ބައިނަލްއަޤުވާމީ އުސޫލުތަކުން ވައިގެ ސަރަހައްދު ތަފްސީލްކޮށްދީފި

އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރާ ކަމަށް ބުނާ ވާހަކަތަކާއި ގުޅިގެން ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، މިނިސްޓްރީ އޮފް ޑިފެންސުން ދިވެހިރާއްޖޭގެ ސަރަޙައްދުގެ މައްޗަށް އޮތް ސިޔާދަތީ ޙައްޤުތަކާ ގުޅޭގޮތުން، ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މުޢާހަދާތަކަށް ރިޢާޔަތްކޮށް، ތަފްޞީލީ މައުލޫމާތުތަކެއް ހާމަކޮށްފިއެވެ.
މިނިސްޓްރީގެ ބަޔާނުގެ މައިގަނޑު އަސާސަކީ، ކަނޑުތަކާ ބެހޭ އދ. ގެ މުޢާހަދާ (ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ) އެވެ. މި މުޢާހަދާގެ ދަށުން ކަނޑުގެ ސަރަޙައްދުތައް އެކި ޒޯންތަކަށް ބަހާލެވިފައިވާއިރު، ކޮންމެ ޒޯނަކަށް ވެސް ތަފާތު ޤާނޫނީ އުޞޫލުތަކެއް ކަނޑައެޅިފައިވެއެވެ. މި މުޢާހަދާގެ ދަށުން، ދިވެހިރާއްޖޭގެ އެތެރެވަރީގެ ކަނޑުގެ ސަރަޙައްދާއި އާކިޕެލަޖިކް (ޖަޒީރާ) ކަނޑުގެ ސަރަޙައްދުގެ މައްޗަށް ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ އެންމެ ބޭރުގެ ރަށްތައް ގުޅާލައިގެން ކުރަހާފައިވާ ބޭސްލައިންތަކުގެ އެތެރޭގައިވާ ފަޅުތަކާއި ކަނޑުގެ ސަރަޙައްދުތައް ހިމެނެއެވެ. ހުއްދަ ލިބިގެން މެނުވީ ބޭރުގެ އުޅަނދުފަހަރަށް މި ސަރަޙައްދުތަކަށް ވަނުމުގެ އޮޓޮމެޓިކް ޙައްޤެއް ނޯވެއެވެ.
ބޭސްލައިންތަކުން ފެށިގެން ބޭރަށް 12 ނޯޓިކަލް މޭލާ ހަމައަށް ދެމިގެންދާ ރާއްޖޭގެ ސަރަޙައްދީ ކަނޑަކީ ވެސް ފުރިހަމަ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދެކެވެ. މީގެ މާނައަކީ، ހަމައެކަނި ކަނޑުގެ ސަރަޙައްދެއް ނޫން ކަމަށާއި، އެ ސަރަޙައްދުގެ ކަނޑުގެ އަޑިއާއި ވައިގެ ސަރަޙައްދުގެ މައްޗަށް ވެސް ދިވެހިރާއްޖޭގެ ބާރު ހިނގާނެ ކަމެވެ. ނަމަވެސް، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން، ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި، ސަލާމަތާއި، ނުވަތަ ޤާނޫނުތަކަށް ނުރައްކާ ނުވާނެ ފަދަ ގޮތަކަށް "އިންނޮސެންޓް ޕެސޭޖް" ނުވަތަ ގެއްލުމެއް ނުދީ ހުރަސްކުރުމުގެ ފުރުޞަތު ބޭރުގެ އުޅަނދުފަހަރަށް މި ޒޯނުގައި އޮވެއެވެ.
މީގެ އިތުރުން، 24 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ކޮންޓިގުއަސް ޒޯންގައި، ކަސްޓަމްސް، އިމިގްރޭޝަން އަދި ސަލާމަތީ ކަންކަމާ ގުޅޭ ޤާނޫނުތައް ތަންފީޛުކުރުމުގެ ބާރު ދިވެހިރާއްޖެއަށް ލިބިގެންވެއެވެ. އަދި 200 ނޯޓިކަލް މޭލާ ހަމައަށް ދެމިގެންދާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ގައި، މަސްވެރިކަމާއި، ތެލާއި، ގޭސް ފަދަ ގުދުރަތީ ވަސީލަތްތައް ހޯދުމާއި، ބޭނުންކުރުމާއި، ރައްކާތެރިކުރުމާއި އަދި ބެލެހެއްޓުމުގެ ޚާއްޞަ ޙައްޤު ދިވެހިރާއްޖެއަށް ލިބިގެންވެއެވެ. އީ.އީ.ޒެޑްގައި ރާއްޖެއަށް އިޤްތިޞާދީ ޙައްޤުތައް ލިބިގެންވީ ނަމަވެސް، އެ ސަރަޙައްދުގައި ފުރިހަމަ ސިޔާދަތީ ބާރު ނޯންނާނެ ކަމެވެ. އެހެން ޤައުމުތަކަށް އެ ސަރަޙައްދުން ދަތުރުފަތުރުކުރުމާއި މަތިންދާބޯޓު އުދުއްސުމުގެ މިނިވަންކަން އޮވެއެވެ.
މި އުޞޫލުތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގެ ދަށުން ރާއްޖޭގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނާފައިވާ ކަންކަމެވެ. އަދި ސަރަޙައްދީ ކަނޑުގެ މަތީގައިވާ ވައިގެ ސަރަޙައްދާއި، ކަނޑުގެ އަޑިއާއި ބިމުގެ ފަށަލައަށް ވެސް ސިޔާދަތީ ބާރު ހިނގާނެކަން މި މުއާހަދާގައި ސަރީޙަކޮށް ބަޔާންކޮށްފައިވެއެވެ.
އޭވިއޭޝަނާ ގުޅޭގޮތުން މިނިސްޓްރީން ވަނީ ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ މުޢާހަދާ (ޗިކާގޯ ކޮންވެންޝަން) އަށް ރިޢާޔަތްކޮށްފައެވެ. މިއީ ދުނިޔޭގެ ވައިގެ ސަރަޙައްދުތަކާ ގުޅޭ އުޞޫލުތައް ކަނޑައަޅާ މުޢާހަދާއެވެ. މި މުއާހަދާގެ ދަށުން، ކޮންމެ ގައުމަކަށްމެ އެ ގައުމެއްގެ ސަރަހައްދީ ރަށްތަކާއި ކަނޑުގެ ސަރަހައްދުގެ މަތީގައިވާ ވައިގެ ސަރަހައްދުގެ މައްޗަށް ފުރިހަމަ އަދި މިނިވަން އިސްތިގުލާލީ ބާރު ލިބިގެންވެއެވެ. މަދަނީ ނުވަތަ އަސްކަރީ އުޅަނދެއްވިޔަސް، ދިވެހިރާއްޖޭގެ އިސްތިގުލާލީ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ދުރާލައި ހުއްދަ ހޯދަންޖެހެއެވެ.
މި ބަޔާނުގައި އާންމުކޮށް އޮޅުން އަރާ ކަމެއް ކަމަށްވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފް.އައި.އާރު) ގެ ދައުރާ ގުޅޭ މައުލޫމާތު ވެސް ދީފައިވެއެވެ. ރާއްޖެއާ ހަވާލުކޮށްފައިވާ އެފް.އައި.އާރުގެ ތެރޭގައި އެއަރ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ދިނުމަކީ ރާއްޖޭގެ ޒިންމާއެކެވެ. އެހެންނަމަވެސް، މި ސަރަހައްދުގެ ބޮޑު ބައެއް ހިމެނެނީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގެ ތެރޭގައެވެ. އެއީ އެއްވެސް ވަކި ގައުމެއްގެ އިސްތިގުލާލީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. މި ސަރަހައްދުތަކުން ދަތުރުކުރުމަށް ރާއްޖޭގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައި ވިޔަސް، ދަތުރުފަތުރުގެ ރައްކާތެރިކަމާއި ހަރުދަނާކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ އޭވިއޭޝަން އުސޫލުތަކަށް ތަބާވުމާއެކު، ރާއްޖޭގެ އެއަރ ޓްރެފިކް ކޮންޓްރޯލަރުންނާ ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ