19 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓްތައް ގާއިމުކުރަނީ

ރާއްޖޭގެ 19 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓްތައް ގާއިމުކުރުމަށް ނިންމައި އެ ރަށްރަށުގެ ނަންތައް ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ ޕަބްލިކް ވޯކްސް ޔުނިޓް ތަރައްޤީކުރުމަށް އެކަމަށް ބޭނުންވާ އިމާރާތްތާއި ތަކެތި ހޯދުމަށް ހިނގާނެ ޚަރަދުގެ ތަފްސީލްތައް ފިނޭނެސްއަށް ހުށައަޅާފައިވާކަމަށާއި، އޭގެ މަސައްކަތްތައް ޢަމަލީގޮތުން ރަށްރަށުގައި ވަރަށް އަވަހަށް ފަށާނެކަމަށެވެ.
މި އިމާރާތްތަކަކީ ރަށްރަށުގައި އާއްމު ހިދުމަތްތަކުގެ މެއިންޓަނަންސް މަސައްކަތްތަކަށް ބޭނުންވާ ހަރަދު ކުޑަކުރުމަށް ފަށާ މަސައްކަތެކެވެ. މިހާރު އޮންނަގޮތުން، ކޮންމެ މަސައްކަތެއް ކުރަން ޖެހުނަސް، އެކަމަށް ބޭނުންވާ މެޝިނަރީއާއި ޓެކްނިކަލް މީހުން ގެންދަނީ މާލެއިންނެވެ.
ޕަބްލިކް ވޯކް ޔުނިޓްތައް ހަދާ ރަށްތަކުގައި މިކަމަށް ބޭނުންވާ އިދާރީ އިމާރާތާއި އަދި ހެވީ ވެހިކަލްތަކާއި މެޝިނަރީ ބެހެއްޓުމަށް ބޭނުންވާ ބިންތައް މިހާރު ހުރިހާ ރަށެއްގައިވެސް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ 19 ރީޖަނަލް ޔުނިޓަށާއި ހަތަރު މޮބައިލް ޔުނިޓަށް ބޭނުންވާ މެޝިނަރީޒް އާއި އިކުއިޕްމަންޓް ހޯދުމަށް ނުވަ މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދުވާނެ ކަމަށެވެ.
ޕަބްލިކް ވޯކްސް ޔުނިޓުތައް ގާއިމުކުރާ ރަށްތަކަކީ ހއ. ދިއްދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ށ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަަދޫ، އދ. މާމިގިލި، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ތ. ވިލުފުށި، ލ. ގަން އަދި ގއ. ވިލިނގިލީގައެވެ.
މިނިސްޓަރު ވިދާޅުވީ މި ޔުނިޓްތަކަށް 456 މުވައްޒަފަކު ނެގުމަށް ވަނީ ނިންމައިފައެވެ. އެއީ 19 ޕަބްލިކް ވޯކްސް ޔުނިޓަށް 450 މުވައްޒަފުން، ހަތަރު މޮބައިލް ޔުނިޓަށް 60 މުވައްޒަފުންނެވެ. ފިނޭންސް މިނިސްޓްރީން މިހާތަނަށް އައިއިރު، އެޕްރޫވްކޮށްފައި ވަނީ 141 މަގާމު ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އޮފީސް އިމާރާތާއި ގަރާޖު ފަދަ ތަންތަން ހެދުމަށް ބޭނުންވާ ބަޖެޓާއެކު ފިނޭންސަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ