ކުޑަހުވަދޫގައި ތެލުގެ އަގު ރެކޯޑު މިންވަރަކަށް، ޑީސަލް ލީޓަރެއް 40، ޕެޓްރޯލް 36 ރުފިޔާއަށް!
ތެލުގެ އަގަށް އައި ބަދަލާއެކު, ދ. ކުޑަހުވަދޫގައި ޕެޓްރޯލް އަދި ޑީސަލް ވިއްކާ އަގު ރެކޯޑު މިންވަރަކަށް އުފުލިއްޖެއެވެ. ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ތެޔޮ ޑެލިވަރީކޮށްދޭ އަގުތަކަށް ވަނީ އިއްޔެއިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތައް ގެނެސްފައިވަނީ ތެޔޮ އުފުލައިދޭ ދުރުމިނަށް ބަލައި އެކި ސަރަހައްދުތަކަށް އެކި ރޭޓުން ނަމަވެސް، އެވްރެޖްކޮށް ހުރިހާ ސަރަހައްދަކަށް ވެސް އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުޑަހުވަދޫގައި ޕެޓްރޯލް އަދި ޑީސަލްގެ އަގު ވެސް ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ. އެ ރަށުން 'ސަން' އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ކުރިން 18.49 ރުފިޔާއަށް ވިއްކި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 36.50 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު މިހާރު ހުރީ 40.90 ރުފިޔާއަށް އުފުލިފައި ކަމަށް އޭނާ ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެހެން ރަށްތަކާ އަޅާ ބަލާއިރު ވެސް ރެކޯޑެކެވެ. ކުޑަހުވަދުއަށް ބަލާއިރު، އެ ރަށަށް ބަނދަރުކުރާ ބައެއް ބޯޓުފަހަރުން ބައެއް ފަހަރު ތެޔޮ ވިއްކި ނަމަވެސް އާއްމުކޮށް އެ ވިޔަފާރި އެ ރަށުގައި ކުރަނީ އަމިއްލަ ފަރާތަކުން، ޕެޓްރޯލް ޝެޑެއް ވެސް ހަދައިގެންނެވެ. ތެލުގެ ވިޔަފާރީގައި ވާދަވެރިކަމެއް އެ ރަށުގައެއް ނެތެވެ. ނަމަވެސް ޕެޓްރޯލްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ތެލުގެ އަގު އުފުލުނުއިރު ދެން އެންމެ އަގުބޮޑުވި ބައެއް ރަށްތަކުގެ ތެރޭގައި ރާއްޖޭގެ އުތުރުން ހއ. ދިއްދުއާއި ބާރަށް ހިމެނެއެވެ. https://sun.mv/219327 ދިއްދޫއިން ބައެއް މީހުން ބުނި ގޮތުގައި އިއްޔެއާ ހަމައަށް ޑީސަލް ލީޓަރެއް 16 ރުފިޔާއަށް ލިބުނު ނަމަވެސް، މިއަދުން ފެށިގެން އެ އަގު ވަނީ 34.50 ރުފިޔާއަށް އުފުލިފައެވެ. އަދި 15 ރުފިޔާއަށް ލިބެންހުރި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 34.90 ރުފިޔާއަށް އުފުލިފައެވެ. ބާރަށުގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު އުޅެނީ 30 ރުފިޔާއިން މަތީގައި ކަމަށް 'ސަން' އަށް އެ ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ. އަދި އެ ރަށުގައި ތެޔޮ ވިއްކަމުން ދަނީ ވެސް ވަރަށް ބޮޑަށް ލިމިޓުކޮށްގެން ކަމަށް އޭނާ މައުލޫމާތު ދިނެވެ. އުތުރުން ހދ. ކުޅުދުއްފުށީގައި ވެސް ތެލުގެ އަގު އުޅެނީ 29 ރުފިޔާއަށް ލީޓަރެކެވެ. ނ. އަތޮޅުގައި ތެލުގެ ވިޔަފާރިކުރާ ވިޔަފާރިވެރިއެއް އިއްޔެ ބުނި ގޮތުގައި، އެ އަތޮޅާ ހަމައަށް ޑެލިވަރީކުރާ ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 27.13 ރުފިޔާއަށް ބޮޑުވެފައެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 28.32 ރުފިޔާއަށް އުފުލިފައެވެ. https://sun.mv/219261 ހަމައެއާއެކު އައްޑޫ ސިޓީގައި މިހާރު ފެޓްރޯލް ލީޓަރެއް ލިބެނީ 29.26 ރުފިޔާއަށް ކަމަށްވާއިރު، ޑީސަލް ލީޓަރެއް ވިއްކަނީ، 30.13 ރުފިޔާއަށެވެ. އެ ސިޓީގެ މީދޫގައި ޑީސަލް ލީޓަރެއް ވިއްކަނީ 31 ރުފިޔާއަށެވެ. މިއީ ވެސް އަތޮޅުތެރެއިން ތެލުގެ އަގު އެންމެ މައްޗަށް އުފުލުނު އެއް ސިޓީއެވެ. ވިޔަފާރިތަކަށް ތެޔޮ ވިއްކުމުގައި އައި ބަދަލާ ބެހޭގޮތުން އެސްޓީއޯގެ އޮފިޝަލަކު "ސަން"އަށް ބުނީ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގުތައް ހުންނަނީ އެކި ރޭޓުގައި ކަމަށެވެ. ވިޔަފާރިތަކަށް ވިއްކާ ރޭޓުތަކަށް ބަދަލު އައި ނަމަވެސް އެފްއެސްއެމްގެ ޝެޑުތަކުން ވިއްކާ އަގަށް ބަދަލެއް ނާންނަކަމަށް ވެސް ފާހަގަކުރިއެވެ. އަދި އާންމުންނަށް ޝެޑުތަކުން ވިއްކާ އަގަަށް ބަދަލެއް އަންނަ ނަމަ އެކަން ހާމަކުރާނެކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. ރާއްޖޭގައި ވެސް ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން އެކަން ހައްލުކުރުމަށް، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ސަރުކާރުން ވަނީ ނިންމާފައެވެ. ހަނގުރާމަ ކުރިއަށްދާނަމަ، ރާއްޖެއަށް ކުރާ އިގުތިސާދީ އަސަރު ވަރަށް ބޮޑުވާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެ، ތެޔޮ ރައްކާކުރުމުގެ ގޮތުން އެކި ގަޑީގައި ކަރަންޓު ކަނޑައި އެއްގަމު އުޅަނދު ދުއްވުން މަދުކުރުން ފަދަ ފިޔަވަޅުތައް އަޅަން ގޮވާލައްވައިފައެވެ. ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް ސަރުކާރުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ