ނައީމާ މަރާލަން ރާވައި އަގުދިން ކަމަށް ދައުލަތުން ބުނާ ފަވާޒް ޕީޖީން އެދިގެން ގޭބަންދަށް ބަދަލުކޮށްފި ނައީމާ މަރާލަން ރާވައި އަގުދިން ކަމަށް ދައުލަތުން ބުނާ ފަވާޒް ޕީޖީން އެދިގެން ގޭބަންދަށް ބަދަލުކޮށްފި

ނ. މަނަދޫ، އަންނާރުމާގޭ، ނައީމާ މޫސާ މަރާލުމަށް ރޭވުމުގެ ފަހަތުގައި އެންމެ އިސްކޮށް ހުރެ އެ ކަމަށް އަގު ދިން ކަމަށް ބުނެ ދައުލަަތުން ދައުވާކުރާ ހަސަން ފަވާޒް، ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގ ގާނޫނަށް ރިއާޔަތްކޮށް ފަވާޒް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާ ގޭ ބަންދަށް ބަދަލުކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެންނެވެ.
ގޭ ބަންދަށް ބަދަލުކުރިއިރު، ފަވާޒްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވެ އެވެ.
ޕީޖީ އޮފީހުން ބުނީ ފަވާޒް ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދުނީ އޭނާގެ ބަލި ހާލަތާ ގުޅިގެން ޑޮކްޓަރު ދީފައިވާ ލަފާ އާއި ބަލީގެ ހައްސާސްކަމަށް ރިއާޔަތްކޮށް ގާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރި ކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ނަމަވެސް، އޭނާ ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް ކޯޓުގައި އެދުނީ ފަވާޒްއަށް ޝަރުތުތަކެއް ކުރުމަށްފަހު ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އެގޮތުން:
ޕީޖީ އޮފީހުން ބުނީ އެ ހުރިހާ ޝަރުތަކަށް ވެސް ފަވާޒް އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން، އެ އޮފީހުން އެދުނު ގޮތަށް މިއަދުގެ ވަގުތެއްގައި ފަވާޒް ގޭ ބަންދަށް ކްރިިމިނަލް ކޯޓުން ބަދަލު ކޮށްދީފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ގޭ ބަންދުގައި ހުންނަ މުއްދަތުގައި، ފަވާޒްއަށް ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލު ކުރަމުން ދޭތޯ ފުލުހުންނާއި ކަރެކްޝަންސްއިން ބަލަމުންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި، އެ ގޭ ބަންދުގައި ހުންނަ މުއްދަތުގައި އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ، ވަގުތުން ޖަލު ބަންދަށް ބަދަލު ކޮށްދިނުމަށް ކޯޓުގައި އެދޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ނައީމާ މޫސާ، 62، މަރާލާފައި އޮއްވާ ފެނުނީ އޭޕްރިލް 7، 2023 ގެ ރޭގަނޑު އިރާކޮޅު އޭނާ ދިރިއުޅޭ ގެ، އަންނާރުމާގެއިންނެވެ. ނައީމާ ފެނުނުއިރު، އޭނާގެ ހަށިގަނޑުގެ އެތައް މިތަނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްފައި ހުއްޓެވެ. އޭނާގެ ހަށިގަނޑު އޮތް ކޮޓަރި ވެސް އޮތީ ލެއިން ތަތްތެޅިފަ އެވެ.
އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ފަވާޒުގެ އިތުރުން އަހުޒަމް އަބްދުލްޝަކޫރާއި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރެވި، ގިނަ ދުވަސްތަކެއް ފާއިތުވެފައި ވަނިކޮށް، އަހުޒަމް ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ބަންދުގައި ގޮޅީގައި ހުއްޓައި، އޭނާ މަރުގެ މައްސަލައިގައި ތަހުގީގަށް އެއްބަސްވެ މައުލޫމާތު ދީފައިވެ އެވެ. ފަވާޒާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.
މީގެ ކުރިން ދައުލަތުން ކޯޓުގައި ބުނެފައި ވަނީ ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ ސިހުރު ހަދާ މީހުން ގަތުލު ކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫން ކަމަށް ބުނެ އަހުޒަމާއި ރިފާސްއަށް ވިސްނައިދީ އިރުޝާދު ދެމުން ދިޔައީ ފަވާޒު ކަމަށެވެ.
އަދި، އޭޕްރީލް 6، 2023 ގެ ދަންވަރު އަހުޒާމާއި ރިފާސް އަންނާރުމާގެ ކައިރިއަށް ކާރެއްގައި ދުއްވާފައި ގެންގޮސް ދިނީ ވެސް ފަވާޒު ކަމަށް ދައުލަތުން ބުނެފައިވެ އެެވެ. ނައީމާ މަރާލަންވީ ގޮތުގެ އިރުޝާދު ވެސް އަހުޒަމާއި ރިފާސްއަށް ބުނެދިނީ ފަވާޒު ކަމަށް ވެސް ދައުލަތުން އޭރު ބުންޏެވެ.
ނައީމާ މަރާލުމުން އެ މަސައްކަތުގެ އަގެއްގެ ގޮތުގައި އަޒުހަމާއި ރިފާސްއަށް ފަވާޒު މަސްތުވާތަކެތި ފޯރުކޮށްދިން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ނަމަވެސް، ފަވާޒް ވަނީ އެ ތިން ދައުވާއަށް ވެސް އިންކާރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ