ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙުގެ ބިލާއި، އަދި އެ ބިލާއި މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓާއި ގުޅޭ ހުރިހާ ކަމެއްގައި ސަރުކާރުން މިހާތަނަށް ޢަމަލުކޮށްފައިވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެއެވެ.
އޭޖީއިން މިހެން ވިދާޅުވީ އަންނަމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި ޤާނޫނުން ތަސައްވުރުކުރާ އިޖުރާއަތާއި ގުޅޭގޮތުން ޢާންމު ރައްޔިތުންނަށް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުންދާތީ، އެކަން ސާފުކޮށްދެއްވުމުގެ ގޮތުންނެވެ.
ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، ދެ މަޤުޞަދެއް ޙާޞިލްކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެކެވެ. އެގޮތުން، އެންމެ ފުރަތަމަ މަޤުޞަދަކީ، ރިޔާސީ އިންތިޚާބާއި އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމެވެ. ދެވަނަ މަޤްޞަދަކީ، ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެންބަރު ގައި ފެށޭގޮތަށް، މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު 5 އަހަރު ދުވަހަށް ވުރެ ކުރުކުރުމެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ގެންނަ ބައެއް އިޞްލާޙުތަކަކީ، ރައްޔިތުންގެ ބަހެއް ނެތި، ތަސްދީޤުކޮށް ޢަމަލުކުރަން ފެށޭނެ އިޞްލާޙުތަކެއް ނޫންކަމަށެވެ.
އެގޮތުން، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ބިލެއް ޤާނޫނަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީޤުކުރުމުން ކަމަށާއި، އެ މާއްދާގައި ބަޔާންކުރާ ވަކި މާއްދާތަކެއް އިޞްލާޙުކުރާނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރަންވާނީ، ރައްޔިތުންގެ ވޯޓަކުން އެކަމަށް ރުހުން ލިބުމުންކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން މި ބަދަލު ގެންނައުމަށް ނުފެންނަ ކަމަށް ރައްޔިތުން ވޯޓި ދީފި ނަމަ، ޤާނޫނު ތަސްދީޤު ނުކުރާނެކަން ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރައްވައެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަށް ހުށައަޅުއްވާފައިވާ ސުވާލަކީ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ޤާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމާއި، އަދި އެކަމާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީން މިކަމާއި ގުޅިގެން ތަސައްވުރުކުރާ ޝަރުޠު ފުރިހަމަވާގޮތަށްކަމަށްވެސް އޭޖީގެ ބަޔާނުގައިވެއެވެ. އެހެންކަމުން ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް ޢަމަލުކޮށްފައިވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ވިދާޅުވިއެވެ.
"ރިފަރެންޑަމް ވޯޓުގެ ކަންކަން ކުރިއަށްދަނީ ޤާނޫނާއި އެއްގޮތަށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ