ކަރެކްޝަންސްއާއި ކަސްޓަމްސްގެ މުސާރަ މިމަހުން ފަށައިގެން އެއްހަމަކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް މުވައްޒަފުންގެ މުސާރަ، މި މަހުގެ އެއްވަނަ ދުވަހުން ފަށައިގެން (ޕޭ ހާމަނައިޒޭޝަން) އެއްހަމަކޮށްފިއެވެ. ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވި ގޮތުގައި ކަރެކްޝަންސް އަދި ކަސްޓަމްސް މުވައްޒަފުންގެ މުސާރަ، ނޭޝަނަލް ޕޭ ފްރޭމްވޯކްގެ ދަށުން ދަށުން އެއްހަމަކޮށްފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފަށައިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ކުރިން ވެސް ނިންމައި، ދައުލަތުގެ ބަޖެޓުގައި ވެސް ހިމަނާފައި އޮތް ކަމެކެވެ. އަދި އެ ނިންމުމާ އެއްގޮތަށް ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މުސާރަ ވެސް މިއަހަރުތެރޭ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ. މި ބަދަލު ގެނައިރު، ކަރެކްޝަންސް މުވައްޒަފުންގެ މުސާރަ ކުޑަ ކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ. އަދި އެ މުއައްސަސާގެ މުސާރައަށް ބަދަލު ގެނެސްފައި މިވަނީ، 11 ވަރަކަށް އަހަރު ފަހުންނެވެ. ހަމައެއާއެކު ކަސްޓަމްސް މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ކަސްޓަމްސްގެ ބަޖެޓުގެ ކަންކަން ބަލަހައްޓަވާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުالله އަލީ ވިދާޅުވީ އެ ޚިދުމަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލެއް ނާންނަތާ 13 އަހަރު ވެއްޖެ ކަމަށެވެ. ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނީ، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުގެ ސަޤާފަތެއް އާލާކުރުމަށް ކަމަށެވެ. މީގެ އިތުރަށް މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބޭގޮތަށް، މަސައްކަތުގެ ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހި ކުރުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޕޭ ހާމަނައިޒްވީ ނަމަވެސް މުސާރަތައް ކުޑަކަމުގެ ޝަކުވާ އެކި ދާއިރާތަކުގެ މުވައްޒަފުން ގެންދަނީ ކުރަމުންނެވެ. އޭގެ ތެރޭ ޖުޑީޝަރީގެ މުވައްޒަފުން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ