ދިވެހި ހާރިޖިއްޔާގެ 2024 ވަނަ އަހަރުގެ ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ޤަވާއިދުގެ ތެރެއިން ރަނގަޅަށްކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވި ހާރިޖީ ވުޒާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓްގައި ބުނެފައިވަނީ، ހާރިޖީ ވުޒާރާގެ 31 ޑިސެމްބަރު 2024 ގައި ނިމުނު މާލީ އަހަރުގެ ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ބަޔާނުގައިވާ ލިބުނު ފައިސާ އާއި ހަރަދުތަކަކީ މައިގަނޑު ގޮތެއްގައި ދައުލަތުގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ހުރި ރެކޯޑްތަކުން ދައްކާ އަދަދުތައް ކަމަށެވެ.
މައިގަނޑު ގޮތެއްގައި ހާރިޖިއްޔާގެ އެ އަހަރުގެ ހަރަދުތައް ކޮށްފައިވަނީ، ފާސްކުރިބަޖެޓްގައި ކަނޑައަޅާފައިވާ ކަންތައްތަކަށް، ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވައިދުތަކާ އެއްގޮތަށްކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ހާރިޖީ ވުޒާރާގެ ދަށުން 20 ފޮރިން އޮފީސް ހިނގަމުންދެއެވެ. މި އޮޑިޓްގައި ހާރިޖިއްޔާގެ ހަރަދުތަކުގެ އިތުރުން، ތައިލެންޑްގެ ބެންކޮކް ގައި ހުންނަ އެމްބަސީ، ސްވިޒަރލެންޑްގެ ޖެނީވާގައި ހުންނަ ރާއްޖެއިން އދ އަށާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަން، ޖިއްދާ، އެމެރިކާގެ ނިއުޔޯކްގައި ހުންނަ މިޝަން އަދި ވޮޝިންޓަން ޑިސީގައި ހުންނަ އެމްބަސީގެ ބަޖެޓުން ކޮށްފައިވާ ހަރަދުތަކާއި އެހެނިހެން މާލީ ކަންކަން ވަނީ ބަލާފައެވެ.
ހާރިޖިއްޔާއަށް 2024 ވަނަ އަހަރު 437.3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއިރު، 88.6 މިލިއަން ރުފިޔާ ބާކީވިއެވެ.
ހާރިޖިއްޔާގެ 2024 ވަނަ އަހަރުގެ ހަރަދުތައް ކޮށްފައިހުރީ ރަނގަޅަށް: އޮޑިޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ