މާލޭގައި އެންމެ ފުރަތަމަ ހެދި ފްލެޓް އިމާރާތްތައް ކަމަށްވާ ސިނަމާލެ އާއި މާލެހިޔާ އަހަރުދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ވަރަށް ބޮޑަށް ވީރާނާވެފައިވާ، އެތަންތަން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ކައުންސިލުން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސިނަމާލެ 3 އަދި 4 އާއި މާލެ ހިޔާ 1 އަދި 2ގެ ލިފްޓުތައް ސާވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ވެސް އެ ދުވަހު އިއުލާންކުރި އެވެ.
ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ހުޅުވާލި އެ ފުރުސަތުގައި ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ އަންނަ މަހުގެ 5ގަ އެވެ.
ތަފްސީލް - ކައުންސިލުން ވަނީ މި އިއުލާންތައް އިއްޔެ ބާތިލުކޮށްފަ އެވެ. އިއުލާންތައް ބާތިލުކުރި ސަބަބެއް ނުބުނެ އެވެ.
މި އިއުލާންތައް ބާތިލުކުރިއިރު، ފްލެޓުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަަސައްކަތާ ގުޅޭ ޓެންޑާ ލިޔެކިޔުންތައް ތައްޔާރުކުރުމަށްޓަކާ އެ ތަންތަނުގެ ތަފްސީލީ އެސެސްމެންޓެއް ހެދުމަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ކޮންސްޓްރަކްޝަން މިނިސްޓްރީން އިން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން:
ސިނަމާލެ އަދި މާލެހިޔާ އިމާރާތްތަކުގެ ހާލަތު ދެނެގަތުމަށް އެ ތަންތަނުގެ ތަފްސީލީ ސްޓްރަކްޗްރަލް، އާކިޓެކްޗަރަލް، މެކޭނިކަލް އަދި އިލެކްޓްރިކަލް އިވެލުއޭޝަނެއް ހަދަން ބޭނުންވޭ
އިމާރާތްތައް ހަލާކުވުމުގެ ސަބަބުން ތަނުގައި ދިރިއުޅޭ މީހުންނަށް ހުތި ނުރައްކާތައް ދެނެގަންނަން ބޭނުންވޭ
އިމާރާތްތަކުގެ ތަފްސީލީ އެސެސްމެންޓެއް ހަދާ، އެ ތަންތަން މަރާމާތުކޮށް މެއިންޓެނެންސް މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު އެ މަސައްކަތް ކުރާ ފަރާތުން ސަރުކާރަށް ފޯރުކޮށްދޭން ޖެެހޭނެ
މާލެހިޔާ އަދި ސިނަމާލެ އިމާރާތްތަކުގެ މެއިންޓެނެންސް އަދި މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދަން ރައްކާތެރި ޓެކްނިކަލް ގައިޑްލައިންތަކާއި އިންޖިނިއަރިން ސްޕެސިފިކޭޝަންސް އަދި ކުރެހުންތަކާއި ރިޕެއާ މެތޮޑަލަޖީތައް ފޯރުކޮށްދޭންޖެހޭނެ
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދީފައިވަނީ މި މަހުގެެ 31 ވަނަ ދުވަހުގެ މެންދުރުފަހު 1ގެ ކުރިންނެވެ.
އެނގުން މުހިންމު - ސިނަމާލެ އާއި މާލެހިޔާ ފްލެޓްތައް ތަޅާލައި އެތަނުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ހިންގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މާލޭ މޭޔަރު ކަމުގައި ހުންނެވިއިރު އެ މަޝްރޫއު ހިންގަން ފާސް ވެސް ކުރި އެވެ. އެ މަނިކުފާނުގެ އޭރުގެ ވިސްނެވުމަކީ މިހާރު އެތަނުން ފްލެޓް މިލްކުކޮށްފައިވާ މީހުންނަށް އާ މަޝްރޫއުން ހިލޭ ފްލެޓް ދީ، އިތުރު ބަޔަކަށް ވެސް ފްލެޓް ދިނުމެވެ.
އެކަމަކު އެ އިމާރާތްތައް ބާވެ، ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ޝަކުވާއާ އެކު މިދިޔަ ޑިސެމްބަރުގައި ރައީސް މުއިއްޒު ގަލޮޅު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ގިނަ ކަންބޮޑުވުންތަކެއް އެތަނުގައި ދިރިއުޅޭ މީހުން ފާޅުކުރި އެވެ.
އެއަށް ފަހު ރައީސް މިހާރު ނިންމަވާފައިވަނީ:
ފްލެޓްތަކުގެ ހާލަތާއި ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެންނާއި ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެ، ހައްލެއް ހޯއްދައިނުދެވި ގިނަ ދުވަސްވެފައި ވާތީ، މި ފްލެޓްތަކުގެ މީހުންނަށް އިނާޔަތެއްގެ ގޮތުގައި 1 ލައްކަ ރުފިޔާ ދިނުމަށް
އެ ތަންތަން މަރާމާތުކުރުމަށް އެސެސްމެންޓެއް ހަދަން
ސިނަމާލެ އާއި މާލެހިޔާ ފްލެޓުތައް މަރާމާތުކުރާނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ