އާބާދީ މަދުވުމުގެ ސަބަބުން ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލު ކުރުމަށް ބިން ދޫކުރުމުގެ މަސައްކަތާ ހަމައަށް ގޮސްފައި ވަނިކޮށް އުފެދިގެން ދިޔަ ނުތަނަވަސްކަމަކީ ސިޔާސީ ކަމެއް ކަމަށާއި އެއީ ހައްލު ކުރެވޭނެ މައްސަލައެއް ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލު ކުރުމަށް މި ސަރުކާރުން ނިންމައި އަމަލީ މަސައްކަތްތައް ކުރުމަށް ވަނީ މަސައްކަތް ފަށާފައިވާ އިރު، ހަނިމާދޫ ބަޔަކު ވަނީ އެ ރަށުގައި މިހާރު ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން ހަނިމާދޫ ކައުންސިލުން ވަނީ ބިން ދޫކުރުގެ މައްސަލައާ ގުޅިގެން ފުލުހުންނަށް މައްސަލައެއް ވެސް ހުށަހަޅާފިއެވެ.
މި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' ގެ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލު ކުރުމަކީ އެ މިނިސްޓްރީގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ މަސައްކަތެއް ނޫން ކަމަށެވެ. ނަމަވެސް އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ މިފަދަ މަސައްކަތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެ ކަމުގައި ސިޔާސީ އޮއިވަރެއް ހިނގަމުންދާ ކަމަށް ގަބޫލުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މަސައްކަތް ވަރަށް ގާތުން ބެލި މީހެއްގެ ހައިސިއްޔަތުން އާދަމް ޝަރީފް ވިދާޅުވީ، އެންމެ ފުރަތަމަ މަރުހަލާގައި ހަނިމާދޫއަށް މީހުން ބަދަލުކުރުމަށް ރައްޔިތުންނާއި ކައުންސިލާ އެކު މަޝްވަރާ ކުރި އިރު، އޭރު އެފަދަ މައްސަލަަތަކެއް ފާހަގަވެފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލު ކުރާއިރު ހަނިމާދޫ އިން ލިބެން ޖެހޭ އަސާސީ ހިދުމަތްތަކާއެކު ކުރިއެރުންތަކެއް ހުރި ކަން އޭރު ފާހަގަކުރެވުނު ކަމަށް ފާހަގަ ކުރެއްވިއެވެ. ސަރުކާރުގެ ސިޔާސަތަކީ މިހާރު ވެސް އެ ހިދުމަތްތައް ރަނގަޅުކޮށްގެން ކުރިއަށް ގެންދިއުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކަން މިހެން އޮތް އިރު މިހާރު އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އުފެދިފައިވާ ނުތަނަވަސްކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ހިނގާ ސިޔާސީ ކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އެއީ ހައްލު ނުކުރެވޭ ވަރުގެ މައްސަލައަކށް ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މި ކަމުގައި ބޭނުންވަނީ ދެ ރަށުގެ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަކަށް އެ މައްސަލަ ހައްލު ކުރުން ކަމަށާއި ކައިރި މުސްތަގްބަލެއްގައި އެ މަސައްކަތް ފެށިގެން ދިއުމުން މައްސަލަަތަކަށް ވެސް ހައްލު ލިބިގެން ދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ
2016 ވަނަ އަހަރުން ފެށިގެން އެ ރަށު މީހުން ހިޖުރަ ކުރަން ބޭނުންވެގެން މަސައްކަތްތަކެއް ފެށިއެވެ. ނަމަވެސް އެދެވޭ އެއްބާރުލުމެއް ސަރުކާރުގެ ފަރާތުން ނުލިިބި އޮއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ރަށު ރައްޔިތުން ހަނިމާދޫ އަށް ބަދަލު ކުރަން ނިންމާފައެވެ.
ޖުމްލަ 585 މީހުންގެ އާބާދިއެއް އޮތް ހިރިމަރަދޫގައި މި ވަގުތު ދިރިއުޅެމުން އަންނަނީ 229 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 52 ކުޑަކުދިންނާއި 65 އަހަރުން މަތީގެ 28 މީހުންނެވެ. ޒުވާނުންގެ ތެރެއިން މި ވަގުތު ރަށުގައި ދިރިއުޅޭ މީހުންނަށް ބަލާލާއިރު، އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން ވަރަށް މަދެވެ.
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމުގައި އުފެދިފައިވާ ނުތަނަވަސްކަމަކީ ސިޔާސީ ކަމެއް: އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ