ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓަށް އަހާ އާ ކަމެއް އެބައޮތެވެ. އެއީ މިހާރު ދޫކޮށްފައިވާ ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމާއި ހިއްސާ ބައިކުރަން ފެނޭތޯ އެވެ.
އެއާ އެކު ބައެއް މީހުން އުފައްދާ ސުވާލަކީ އެގޮތަށް ބަދަލުކޮށްފި ނަމަ ދެން ވާނީ ކިހިނެއް ހެއްޔޭ އެވެ. ބޯނަސް ހިއްސާއާ އެކު އިތުރު ފައިސާ ލިބޭނެ ބާވަ އެވެ؟ ނުވަތަ ހިއްސާދާރުން ކުރި އިންވެސްޓްމަންޓު ތިން ގުނަ އިތުރުވަނީ ބާވަ އެވެ؟
ބުނީ ކީކޭ؟ - ބީއެމްއެލްގެ ހިއްސާދާރުންގެ މެދުގައި އުފެދިފައިވާ މިފަދަ ސުވާލުތަކަށް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ ޕީއެސްއެމް އިން ރޭ ގެނެސްދިން 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ޖަވާބުދެއްވާފަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ބޯނަސް ހިއްސާ ދޫކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ބީއެމްއެލްގެ ހިއްސާ ގިނަ މީހުންނަށް ގަނެވޭނެ މަގުފަހިކޮށްދިނުމެވެ.
"މިހާރު ބޭންކުގެ ހިއްސާއެއްގެ ބުކް ވެލިއުއަކީ ގާތްގަނޑަކަށް 3،000ރ.އަށްވުރެ މަތީ އަދަދެއް. އެކަމަކު މާކެޓުގައި މި އުޅެނީ އެންމެ މައްޗަށް ވެސް ގާތްގަނޑަކަށް 1،000ރ.ގައި،" ޝަރީފް ވިދާޅުވި އެވެ.
"އެހެން ދިމާވާ ސަބަބަކީ އެހާ ބޮޑު އަގެއްގައި ހިއްސާ ގަނެވޭނެ މީހުން މަދުވަނީ. އެހެންވީމަ މިހެން ހެދުމުން، [ބޯނަސް ހިއްސާ ދޫ ކުރުމުން]، ދެން ވެގެންދާނެ ގޮތަކީ ހިއްސާގެ ބުކް ވެލިއު ބަދަލުވާނެ 1،000ރ.އަށް، މާކެޓުގައި މި ހުންނަ އަގާ ގާތްގަނޑަކަށް އެއްވަރަކަށް."
1. ބޯނަސް ހިއްސާ ދޫކުރުން
މިހާރު ހިއްސާދާރުންގެ އަތުގައި އޮތް ކޮންމެ ހިއްސާއަކަށް، ހިއްސާގެ މޫނުމަތީ އަގުގައި އިތުރު ދެ ހިއްސާ ދިނުން
އެއާ އެކު ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ޖުމްލަ އަދަދު އިތުރުވާނެ
ބޯނަސް ހިއްސާ ދޫކުރުމުން ބޭންކުން ދޫކޮށްފައިވާ ހިއްސާގެ ރައުސްމާލު ތިން ގުނައަށް އިތުރުވާނެ؛ މިކަމަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ބޭންކުގެ ބަހާފައިނުވާ ފައިދާ ހިއްސާގެ ރައުސްމާލަށް ބަދަލުކޮށްގެން
މީގެ މާނައަކީ ހިއްސާދާރުން ބީއެމްއެލްގެ ހިއްސާ ގަތުމަށް ކޮށްފައިވާ އިންވެސްޓްމަންޓު ތިން ގުނަ އިތުރުވުމެއް ނޫނެވެ. އޭގެ ބަދަލުގައި ބޭންކުން ކުރާ ކަމަކީ، މިހާތަނަށް ބަހާފައިނުވާ ފައިދާ ނުވަތަ ބޭންކުގެ ފައިދާއިން ފަހަށް ރައްކާކޮށްފައިވާ ބައިން ވަކި މިންވަރެއް ހިއްސާގެ ރައުސްމާލަށް ބަދަލުކުރަނީ އެވެ.
2. ހިއްސާ ބައިކުރުން
ހިއްސާގެ ޖުމްލަ އަދަދު އިތުރުކުރުމަށް ފަހު ހިއްސާ ބައިކުރާނެ؛ މާނައަކީ ކޮންމެ ހިއްސާއަކަށް ޖެހޭ އަގު ދަށްކުރުން
މިކަން ކުރަން ބީއެމްއެލްއިން ހުށަހަޅާ ގޮތަކީ 1:10 ރޭޝިއޯ؛ މާނައަކީ ބޯނަސް ހިއްސާއާ އެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބައިކުރުން އަދި ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50ރ.އިން 5ރ.އަށް ކުޑަކުރުން
ހިއްސާ ބައިކުރުމަކުން ވެސް ހިއްސާދާރުންގެ އިންވެސްޓްމަންޓުގެ ޖުމްލަ އަގަށް ބަދަލެއް ނާންނާނެ އެވެ. އެއާ ހިލާފަށް އަންނާނެ ބަދަލަކީ ބޭންކުން ދޫކޮށްފައިވާ ޖުމްލަ ހިއްސާގެ އަދަދު އިތުރުވުމެވެ. ނަމަވެސް އެއާ އެކު ކޮންމެ ހިއްސާއެއްގެ އަގު ކުރިއަށްވުރެ ދަށްވާނެ އެވެ.
މި ބަދަލާ އެކު ދެން ވާނެ ގޮތުގެ މިސާލެއް
މިހާރު އެއް ހިއްސާ އޮތް ހިއްސާދާރެއް ނަމަ، ބޯނަސް ހިއްސާގެ ގޮތުގައި ދެ ހިއްސާ ލިބި، ހިއްސާގެ ޖުމްލަ އަދަދު ތިނަކަށް ބަދަލުވާނެ އެވެ.
މިހާރު ހިއްސާއެއްގެ ބުކް ވެލިއުއަކީ 3،047.7ރ. އެވެ. ނަމަވެސް ބޯނަސް ހިއްސާ ދޫކުރުމުން ހިއްސާގެ ބުކް ވެލިއު އޭގެ ތިން ގުނައަށް، 1،015.9ރ.އަށް ކުޑަވާނެ އެވެ. ނަމަވެސް މި އަގާއި މިހާރު އަތުގައި އޮތް ތިން ހިއްސާއާ ގުނަކުރުމުން ބުކް ވެލިއުއަށް ވާނީ ބޯނަސް ހިއްސާ ދޫކުރުމުން ކުރިން އޮތް އަގެވެ.
ދެން އޮތް މަރުހަލާގައި 1:10ގެ ރޭޝިއޯއިން ހިއްސާ ބައިކޮށް، ކޮންމެ ހިއްސާއެއް 10 ހިއްސާއަށް ބަދަލުކުރުމުން ހިއްސާދާރުގެ އަތުގައި އޮތް ތިން ހިއްސާ ބަދަލުވާނީ 30 ހިއްސާއަށެވެ. ހަމަ އެ މޭރުމުން އަނެއްކާވެސް ހިއްސާގެ ބުކް ވެލިއު ދަށްވާާނެ އެވެ.
އެއާ އެކު ކޮންމެ ހިއްސާއެއްގެ ބުކް ވެލިއުއަކަށް ދެން ވާނީ 101.59ރ. އެވެ. ނަމަވެސް ހިއްސާގެ އަދަދާއި އާ ބުކް ވެލިއުއާ ގުނަ ކުރުމުން، ބޯނަސް ހިއްސާ ދިނުމުގެ ކުރިން އޭނާގެ އަތުގައި އޮތް އެއް ހިއްސާގެ ބުކް ވެލިއުއާ ވާނީ އެއްވަރެވެ.
ބީއެމްއެލްއިން ބުނާ ގޮތުގައި ބޯނަސް ހިއްސާ ބެހުމުގެ ކުރިންނާއި ފަހުން އަދި ހިއްސާ ބައިކުރުމަށް ފަހު ވެސް ހިއްސާދާރުންގެ އަތުގައިވާ ބޭންކުގެ މިލްކުވެރިކަމަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
ހަމައެއާ އެކު ހިއްސާދާރުންގެ އަތުގައިވާ ހިއްސާގެ ޖުމްލަ އަގު ނުވަތަ ވެލިއު ވެސް މި ބަދަލާ އެކު ދަށެއް ނުވާނެ އެވެ.
ބީއެމްއެލްއިން ހިއްސާ ބައިކުރާ މައިގަނޑު ސަބަބުތަކަކީ:
އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދަން މަގުފަހިކޮށްދިނުން؛ ހިއްސާގެ އަގު ކުޑަވުމާ އެކު އާ އިންވެސްޓަރުންނަށް ވެސް ހިއްސާ ގަންނަން ފަސޭހަވާނެ
ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރަން ހިތްވަރުދިނުން
މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގުފަހިކޮށްދިނުން
މުސްތަގްބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުން
އެނގުން މުހިންމު - ބީއެމްއެލްއިން ބޯނަސް ހިއްސާ ދޫކުރުމަށާއި ހިއްސާ ބައިކުރަން ހުށަހަޅާނީ މި މަހު 28 ވަނަ ދުވަހު ބާސެލޯ ނަސަންދުރައިގައި ބާއްވާ އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގަ އެވެ.
މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާއިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 60ރ.ގެ މަގުން، ޖުމްލަ 322.9 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. މިއީ އެ ބޭންކުގެ ތާރީހުގައި ވެސް ޑިވިޑެންޑުގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ.
ބީއެމްއެެލްއިން ބޯނަސް ހިއްސާ ދޫކުރުން: ކީއްވެ އަދި ކިހިނެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ