ޢަބްދުއްޝަކޫރަކީ ޤައުމު އިސްކުރެއްވި އިޚުލާޞްތެރިއެއް: ރައީސް

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމު އަދާކުރައްވާފައިވާ ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވައި، އެ ދެ މުއައްސަސާގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައިކަމަށެވެ.
ރައީސް ވިދާޅުވީ ޢަބްދުއްޝަކޫރަކީ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ދިފާޢުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް، އަދި ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއްކަމަށެވެ. އަދި މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚުލާޞްތެރިއެއްކަމަށެވެ.
ހިތާމައިގެ މި ވަގުތު، ޢާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތަޢުޒިޔާ ދަންނަވާކަމަށާއި އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުއްޝަކޫރު ޢަބްދުﷲ ލެހެއްޓެވުން އެދި ހެޔޮ ދުޢާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ މަރްޙޫމް ޢަބުދުއްޝަކޫރުގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.
ޢަބްދުއްޝަކޫރުވަނީ 30 ޑިސެންބަރު 1965 ން ފެށިގެން 31 އޮގަސްޓު 2004ގެ ނިޔަލަށް، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގައި އަދި 1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތަށް ބަދަލުވެވަޑައިގަތުމަށްފަހު، އިޚުލާޞްތެރިކަމާ އެކު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އެގޮތުން ސިފައިންގެ ތަފާތު ރޭންކުތަކުގައި ޚިދުމަތްވަނީ ކުރައްވާފައެވެ. ފުރަތަމަ އަދާކުރެއްވީ، ސިފައިންގެ މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ 4 ނަންބަރު ސަރުދާރު ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރ ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ. އެންއެސްއެސްގައި އެންމެފަހުން ހުންނެވީ، ލެފްޓިނަންޓް ކާނަލް ކަމުގެ ރޭންކުގައި، ސިފައިންގެ ސްޓާފް ބޯޑުގެ މެންބަރެއްގެ ގޮތުގައެވެ. ޢަބްދުއްޝަކޫރު ޢަބްދުﷲ ސިފައިންގޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި ވަނީ ތަޙުޤީޤީ އިދާރާގައެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަކީ، އެންއެސްއެސްގެ ޚިދުމަތުގައި އުޅުއްވަމުން، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ކޮމިޝަނަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
1 ސެޕްޓެންބަރު 2004 ގައި، މޯލްޑިވްސް ޕޮލިސް ސަރވިސް އުފެއްދެވުމާ ގުޅިގެން، ޢަބްދުއްޝަކޫރު ޢަބްދުﷲ ހަމަޖެއްސެވީ، ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކަށެވެ. 5 އޮގަސްޓު 2008 ން ފެށިގެން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ހުންނެވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޢަބްދުއްޝަކޫރު ޢަބްދުﷲ ޚިދުމަތް ކުރެއްވިއިރު، ފުލުހުންގެ ޕްރޮމޯޝަން ބޯޑުގެ ޗެއަރމަން ކަމާއި، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް ކަމާއި، ޑިސިޕްލިނަރީ ބޯޑުގެ ވައިސް ޗެއަރމަންކަންވެސް ކުރެއްވިއެވެ.
ޢަބްދުއްޝަކޫރު ޢަބްދުﷲ، ސިފައިންގެއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 8 ކުލައާއި، 8 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ޢަބްދުއްޝަކޫރު ޢަބްދުﷲ ދައުލަތަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި 2024 ވަނަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ރައީސުލްޖުމްހޫރިއްޔާވަނީ އަރުއްވާފައެވެ.
ޢަބްދުއްޝަކޫރު ޢަބްދުﷲ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު، 4 މާރިޗު 2009ގައި ރިޓަޔަރ ކުރެއްވިއިރު، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ. އޭގެތެރެއިން ސިފައިންގެ ޚިދުމަތުގައި 39 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ