ދުނިޔޭގެ ޓީބީ ދުވަސް: "ރާއްޖެއަކީ ޓީބީ މަދު، ފަރުވާ ހަރުދަނާ ގައުމެއް"

ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން، ދިވެހިރާއްޖެ ޓީބީ ބަލި މަދު ގައުމެއްގެ ގޮތުގައި ދެމިއޮތްކަމީ ފަޚުރުވެރިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ޓީބީއަކީ ރައްކާތެރިވެވޭ އަދި ފަރުވާކުރެވޭ ބައްޔެއް ނަމަވެސް، މުޅި ދުނިޔޭގައި އަދިވެސް އެތައް މިލިއަން ބަޔަކަށް މި ބަލީގެ އަސަރުކުރަމުންދާ ކަމަށެވެ. އެހެންކަމުން، ބަލި އަވަހަށް ދެނެގަތުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި، އަވަސް ޓެސްޓުތަކާއި ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުމުގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނަށް ބޭނުންވާ އަޅާލުން ކަށަވަރުކުރުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. https://x.com/MMuizzu/status/2036282668120416655 ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2024 ވަނަ އަހަރު ރާއްޖެއިން ރިޕޯޓުކޮށްފައިވަނީ ޓީބީގެ 148 ކޭހެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އަމާޒާ އެއްގޮތަށް، 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒު ހިފާފައިވާއިރު، ސިއްހީ އިދާރާތަކުން ބުނާގޮތުގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށުން މިހާރު ވަނީ މި ބަލި މުޅިން ނައްތާލެވިފައެވެ. މި ބަލި މުޖުތަމައުން ނައްތާލުމަށް ޓަކައި ހަރުދަނާ ސިއްހީ ނިޒާމެއްގެ އިތުރުން އާންމުންގެ ބައިވެރިވުން މުހިންމުކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި ޓީބީ ނެތް މުސްތަގުބަލަކާ ދިމާއަށް ދަތުރުކުރުމަށްvޓަކައި، ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާއި އާންމު ރައްޔިތުން ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. ޓީބީއަކީ މައިކްރޯބެކްޓީރިއަމް ޓިއުބަކިއުލޯސިސް ކިޔާ ޖަރާސީމަކުން ފުއްޕާމެއަށް ޖެހޭ، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މިއީ ކެއްސާ، ކިނބިހިއަޅާއިރު ވައިގެ ތެރެއަށް ބޭރުވާ ޒަރީއާއިން، ގިނައިރު ގައިގޯޅިވެ އުޅުމުން ފެތުރޭ ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ދިގުލައިގެންދާ ކެއްސުން، މޭގައި ރިއްސުން، އަދި ބައެއް ފަހަރު ކެއްސާއިރު ލޭ އައުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ