މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހުނު ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ދުވެލީގެ ބޮޑުބައެއް ހަކަތައަށް ހޭދަވަމުންދާއިރު މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އެކަނިވެސް 10 ބިލިއަން ރުފިޔާ ހޭދަކުރި ކަމަށެވެ. އެއީ ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ 10 ޕަސެންޓެވެ.
ތޯރިގު ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ދުވާލަކު 7،965 ފީފާގެ ޑީސަލް އަންދަންޖެހޭ ކަމަށެވެ. އެއީ އަހަރަކަށް ބަލާނަމަ ގާތްގަނޑަކަށް 2.9 މިލިއަން ފީފާގެ ތެޔޮ ކަމަށާއި ރިސޯޓުތަކުން ވެސް އެހާވަރުގެ ބޮޑު އަދަދަކަށް ތެޔޮ ބޭނުންކުރާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ޖަނަރޭޓަރު ކެޕޭސިޓީގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ތޯރިގު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޮޓް، ރިސޯޓްތަކުގައި 298 މެގަވޮޓް އަދި ސިނާއީ ރަށްރަށުގައި 30 މެގަވޮޓްގެ ކެޕޭސިޓީ އެބަހުރި ކަމަށެވެ.
އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް މިހާރަށްވުރެ ބޮޑު އިސްކަމެއްދޭ ކަމަށްވެސް ތޯރިގު ވިދާޅުވި އެވެ.
އެގޮތުން 2023 ވަނަ އަހަރު ހުރި 53 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ، 2025 ވަނަ އަހަރުގެ ނިޔަލަށް 110 މެގަވޮޓަށް އިތުރުކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުން ކަމަށް ތޯރިގު ވިދާޅުވި އެވެ.
2025 ގައި ތެޔޮ ގަންނަން 10 ބިލިއަން ރުފިޔާ ހަރަދުކުރި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ