއުބަރ ކިއުލޯސިސް، ޓީބީ ނުވަތަ ކެއްސުން ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. އެހެންނަމަވެސް ފަރުވާ ކުރެވިއްޖެނަމަ ރަނގަޅު ކުރެވޭ ބައްޔެކެވެ. އެޗްއައިވީ އޭޑްސް ފިޔަވައި، ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ ގައިން ގަޔަށް އަރާ ބައްޔަކީ ޓީބީ ބައްޔެވެ.
މި ބައްޔަށް އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 24 ވަނަ ދުވަސް ފާހަގަކުރަނީ، ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ، "ޔެސް، ވީ ކޭން އެންޑް ޓީބީ" މިއެވެ.
ތަރައްޤީވެފައިވާ ޤައުމުތަކުގައި 1985 ވަނަ އަހަރުން ފެށިގެން ޓީބީ ޖެހޭ މީހުންގެ މިންވަރު އިތުރު ވެގެންދިޔައެވެ. ޚާއްޞަކޮށް، އެޗްއައިވީ ވައިރަސް އިން ޖެހޭ އެއިޑްސް ބަލި ޖެހިފައިވާ މީހުންނަށް ޓީބީ ޖެހުމުގެ ފުރުޞަތު ބޮޑެވެ. އެޗްއައިވީ ބަލީގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކޮށްލައެވެ. އެކަމުގެ ސަބަބުން ޓީބީ ފަދަ ބަލިތަކުން ދިފާޢުވުމަށް ނުވަތަ ބަލިން ރަނގަޅުވުމަށް އުނދަގޫތަކާ ކުރިމަތިވެއެވެ.
2030 ވަނަ އަހަރުގެ ކުރިން ދުނިޔެއިން ޓީބީ ނައްތާލުމަކީ، އދ. އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ނުވަތަ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީސް)ގެ އަމާޒެކެވެ. އަދި އެއީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ވެސް ލަނޑުދަނޑިއެކެވެ.
އެޗްޕީއޭއިން ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އެކިކަންކޮޅުތަކުގައި 10.7 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާއިރު، މީގެ ތެރެއިން 1.2 މިލިއަން މީހުން މި ބަލީގައި މަރުވެފައިވާ ކަމަށެވެ. ދިވެހިރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޓީބީގެ 152 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ޓީބީއާއި މެދު މުޖުތަމަޢު ދެކޭގޮތް އަދިވެސް ވަނީ ބަދަލު ކުރަންޖެހިފައެވެ. ޓީބީ ބަލި ޖެހިފައިވާ ކޮންމެ މީހަކީ، އޭނާގެ ފަރާތުން ބަލި ފެތުރޭނެ މީހެއް ނޫންކަން ދެނެގަންނަން ޖެހެއެވެ. ދުނިޔޭގެ ޓީބީ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އާއްމުން މި ބައްޔާއި މެދު ހޭލުންތެރި ކުރުވާ، ފަރުވާ ހޯދުމަށް ހުރި ފުރުޞަތުތައް ބުނެދިނުމެވެ. މިބަލި ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެ ތެރެއިން ކުޅުގައި ޖަރާސީމު ހުންނަ ބަލި މީހުންގެ ފަރާތުންނެވެ. މިފަދަ މީހުން ކެއްސާ، ކިނބިހި އަޅާ ނުވަތަ ކުޅު ޖެހުމުން ވައިގެ ޒަރީއްޔާއިން ކުޅުގައިވާ ޖަރާސީމު އެހެން މީހުންނަށް ވާސިލްވެއެވެ.
ސިއްޙީ މާހިރުން ވިދާޅުވީ، ޓީބީ ބަލީގެ ޖަރާސީމު ހަށިގަނޑަށް ވާސިލްވާ އެންމެންނަށް ބަލީގެ އަސަރު ނުކުރުން އެކަށީގެންވާ ކަމަށެވެ. އެހެންނަމަވެސް ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި، ހަކުރު ބަލީގެ މީހުންނާއި، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އަދި ހަށިގަނޑަށް ބޭނުންވާ ރަގަޅު ކާނާ އެކަށީގެންވާ މިންވަރަށް ބޭނުން ނުކުރާ މީހުންނަށް ބަލީގެ އަލާމާތްތައް ފެނުމުގެ ފުރުޞަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ