ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 ކަނދުފަތި އަޅައިފި

ރާއްޖޭގައި ދެބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި ސްޕޯޓްސް ފިޝިންގއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. އެގޮތުން، ދޮށީގެ ކަނދުފައްޗަކީ ދޮށީގެ ނުވަތަ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފަތިތަކެކެވެ. އަދި ވަދު ކަނދުފައްޗަކީ ފަރުމަސްވެރިކަމާއި މުނިފޫހިފިލުވުމަށްޓަކައި ކުރެވޭ މަސްވެރިކަމަށް ޚާއްޞަ ކަނދުފަތިތަކެކެވެ.
މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މީގެކުރިން ވިދާޅުވެފައިވަނީ، އެހެން އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރަށް މި ސަރުކާރުން މިހާތަނަށް ކަނދުފަތި އަޅާފައިވާކަމަށެވެ. އެގޮތުން، މި ސަރުކާރުން މިހާތަނަށް 90 ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ. އެއީ، 42 ދޮށީ ކަނދުފައްޗާއި 48 ވަދު ކަނދުފައްޗެވެ.
ކަނދުފައްޗަށް ބޮޑު ޑިމާންޑެއް އޮތްކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވާއިރު، ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގައި ހުރި ސެންޓަރެވެ. މަސްވެރިކަމާބެހޭ ވުޒާރާއިން ފާހަގަކުރާގޮތުގައި މިއީ، ކަނދުފަތިތައް ޤާއިމްކުރުމަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިކަމަށް ހައްލު ގެނައުމުގެގޮތުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އެޅުމަށް ދެ ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ. އެގޮތުން، ށ. ފުނަދޫގައި އަޅާ ކަނދުފަތި ސެންޓަރުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ