މިއަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން މިނާގައި ދިވެހިން ތިބޭ ފޭލިގެތައް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުގެ އިސްވެރިން ވަނީ މިނާގައި ދިވެހިން ތިބޭ ސަރަޙައްދާއި މިހާރު ވަމުންދާ ތައްޔާރީތައް ބައްލަވާލައްވާފައެވެ.
ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލްއުސްތާޛް އަލީ ޝަރީފް ވިދާޅުވީ އަހަރުން އަހަރަށް ދިވެހި ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އިންތިޒާމްތައް ތަފާތުވެފައި ރަނގަޅުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޙައްޖުގެ މަޝާއިރުތަކުގެ ތެރެއިން އެންމެ ގިނަ ދުވަސް ހޭދަކުރަންޖެހޭ ތަނަކީ މިނާއެވެ. އެހެންކަމުން މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާނެ ޙައްޖުވެރިން މިނާގައި ތިބޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިނާގެ ފޭލިގެތަކުގައި ތިބޭއިރު އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހެނީ ފާޚަނާގެ ކަންކަމުގައެވެ.
ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލްއުސްތާޛް އަލީ ޝަރީފް ވިދާޅުވީމިނާގެ ފޭލިގެތައް މިހާރު ތައްޔާރު ކުރުމުން ދާއިރު ދިވެހިންނަށް ކެއުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ބަދިގެއެއް ތައްޔާރުކުރަމުންދާކަމަށެވެ. އަދި މިނާގައި ދިވެހިންނަށް ޚާއްސަކޮށްގެން މިދިޔައަހަރަށްވުރެ ފާޚާނާ ބަރިތައް އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އާންމު ގޮތެއްގައި މިނާގެ ފޭލިގެތަކުގައި 1000 ހާޖީންނަށް ލިބެނީ 6 ފާޚާނާކަން ފާހަގަކުރައްވާ އަލީ ޝަރީފް ވިދާޅުވީ މިފަހހަރު ދިވެހިން ޙާއްޖީންނަށް ޚާއްސަކޮށްގެން 60އެއްހާ ފާޚާނާ ޤާއިމްކުރާނެކަމަށެވެ. އަދި އެއީ އަންހެނުންނާއި ފިރިހެނުންނަށް ވަކިވަކިން ތައްޔާރުކުރާ ތަންތަންކަމަށް އޭނާ ވިދާޅުވިއެވެ. ފާޚަނާގެ އިތުރުން ވުޟޫކުރުމަށް ޚާއްސަ ތަންތަންވެސް ހުނާނެކަމަށް އޭނާ ވިދާޅުވިއެވެ.
" އެންމެ ބޮޑު ތަކުލީފަކަށްވެފައި އޮންނަނީ ފާޚާނާއި ކެއުން ބުއިމުގެ ކަންތައްތައް. މިކަންތައްތައް ރަނގަޅު ކުރުމަށްމި މަސައްކަތް ކުރަނީ. ޓެންޓުތަކުގައި ޚާއްސަ އޭސީތައް ހަރުކޮށްފައި ހުންނާނެ. ބޭރުގައި މަޑުކޮށްލުމަށްޓަކައި ގޮނޑިތައް ނުވަތަ ބެންޗްތައް ބަހައްޓާނެ. ފިނި ބުއިންތައް އަބަދުވެސް ލިބޭނެ."ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލްއުސްތާޛް އަލީ ޝަރީފް ވިދާޅުވިއެވެ.
މިނާ އަދި އަރަފާތުގައި ދިވެހި ހައްޖާޖީންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް ރަވާފް މިނާއާއެކު މިދިޔަ އަހަރުގެ ނޮވްމެބަރު މަހު ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ހައްޖާޖީންނަށް، މިނާ އަދި އަރަފާތުގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދިން އަހަރެވެ.
ޙައްޖު މަހުގެ 8 ވަނަ ދުވަހު މިނާގައި މަޑު ކުރުމަށްފަހު އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާން ޖެހެނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަސްވެސް ހޭދަކުރަނީ މިނާގައެވެ. މިނާއަކީ މުސްލިމުންނަށް ވަރަށް ބޮޑު ތާރީޚެއް އޮތް ތަނެކެވެ.
އެހެންކަމުން މިނާގައި އެތައް މިލިޔަން ބަޔަކު ތިބޭއިރު އެއީ ފަސޭހަ ކަމެއްވެސް ނޫނެވެ. ދިވެހި ޙައްޖާޖީންވެސް މިހާތަނަށް މިނާގެ ޓެންޓު ނުވަތަ ފޭލިގެތަކުގައި ތިބެނީ އެހެން ބައެއް ޤައުމުތަކުގެ ޙާޖީންނާއެކުއެވެ. ޙާޖީން ބޭނުންކުރާ ފާޚާނާތަކަކީވެސް އެހެން ޤައުމުތަކުގެ މީހުންވެސް ބޭނުންކުރާ ފާޚާނާތަކެކެވެ. އަދި މިނާގައި ތިބޭ ދުވަސްތަކުގައި ކެމުގެ އިންތިޒާމުތަކަކީވެސް އުނދަގޫ އިންތިޒާމުތަކެކެވެ. ދިވެހި ކެއުންތައް ޙާޖީންނަށް ދިނުން އޮންނަނީ ދަތިކަމަކަށްވެފައެވެ. ނަމަވެސް މިދިޔަ ޙައްޖުގައި ދިވެހި ސަރުކާރުން ސަޢޫދި ޢަރަބިއްޔާގެ ސަރުކާރާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ ދިވެހި ޙާޖީންނަށް މިނާގައި ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވުމެވެ. މީގެ ކުރިން ދެމުން ދިޔަ "ސީ ކެޓަގަރީ"ގެ ޚިދުމަތުގެ ބަދަލުގައި މިދިޔަ އަހަރު ދިވެހި ޙާޖީންނަށް ޚިދުމަތް ލިބުނީ "ބީ ކެޓަގަރީ"ންނެވެ. މިއީ ދިވެހި ޙާޖީން މިނާގައި ހޭދަކުރާ ވަގުތުތަކަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނައިރު ސަޢުދީ އެއަލައިންނާ އެކު ރާއްޖެއިން ހައްޖަށްދާ މީހުންގެ %50 މީހުން ގެންދަން އެއްބަސްވުން އެކުލަވާލާފައެވެ. އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ސަޢުދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްވެސް އެކުލަވާލާފައެވެ. މީގެ އިތުރުން ރާއްޖެއިން ވަނީ ހައްޖާ ގުޅުން ހުރި ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާ ނިންމާފައެވެ. ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މެއި މަހުގެ 26 ވަނަ ދުވަހެވެ.
މިނާގައި ދިވެހިން ތިބޭ ފޭލިގެތައް ތައްޔާރުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ