ޓެކްސީ ލައިނަށް ފުރަތަމަ 60 ކާރު ގެނެސްފި، ހިދުމަތް ފެށުން އަންނަ މަހުގެ 2 ގައި

ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތް ފެށުމަށް ފުރަތަމަ ޝިޕްމަންޓުގައި 60 ކާރު ރާއްޖެ ގެނެސްފިއެވެ.
މާލެ ޓެކްސީ ލައިންގެ ހިދުމަތަށް ފުރަތަމަ ޝިޕްމަންޓުގެ ދަށުން އިއްޔެ ރާއްޖެ ގެނެސްފައިވަނީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ އެސް05 މޮޑެލްގެ 60 ކާރެވެ.
އެ ހިދުމަތްދިނުމަށް ހަމަޖެހިފައިވާ އެމްޓީސީސީން މައުލޫމާތުދޭގޮތުގައި ދެވަނަ ޝިފްމަންޓުގެ ގޮތުގައި ޖުމުލަ 90 ކާރެއް ގެނައުމަށް ހަމަޖެހިފައިވާ އިރު، އެ ކާރުތައް ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ޝިޕްމަންޓުގައި ހިމެނެނީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ލުމިން އަދި އެސް05 މޮޑެލްގެ 90 ކާރެވެ. އެ ހުރިހާ ކާރަކީ ވެސް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްތަކެއް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
އެމްޓީސީސީން މިއަދު ބުނީ ޖުމުލަ 150 ކާރާއެކު ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށާއި ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް ހާއްސަކޮށް އުފައްދާފައިވާ އެޕެއް މެދުވެރިކޮށް ކަމަށެވެ.
ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި އެޕްލިކޭޝަން ބޭނުންކުރުމުގައި އަދި އެހެނިހެން ހާލަތްތަކުގައި ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ހޮޓްލައިން ނަންބަރު 1655 ވެސް ވަނީ ތައާރަފުކޮށްފައެވެ.
އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތްދިނުމަށްޓަކައި ޓެކްސީ ޑްރައިވަރުން ހުންނާނީ ޔުނީފޯމުގައި ކަމަށާއި އެ ޑްރައިވަރުން ވާނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނު ދެވިފައި ކަމަށެވެ. އެ ހިދުމަތް ދިނުމުގައި ޕާޓްޓައިމް އަދި ފުލްޓައިމް ޑްރައިވަރުން މަސައްކަތްކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޓެކްސީ ލައިން ހިދުމަތް ފޯރުކޮށްދެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކާ އެއްގޮތަށް ކަމަށް އެމްޓީސީސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ