ބަންގްލަދޭޝަށް ފުރިހަމަ މޮޅެއް، ތަރިއަކީ އެމެރިކާއަށް އުފަން ރޯނަން
އެމެރިކާއަށް އުފަން ރޯނަން ބެންޖަމިން ސަލިވަން ކާމިޔާބުކުރި ދެ ލަނޑާއެކު 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އިން ޕާކިސްތާން 2-0 އިން ބަލިކޮށްފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި އަންގާރަ ދުވަހު ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗު ބަންގްލަދޭޝް ކާމިޔާބުކޮށްފައިވަނީ ޕާކިސްތާނާ ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބަންގްލަދޭޝް އަށް މޮޅު ކުޅުމެއް ދައްކައިދިނީ އެމެރިކާއަށް އުފަން އުމުރުން 18 އަހަރުގެ ރޯނަން ބެންޖަމިން ސަލިވަން އެވެ. ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ޕާކިސްތާނު ކޮޅަށް ލަނޑު ޖެހުމަށްފަހު ބަންގްލަދޭޝަށް ކުޅޭ އެމެރިކާ ނަސްލުގެ ރޯނަން ބެންޖަމިން ސަލިވަން-- ފޮޓޯ ސާފް މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް ދެވަނަ ހާފުގައި ބަންގްލަދޭޝް އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަޒްމުލް ހުދާ ފައިސަލް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 54 ވަނަ މިނެޓުގައި ރޯނަން ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން މޮޅު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިއީ ގާތްގަނޑަކަށް 25 ޔާޑު ދުރުން އޭނާ ފޮނުވާލި ހިތްގައިމު ހިލޭ ޖެހުމެކެވެ. ރޯނަންގެ ފުރަތަމަ ލަނޑު ޖެހުމުގެ ދެ މިނެޓު ކުރިން މުރުސެދު އަލީ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މިއީ ބަންގްލަދޭޝްގެ ކުޅުންތެރިން ގުޅިގެން އުފެއްދި ވަރަށް ރީތި ހަމަލާއަކުން ތަނަވަސްކުރި ފުރުސަތެކެވެ. މެޗުގެ 67 ވަނަ މިނެޓުގައި ޝެއިހް ސަންގްރާމް ވައަތް ފަރާތުން ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ރޯނަން ވަނީ ބަންގްލަދޭޝްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއާއެކު މެޗުގެ ތިން ޕޮއިންޓް ބަންގްލަދޭޝް އަށް ވަނީ ކަށަވަރުވެފައެވެ. ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ޕާކިސްތާނު ކޮޅަށް ލަނޑު ޖެހުމަށްފަހު ބަންގްލަދޭޝަށް ކުޅޭ އެމެރިކާ ނަސްލުގެ ރޯނަން ބެންޖަމިން ސަލިވަން-- ފޮޓޯ ސާފް ރޯނަންގެ އިތުރުން އޭނާގެ އެއްމާބަނޑު ބޭބެ ޑެކްލަން ތިއޯޑޯ ސަލިވަން އަށް ވެސް ވަނީ މި މުބާރާތަށް ބަންގްލަދޭޝްގެ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ޖާގަ ދީފައެވެ. ގްރޫޕް ބީގައި ބަންގްލަދޭޝް ދެން ބައްދަލުކުރާނީ އިންޑިއާއާއެވެ. މި މެޗު އޮންނާނީ ހޮނިހިރު ދުވަހުއެވެ. މުބާރާތުގެ ގްރޫޕް އޭ ގައި ހޯމަ ދުވަހު ކުޅުނު މެޗުތަކަށް ބަލާއިރު، ނޭޕާލް އިން ވަނީ 2-1 އިން ބޫޓާން ބަލިކޮށްފައެވެ. އަދި ސްރީލަންކާ އިން ވަނީ 3-2 އިން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ދިވެހިރާއްޖެ ބަލިކޮށްފައެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ