ޚިޔާނާތުގެ ތުހުމަތުގައި އައިލެންޑް އޭވިއޭޝަނުން ކަނޑާލި މުވައްޒަފަކަށް، ބަދަލާ އެކު ވަޒީފާ ދޭން ޖެހިއްޖެ
ކޮވިޑު 19ގެ ދުވަސްވަރު ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، އައިލެންޑް އޭވިއޭޝަންގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް، ބަދަލެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުސާރަ ނަގައިދީ، ވަޒީފާ އަލުން ރުޖޫއަކޮށްދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހުކުމްކޮށްފިއެވެ. މިއީ، 1993 ވަނަ އަހަރުން ފެށިގެން އައިލެންޑް އޭވިއޭޝަންގައި ވަޒީފާ އަދާކުރި އެ ކުންފުނީގެ ސީނިއާ އެކައުންޓްސް ކޯޑިނޭޓަރެއް ވަޒީފާއިން ވަކިކުރި މައްސަލައެކެވެ. އޭނާ ވަޒީފާއިން ވަކިކުރީ 2024 ވަނަ އަހަރެވެ. އެކަމަކު، ތަހުގީގު ބޭނުމަށް ކަމަށް ބުނެ، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އޭނާ ހުރީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ ވިޔަފާރި ސޭލްސްގެ ގޮތުގައި ލިބިފައިވާ ފައިސާއަށް އިހުމާލުވެ، ފައިސާ ބޭނުންކުރި ކަމުގެ ތުހުމަތުގައެވެ. އަދި، އައިލެންޑް އޭވިއޭޝަންގެ ސޭލްސް އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އެހެން ކުންފުންޏަކާ ގުޅިގެން، އައިލެންޑް އޭވިއޭޝަންގެ ފައިސާ އެ ކުންފުންޏަށް ދެމުންދާ ކަމަށް ވެސް އެ މުވައްޒަފަށް ތުހުމަތުކޮށްފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގައިވާ ގޮތުން، އައިލެންޑް އޭވިއޭޝަންގެ އިންޓާނަލް އޮޑިޓަށް ވަނީ އެ މުވައްޒަފު ތިން ލައްކައަށްވުރެ ގިނަ ރުފިޔާއާއި ތިން ހާހެއްހާ ޑޮލަރަށް އިހުމާލުވެފައިވާކަން ފާހަގަކުރެވިފައެވެ. އަދި، އެ ފައިސާ އެ މުވައްޒަފު އަތުން ހޯދުމަށް އައިލެންޑް އޭވިއޭޝަނުންވަނީ އެ މުވައްޒަފަށް އަންގާފައި ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ހަތަރު އަހަރެއްހާ ދުވަހުގެ ސަސްޕެންޝަނަށް ފަހު މުވައްޒަފު ވަޒީފާއިން ވަކިކުރުމުން އޭނާ މައްސަލަ ޝަރީއަތަށް ހުށަހެޅުމުން، މި މާރިޗު މަހުގެ ފުރަތަމަ ހަފުތާގައި ނިންމާފައިވާ މި މައްސަލައިގައި ކަނޑައަޅާފައިވަނީ އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ އަދުލުވެރިކަމާއި މައުލޫއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށެވެ. އެހެންވެ، އެ މުވައްޒަފު ވަޒީފާއިން ވަކިކުރުން ގާނޫނާ ޚިލާފު ކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަނީ މާރިޗު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ މުވައްޒަފުގެ ވަޒީފާ ރުޖޫއަކޮށްދޭން އަންގާފައެވެ. އަދި، އެ މުވައްޒަފުގެ އަތުން ނެގުމަށް އައިލެންޑް އޭވިއޭޝަނުން އަންގާފައިވާ 382،331 ރުފިޔާ 15 ލާރިއަކީ މުވައްޒަފު ދޭން ޖެހޭ ލާރިއެއް ނޫން ކަމަށް ކަނޑައަޅާފައެވެ. މީގެ އިތުރުން، އެ މުވައްޒަފުގެ މުސާރައިގެ ގޮތުގައި ލިބުނު އަދަދުން، އެއް އަހަރަށްވާ މުސާރަ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށްވަނީ އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ