ޓީބީ އަވަހަށް ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ: ރައީސް

ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން، ދިވެހިރާއްޖެ ޓީބީ ބަލި މަދު ގައުމެއްގެ ގޮތުގައި ދެމިއޮތްކަމީ ފަހުރުވެރިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޓީބީއަކީ މައިކްރޯބެކްޓީރިއަމް ޓިއުބަކިއުލޯސިސް ކިޔާ ޖަރާސީމަކުން ފުއްޕާމެއަށް ޖެހޭ، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މިއީ ކެއްސާ، ކިނބިހިއަޅާއިރު ވައިގެ ތެރެއަށް ބޭރުވާ ޒަރީއާއިން، ގިނައިރު ގައިގޯޅިވެ އުޅުމުން ފެތުރޭ ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ދިގުލައިގެންދާ ކެއްސުން، މޭގައި ރިއްސުން، އަދި ބައެއް ފަހަރު ކެއްސާއިރު ލޭ އައުން ހިމެނެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ޓީބީއަކީ ރައްކާތެރިވެވޭ އަދި ފަރުވާކުރެވޭ ބައްޔެއް ނަމަވެސް، މުޅި ދުނިޔޭގައި އަދިވެސް އެތައް މިލިއަން ބަޔަކަށް މި ބަލީގެ އަސަރުކުރަމުންދާ ކަމަށެވެ. އެހެންކަމުން، ބަލި އަވަހަށް ދެނެގަތުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި، އަވަސް ޓެސްޓުތަކާއި ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުމުގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނަށް ބޭނުންވާ އަޅާލުން ކަށަވަރުކުރުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބަލި މުޖުތަމައުން ނައްތާލުމަށް ޓަކައި ހަރުދަނާ ސިއްހީ ނިޒާމެއްގެ އިތުރުން އާންމުންގެ ބައިވެރިވުން މުހިންމުކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި ޓީބީ ނެތް މުސްތަގުބަލަކާ ދިމާއަށް ދަތުރުކުރުމަށްޓަކައި، ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާއި އާންމު ރައްޔިތުން ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ