އުނގޫފާރަށް ނިސްބަތް ނުވާނަމަ، އުނގުލަށް ނޭރޭނޭކަމަށް އުނގޫފާރު ކައުންސިލުން ކަނޑައަޅައިފި

ރ.އުނގޫފާރަށް ނިސްބަތް ނުވާނަމަ، އެމީހަކަށް އުނގުލަށް ނޭރޭނޭކަމަށް އުނގޫފާރު ކައުންސިލުން ކަނޑައަޅައިފިއެވެ.
އުނގޫފާރު ކައުންސިލުން މިގޮތަށް ކަނޑައަޅާފައިވަނީ، އުނގުލަށް އަރާ ފޭބުމުގައި އުނގޫފާރު ކައުންސިލުން މިއަދު ގެޒެޓްގައި އާއްމުކުރި އިއުލާނެއްގައެވެ. އުނގޫފާރު ކައުންސިލުން މިގޮތަށް ނިންމީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެރަށުގެ އިހްތިސާސްގެ ތެރޭގައި އުނގުލު ހިމެނުމުންނެވެ.
އުނގޫފާރު ކައުންސިލުން އާއްމުކުރި އިއުލާނުގައި ބުނެފައިވަނީ، އުނގުލަށް އަރާ ފޭބުމުގެ ހުއްދަ ދެވޭނީ އުނގޫފާރުގެ ރަށްވެހިންނަށާއި ރަށްވެއްސަކާއި ކައިވެނިކޮށްގެން އުނގޫފާރުގައި ދިރިއުޅޭ ފަރާތްތަކާއި އެފަރާތްތަކުގެ ދަރިންނަށް އެކަނި ކަމަށެވެ. އެ ގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގެ ކަނޑައެޅޭ ވަކި ގަޑިތަކެއްގައި އުނގުލަށް އެރުމުގެ ފުރުޞަތު އުނގޫފާރަށް ނިސްބަތްވާ ރައްޔިތުންނަށް ލިބިދެވޭނޭކަމަށެވެ.
އުނގޫފާރު ކައުންސިލުން ބުނީ ރަށަށް އެރޭނީ އެކަމަށް ހާއްސަކުރެވިފައިވާ ގޫގުލް ފޯމް ފުރައިގެން ކަމަށެވެ. ރަށަށް އަރައި އަމަލުކުރަން ޖެހޭގޮތްވެސް ކައުންސިލުން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކާށި ހޮވައިފިނަމަ ހޮވާ ކޮންމެ 04 ކާށިން 01 ކާށި ކައުންސިލަށް ދޭންޖެހެއެވެ. އަދި ގެނެވޭނީ ހަމައެކަނި ހޮވާ ކާްއްޓެވެ. ހޮވާ ކާށީގެ ތެރެއިން ކައުންސިލަށް ލިބޭ ކާށި ވިއްކުމަށް ނިންމާފައިވާއިރު، އުނގުލުން ގަންނަ ނަމަ ކާއްޓެއް 5 ރުފިޔާ އަށެވެ. އުނގޫފާރުންނަމަ 7 ރުފިޔާ އަށެވެ. ކާށި ހޮވަން ހުއްދަ އޮތްނަމަވެސް ރުއް ގަހަށް އެރުމާއި ދިގު ދަނޑި ބޭނުން ކޮށްގެން ރުއް އެޅުން މަނައެވެ.
އުނގުލުން ކަށިކެޔޮގަނޑެއް 100 ރުފިޔާއަށް ގަނެގެން ގެންދެވޭއިރު، ކުއްޅަވައް، ފަން، މިދިލިއޮށް ހޮވާ ފަރާތަކަށް އެތަކެތި އަގަކާ ނުލައި ލިބޭނޭކަމަށް ކައުންސިލުން ބުނެއެވެ. އުނގުލުން ރުއްގަސް ކެނޑުން މަނާކޮށްފައިވާއިރު، އުނގޫފާރު ކައުންސިލްގެ ހުއްދަނެތި އެރަށަށް އަރައިގެން ނުވާނޭކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އުނގުލަކީ ކުރިން މީހުން ދިރިއުޅުނު ރަށެއް ނަމަވެސް، ރައީސް މައުމޫން ވެރިކަމުގައި 1990 ވަނަ އަހަރުގެ ކުރީކޮޅު އެރަށު މީހުން ވަނީ ހުޅުދުއްފާރަށް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ