ރ. އުނގޫފާރު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރ. އުނގުލަށް އެރޭނީ ހަމައެކަނީ އުނގޫފާރު ރައްޔިތުންނަށް ކަމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
އުނގޫފާރު ކައުންސިލުން ގެޒެޓުގައި މިއަދު ކުރި އިއުލާނެއްގައި ބުނީ އުނގުލަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން، އުނގޫފާރު ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ އުނގޫފާރުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށެއް ކަމުގައިވާތީ، އުނގުލާ މެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅައި ނިމެންދެން އެ ރަށަށް އަރައި ފޭބުމުގައި އަމަލުކުރާނެ އުސޫލެއް ކައުންސިލުން އެކުލަވާލާފައިވާ ކަމަށެވެ.
އެ އުސޫލުގައި އެ ރަށަށް އަރައި ފައިބައި މީހުން އަމަލުކުރަން ޖެހޭގޮތް ހިމަނާފައިވާ އިރު، އުނގުލަށް އެރުމަށް ހުއްދައަށް އެދެން ޖެހެނީ އެކަމަށް ހާއްސަ ކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރާ ފަރާތްތަކަށެވެ. ރަށަށް އެރުމަށްޓަކައި، ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ގޫގުލް ފޯމް ފުރިހަމަކުރަން ޖެހެއެވެ. އެގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 ން ހަވީރު 5:00 ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް، އުނގުލަށް އެރުމުގެ ފުރުސަތަށް އެދި ފޯމު ފުރައި އުނގޫފާރުގެ ފަރާތްތަކަށް ފުރުސަތު ދެވޭނެ ކަމަށް އުސޫލުގައިވެއެވެ.
އުސޫލުގައިވާގޮތުން އުނގުލަށް އަރައި ފޭބުމުގެ ހުއްދަ ދެވޭނީ އުނގޫފާރުގެ ރަށްވެހިންނަށާއި، ރަށްވެއްސަކާ ކައިވެނިކޮށްގެން އުނގޫފާރުގައި ދިރިއުޅޭ މީހުންގެ އިތުރުން އެ މީހުންގެ ދަރިންނަށެވެ.
އުސޫލުުގައި ބުނެފައިވަނީ ރަށުން ހޮވާ ކޮންމެ ހަތަރު ކާށިން އެއް ކާށި ކައުންސިލަށް ދޭން ޖެހޭނެ ކަމަށާއި ގެނެވޭނީ ހަމައެކަނި ހޮވާ ކާށި ކަމަށެވެ. އަދި ރުއްގަހަށް އެރުމާއި ދިގު ދަނޑި ބޭނުންކޮށްގެން ރުއް އެޅުމަކީ މަނާކަމެއް ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.
ހޮވާ ކާށީގެ ތެރެއިން ކައުންސިލަށް ލިބޭ ކާށި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އުނގުލުން ގަންނަ ނަމަ، ފަސް ރުފިޔާއަށް އަދި އުނގޫފާރުން ނަމަ ހަތް ރުފިޔާއަށް ކާއްޓެއް ގަންނަން ލިބޭނެ ކަމަށް އުސޫލުގައިވެއެެވެ.
އުސޫލުގައި ބުނެފައިވަނީ ކަށިކެޔޮ ގަނޑެއް 100 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށާއި ނަމަވެސް ކަނޑަންވާނީ ދޮންވެފައި ހުންނަ ކަށި ކެޔޮ ކަމަށެވެ. އަދި ކުއްޅަވަކާއި، ފަނާއި މިދިލިއޮށް ހޮވާ ފަރާތްތަކަށް އެތަކެތި ލިބޭނެ ކަމަށް އުސޫލުގައިވެއެވެ.
އުނގުލަށް އެރޭނީ އުނގޫފާރު މީހުންނަށް، ހޮވާ ކޮންމެ ހަތަރު ކާށިން ކާއްޓެއް ކައުންސިލަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ