ކޮޓަރި އަނދާ އަޅިއަށް، 7 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއްގެ ކޮޓަރިއެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވެހިކަން ދީފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިރޭ ބުނެފިއެވެ. އެންޑީއެމްއޭއިން ބުނީ، އަލިފާން ހިފާފައިވަނީ ހުޅުމާލެ ލޮޓް 11395 ގައި ކަމަށެވެ. އަދި، އެ ހާދިސާގައި އެ ގޭގެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެ އޮތޯރިޓީން މިއަދު ހަވީރު ވަނީ ބުނެފައެވެ. މިރޭ އެ އޮތޯރިޓީން ހިއްސާކޮށްފައިވާ އެންމެ ފަހުގެ އަޕްޑޭޓުގައި ވަނީ ލިބުނު ގެއްލުމުގެ ސަބަބުން އެ ގޭގެ އެއް ކޮޓަރި އެއްކޮށް އަނދާފައިވާ ކަމަށެވެ. އަދި، ގޭގެ ދެން ހުރި ކޮޓަރިއާއި ސިޓިން ރޫމަށް ވެސް ކަޅު ދުމާއި އަލިފާނުގެ އަސަރު ކޮންމެ ވެސް ވަރަކަށް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. https://x.com/NDMAmv/status/2033943360088777145 އެހެންވެ، އެ އޮތޯރިޓީގެ ފަރާތުން އެ ގޭގައި ދިރިއުޅުނު ހަތް މީހަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. ދާދި ފަހުން ވަނީ ހުޅުމާލޭ ހިޔާ ޓަވަރެއްގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި އެ ޓަވަރުގެ 38 އެޕާޓުމަންޓެއްގެ ނަރުދަމާއާއި ފެން ހޮޅިއަށް ވަނީ ގެއްލުން ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ