ނައީމާ މަރަން ހުރިހާ ކަމެއް އިންތިޒާމު ކުރިކަމުގެ ތުހުމަތުކުރެވޭ ފަވާޒް ބަންދުން ދޫކޮށްލައިފި

ނ. މަނަދޫގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލުމަށް ރާވައި، އެކަމުގެ ހުރިހާ އިންތިޒާމުތަކެއްކޮށް އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުކުރެވޭ ހަސަން ފަވާޒް ސިއްހީ ހާލަތަށް ބަލައި ޝަރުތުކޮށް މިއަދު ޖަލު ބަންދުން ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ހަސަން ފަވާޒް، 21، އަކީ ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ އޭނާ މަރާލާނެ ގޮތް ރާވައި އެފަދަ މީހުން "ގަތުލު ކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫން" ކަމަށް ބުނެ، ނައީމާ މަރާލަން އެ ގެއަށް ވަތް ކަމަށް ތުހުމަތު ކުރެވޭ، އެ މައްސަލާގައި ދައުވާ އުފުލާފައިވާ އަބްދުލްވާހިދު ރިފާސް އާއި އަހްޒަމް އަބްދުއްޝަކޫރަށް ވިސްނައިދީ، އެކަމުގެ ހުރިހާ ކަމެއް އިންތިޒާމު ކުރި ކަމަށް ފުލުުހުން ތުހުމަތުކުރާ މީހާ އެވެ.
ފުލުހުން އޭނާ ފުރަަތަމަ ހައްޔަރުކުރީ ނައީމާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމަށް އޭނާގެ ކާރު ބޭނުން ކުރި ކަމުގެ ތުހުމަތުގަ މާލޭގައި ހުއްޓަ އެވެ. އޭނާ މާލެ އައީ ނައީމާ މަރާލުމަށް ފަހު، ހެކި ނައްތާލުމަށް ވެސް އެހީތެރިވެދީ، ނައީމާ މަރުވެފައި އޮއްވާ ފެނުނު ފަހުންނެވެ. އަދި އެ އަމަލު ހިންގި ދެ މީހުންނަށް، ހަދިޔާއެއްގެ ގޮތުގައި ފަވާޒު މަސްތުވާތަކެތި ފޯރުކޮށްދިން ކަމަށް ވެސް ތުހުމަތުކުރެ އެވެ.
މި މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން ފަވާޒު ހުރީ ޝަރީއަތް ނިމެންދެން  ޖަލު ބަންދުގަ އެވެ. 
ތަފްސީލް - ޕީޖީ އޮފީހުން މިއަދު ބުނީ، ފަވާޒުގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާ ކަމަށް ކަރެކްޝަންސްއިން މި މަހުގެ 9ގައި އެ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ފަވާޒު ބަންދުން ދޫކޮށްލައިދިނުމަށް ކްރިމިނަލް ކޯޓުގައި ޕީޖީ އޮފީހުން އެދުނީ، އޭނާގެ ބަލިހާލަތާ ގުޅިގެން ޑޮކްޓަރުން ދީފައިވާ ލަފަ އާއި ބަލީގެ ހައްސާސް ކަމަށް ބަލައި، ގާނޫނުއަސާސީން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ކަމަށް އެ އޮފީހުން ބުންޏެެވެ.
ބަންދުން ދޫކޮށްލާ ޝަރުތުތަކަށް ފަވާޒު އެއްބަސްވެފައިވާތީ، ޝަރުތުތަކާ އެކު ކޯޓުން މިއަދު ވަނީ އޭނާ ބަންދުން ދޫކޮށްލާފަ އެވެ. 
އެގޮތުން، ޝަރުތުކޮށްފައިވަނީ:
ބަންދުން ދޫކޮށްލާފައި ހުންނައިރު ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން
ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުން
ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 6 އިން ހެނދުނު 8އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން 
ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ހާލަތް ފިޔަވައި އެނޫން ހުރިހާ ހާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8 އާ 12އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން 
މާލެއިން ބޭރަށް ނުދިއުން
މައްސަލާގައި ހެކިބަސްދޭނެ ކަމަށް ގަބޫލުކުރެވޭ އެއްވެސް މީހަކާ މުއާމަލާތު ނުކުރުމާއި ބައްދަލު ނުކުރުމާއި ހެކިންނަށް ނުފޫޒު ނުފޯރުވުން
ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު ޕީޖީ އޮފީހަށާއި ކްރިމިނަލް ކޯޓާ ހިއްސާކުރަމުންދިއުން
ޕީޖީ އޮފީހުން ބުނީ، ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަރެކްޝަނާއި ފުލުހުން ކަށަވަރުކުރަމުން ގެންދާނެ ކަމަށެވެ. އަދި އެއިން އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް އެ ތަނުން ބުންޏެވެ.
އެނގުން މުހިންމު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ފަވާޒަކީ ތެލެސީމިއާ މޭޖާ އެކެވެ. ޖަލުގައި ބަހައްޓައިގެން އޭނާއަށް އެކަށީގެންވާ ފަރުވާދިނުމަށް އުނދަގޫވާކަން ޕީޖީ އޮފީހަށް ކަރެކްޝަނުން އެންގީ، ލޭ ހޯދުމަށާއި ލޭ އެޅުމަށް އަދި ގަވާއިދުން ނަގަންޖެހޭ އިތުރު ފަރުވާތައް ހޯދަން އުނދަގޫވާތީ އެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ދަށްވަމުންދާތީ އެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުން
މި ދައުވާ ހުށަހަޅަމުން ދައުލަތުން ބުނީ، ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ އޭނާ މަރާލާނެ ގޮތް ރާވައި، އެފަދަ މީހުން "ގަތުލު ކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫން" ކަމަށް ބުނެ، ނައީމާ މަރާލަން އެ ގެއަށް ވަތް ކަމަށް ތުހުމަތު ކުރެވޭ، އެ މައްސަލާގައި ދައުވާ އުފުލާފައިވާ އަބްދުލްވާހިދު ރިފާސް އާއި އަހްޒަމް އަބްދުއްޝަކޫރަށް ވިސްނައިދިނީ ފަވާޒް ކަމަށެވެ.
އެއަށް ފަހު:
އެ އަމަލު ހިންގާނެ ދުވަސް ކަނޑައަޅައި އެކަމަށް ބޭނުންވާ ތަކެތި ހޯދައިދީ، ފަވާޒުގެ ކާރުގައި އެ މީހުން އެ ގެއަށް ގެންގޮސް އެކަން ކޮށް ނިމެންދެން ފާރައަށް މަޑުކޮށްފައިވޭ 
ނައީމާ މާރާލުމުން ހެކި ނައްތާލުމަށް އެހީތެރިވެދީފައިވަނީ ވެސް ފަވާޒު 
އެކަމުގެ އުޖޫރައެއްގެ ގޮތުން ރިފާސް އާއި އަހްޒަމަށް މަސްތުވާތަކެތި ފޯރުކޮށްދީފައިވޭ
މި ކުށް ސާބިތުވެއްޖެ ނަަމަ އަންނާނެ އަދަބަކީ މަރަށް މަރު ހިފުމެވެ. ނުވަތަ މަރުގެ ދިޔަ ދިނުމެވެ. އާއިލާއިން މަރަށް މަރު، ނުވަތަ މަރުގެ ދިޔަ ބޭނުން ނުވާ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.
އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުން
މި ދައުވާ ފަވާޒުގެ މައްޗަށް ކޮށްފައިވަނީ ނައީމާ މަރާލުމަށް ފަހު، އެކަމަށް ބޭނުންކުރި ވަޅި އާއި އަންނައުނު ފަދަ ތަކެތި ފޮރުވައި، ނައްތާލުމަށް މަނަދޫގެ ދުރު ހިސާބަކަށް ރިފާސް އާއި އަހްޒަމް ގެންގޮސް ހެކި ނައްތާލުމަށް އެހީތެރިވެދީފައިވާ ކަމުގެ ތުހުމަތުގަ އެވެ.
ދައުލަތުން ބުނީ އެ މައްސަލާގައި ރިފާސް ހައްޔަރުކުރުމާ އެކު، ފަވާޒް ގެންގުޅެމުން އައި ފޯން ނައްތާލައި އާ ފޯނެއް ގަނެ ހެކި ނައްތާލަން ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.
މި ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު އަދަބެކެވެ. 
މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން
މި ދައުވާ އުފުލަމުން ދައުލަތުން ބުނެފައި ވަނީ ނައީމާ މަރާލުމަށް އެ ގެއަށް ވަތް ރިފާސް އާއި އަހްޒަމަށް ނައީމާ މަރާލަންވީ ގޮތާއި އެއަށް ފަހު ކަންކުރަންވީ ގޮތުގެ އިރާޝާދު ފޯނުން ގުޅައިގެން އެ ގޭގެ ބޭރުގައި ހުރެގެން ފަވާޒް ދީފައިވާ ކަމަށެވެ. އަދި އެއަށް ފަހު މީހަކަށް ނުފެންނާނެހެން ކޮޓަރި ތަޅުލައި ލެޔާ އެކު ނައީމާގެ ހަށިގަނޑު ކުނިވާން ދޫކޮށްލާފައިވުމުގެ ސަބަބުން، ނައީމާގެ ހަށިގަނޑު ހޯދުމަށް 40 ގަޑިއިރު ހޭދަވެފައިވާ ކަމަށް ދައުލަތުން ބުންޏެވެ. 
މި ކުށް ސާބިތުވެއްޖެ ނަަމަ އަންނާނެ އަދަބުގެ އަސާސީ މިންގަނޑަކީ ދެ މަހާއި 12 ދުވަހުގެ ޖަލު އަދަބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ