އެމެރިކާ އާއި އިޒްރޭލު އިސްވެ އޮވެ، އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދުނުކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
އިރާން ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދުގެ ބޭނުންކުރުމުގެ ހުއްދައަށް ބައެއް ގައުމުތަކުން އެދުނުކަން ހާރިޖީ ވަޒީރު އަބްދުﷲ ހަލީލް ހާމަކުރެއްވީ މިދިޔަ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ނަމަވެސް، އެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅޭގޮތުން އަދަދުއާ ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ ހަނގުރާމައެއްގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދުމަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ކަމަށެވެ. އެފަދަ މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ނުކޮށް އޮތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ވަރުގެ މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރަން ޖެހޭނެ، ނޭންގުން އެއީ ވަރަށް ބޮޑު މައްސަލައެއް އެއީ އަސްލު، އެ މައްސަލަ އަޅުގަނޑުމެން 241 ކޮމިޓީއަށް ހުށަހަޅާނަން، އެކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެން ބަލާނަން،" 241 ކޮމިޓީގައި އެމްޑީޕީ ތަމްސީލު ކުރައްވާ ޣަފޫރު ވިދާޅުވި އެވެ.
އާދީއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން ގައުމަކުން އެދުނު ކަމަށެވެ. ނަމަވެސް ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނީ ކޮން ގައުމަކުން ކަމެއް އޭނާ ހާމަނުކުރައްވަ އެވެ.
"ރާއްޖޭގެ އަމާންކަމާ އިގްތިސާދު ހިމާޔަތްކުރުން އެންމެ ފުރަތަމަ ކަމަކަށް. އޭގެ ދަށުން ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާ ދިނުމަށް ބޭނުންކުރެވިފައި ނުވާނެކަން އަޅުގަނޑު ހަމަ ދަންނަވާލަން އަދި އެފަދަ އަންނަ ރިކުއެސްޓްތައް ވެސް އަޅުގަނޑުމެން ރިޖެކްޓް ކުރަމުންދާކަން އަޅުގަނޑު ތިބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" ހަލީލް ވިދާޅުވި އެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދުނީ ކޮން ގައުމަކުންތޯ އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރުމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަކަށް ނެތް ތި [ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދިފައިވާކަމުގެ] މައުލޫމާތު ލިބިފައެއް. ގައިމުވެސް އެދިފިއްޔާ، އަޅުގަނޑާ ހަމައަށް އައިސިއްޔާ ވަގުތުން ރިޖެކްޓު ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ހަނގުރާމައެއްގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދުނުކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއިރު، އެމަނިކުފާނަކީ ދިވެހި އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ އެވެ. އަދި، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅުއްވާ އެންމެ މަތީ ވެރިއަކީ ވެސް އެމަނިކުފާނެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގުމާއި ގާނޫނުއަސާސީން ލާޒިމުކުރާ އުސޫލުތަކަށް ސަލާމަތީ ހިދުމަތްތަކުން އަމަލުކުރަމުންދޭތޯ ބެލުމަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ރ)، (މ) އަދި (ޓ) ގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނާފައިވާ ކަންކަމެވެ.
ސިފައިންގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައި އޮންނަނީ ސިފައިންގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ސިފައިންގެ ގާނޫނުގެ 9 ވަނަ މާއްދާ
ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް ގައުމަކުން އެދުނުކަން، ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ހާމަކުރެއްވި ނަމަވެސް، ހަގީގަތުގައި އެއީ އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ވެސް ނޫންކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު، އަލީ ހުސެއިން ވިދާޅުވި އެވެ.
"ޑިފެންސް މިނިސްޓްރީއަށްތާ މެންޑޭޓު އޮންނާނީ ތިކަމާ ބެހޭގޮތުން ވާހަކަދެއްކުމުގެ ވެސް، މައުލޫމާތު ދިނުން ވެސް އަދި ދޭންޖެހޭ ފަރާތަކަށް ހުއްދަ ދިނުމާއި ނުދިނުމާއީ ތިޔަ މައުލޫމާތުތަކެއް ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ގެންދިޔުމާއި މި ހުރިހާ ކަމެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.
"ގައުމީ ސަލާމަތާ ގުޅުންހުރި ކަންތައްތަކުގައި އިންޓެލިޖެންސް ހުރިހާ މައުލޫމާތެއް ހުންނާނީ ޑިފެންސް މިނިސްޓްރީގައިތާ އެހެންވީމާ ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ނާރުވާ ހުރެއްޖެއްޔާ އެއީ ޑިފެންސް މިނިސްޓްރީގެ ފެއިލިއާއެއް."
ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެއްވެސް ގައުމަކުން އެދުނުކަން އެނގިވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އެއީ އަސްލު ހަގީގަތެއްކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
"ތީގައި ހީވަނީ ސިއްރުކޮށްގެންނެއް ނޫންހެން ތިއުޅެނީ، ދޮގުހެދުންހެން ހީވަނީ ތިއުޅެނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.
މުއިއްޒުގެ އަމަލުތައް މިހާރު ހުންނަގޮތުން އެމަނިިކުފާނު ދައްކަވާ އެއްވެސް ވާހަކައެއް ގަބޫލު ކުރަން ދަތި ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
ޑިއޭގޯ ގާސިއާ، ދިވެހިރާއްޖެ އަދި އިރާން ހިމެނޭ މެޕެއް
އިރާން ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް ކޮންމެވެސް ގައުމަކުން އެދުނު ކަމަށް ސަރުކާރުން ބުނެފައިވާއިރު، އިރާނަށް ހަމަލާ ދިނުމަށް ރާއްޖޭގެ ދެކުނުން އޮންނަ ޑިއޭގޯ ގާސިއާ ބޭނުން ކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ވަނީ މިދިޔަ ހުކުރު ދުވަހު އެމެރިކާއަށް ދީފަ އެވެ.
ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް ގައުމަކުން އެދުނުކަން ރައީސުލްޖުމްހޫރިއްޔާއަށް ސިއްރުކޮށްފައިވާ މައްސަލަ ފެންމަތިވެފައި ވަނިކޮށް ޑިފެންސް މިނިސްޓްރީން މިއަދު ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެކި ގައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަންއަށް އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދޭން ޖެހުނު ނަމަވެސް، އެއީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދެއް ކަމަށެވެ.
އެހެންކަމުން، ރާއްޖެއިން ވެސް އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދޭންޖެހޭ ސަރަހައްދަށް ވަންނަން އެއްވެސް ގައުމަކުން ހުއްދަ ނަގަން ނުޖެހޭނެކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. ވަނުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނީ އެ ގައުމެއްގެ ސަރަހައްދީ ކަނޑާ ގުޅިފައިވާ ވައިގެ ސަރަހައްދަށް ކަމަށް އެ ޕޯސްޓުގައި ބުންޏެވެ.
ދިވެހިރާއްޖޭގެ ބޭސް ލައިން އާއި ސަރަހައްދީ އިމުގެ އިތުރުން ފްލައިޓް އިންފޮމޭޝަން ރީޖަން އެނގޭ ފޮޓޯއެއް
ޑިފެންސް މިނިސްޓްރީގެ މި ޕޯސްޓާއެކު، ޑިއޭގޯ ގާސިއާ ބޭނުންކުރާ އެމެރިކާގެ އުޅަނދުތައް ރާއްޖެ މަތިން ދަތުރުކޮށްފައިވާ ކަމަށް ނުވަތަ ކުރަމުންދާ ކަމަށް ބެލެވެ އެވެ،
ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނުކަން ސިއްރުކުރުން؛ އެއްބައެއްގެ ނަޒަރުގައި ދޮގެއް، މައްސަލަ 241 ކޮމިޓީއަށް ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނުކަން ސިއްރުކުރުން؛ އެއްބައެއްގެ ނަޒަރުގައި ދޮގެއް، މައްސަލަ 241 ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ