އަމިއްލަ ނަފުސަށް ގެއްލުން ދިނުން ހިމެނޭ ގޮތަށް ނަފުސާނީ ދުޅަހެޔޮކަމާ ގުޅުން ހުރި ހައްސާސީ ހާދިސާތައް ޒިންމާދާރުކަމާއެކު ރިޕޯޓްކުރާނެ ގޮތުގެ ގައިޑްލައިނެއް ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ން ނެރެފި އެވެ.
ވީކިހިނެއް؟ - މި ފަހުން ހިނގައިދިޔަ މިފަދަ
ހާދިސާތައް މީޑިއާތަކުން ރިޕޯޓްކުރުމުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށް ފާހަގަވެގެން މި ގައިޑްލައިން އެމްޖޭއޭން ނެރުނީ މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެންނެވެ.
އަމިއްލަ ނަފްސަށް ގެއްލުންދޭ ވާހަކަތައް
ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ސަބަބުން ގިނަ ފަހަރަށް އިތުރު މީހުންނަށް އެފަދަ
ކަންކަމަށް ހިތްވަރު ލިބި އެފަދަ ހާދިސާތައް ތަކުރާރުވުމަށް މަގުފަހިވާ ކަމަށް އެމްޖޭއޭން ބުންޏެވެ. އެގޮތުން:
އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ އިހުސާސްތަކުން އަރައިގަންނަން ހިތްވަރު ލިބިދޭ ފަދަ ކޮންޓެންޓް މީޑިއާއިން ގެނެސްދިނުން އިތުރުކުރަން ޖެހޭ؛ އޭރުން މިފަދަ ހާދިސާތައް ހިނގުން މަދުވުމަށް އެހީވެދޭނެ
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ ފަދަ ޖަމާއަތްތަކުން ބާރުއަޅަނީ މިފަދަ ހާލަތްތަކުން އަރައިގަންނަ މީހުންގެ ވާހަކަތައް ގެނެސްދިނުމަށް އިސްކަންދިނުމަށް ނުވަތަ ނަފްސާނީ ކަންކަމުން އަރައިގަންނަން ހިތްވަރު ދޭ އަދި އެކަމުގައި އެހީތެރިކަން ހޯދާނޭ ގޮތްތައް ކިޔައިދިނުމަށް
މި ފަދަ ހާދިސާއެއް މީޑިއާގައި ރިޕޯޓްކުރަން ވާނީ އެކަމާ މެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ނަމަ އެ މިންވަރަށް އަދި މުޖުތަމައުގެ އާންމު މަސްލަހަތުގައި ކޮންމެހެން އެނގެން ޖެހޭ މައުލޫމާތަކަށް އެކަންވާ ނަމަ އެ ހާލަތުގައި އެކަނި
ތަފްސީލް - މިފަދަ ހާދިސާތައް ރިޕޯޓްކުރުމުގައި ނުކުރަންވީ ކަންކަމާއި ކުރަންވީ ކަންކަން އެމްޖޭއޭން ނެރުނު ގައިޑްލައިންގައިވެ އެވެ. އެމްޖޭއޭން ބުނީ ގައިޑްލައިންގައި ހިމެނޭ ކަންކަމަކީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށް ރިއާޔަތްކޮށް އެ މިންގަނޑު ނަމޫނާއަކަށް ބަލައިގެން ކަމަށެވެ.
ނުކުރަންވީ ކަންކަން
މީހަކު އެފަދަ ކަމެއް ކުރިގޮތް އޭނާގެ ވަނަވަރު އަދި އެއީ ކާކުކަން އެނގޭނޭ ފަދަ ތަފްސީލްތައް ނުހިމެނުން
ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ ފުޓޭޖް، އޯޑިއޯ ރެކޯޑިން ނުވަތަ ޑިޖިޓަލް ނުވަތަ ސޯޝަލް މީޑިއާގެ ލިންކުތައް ބޭނުން ނުކުރުން
· އެފަދަ ހާދިސާތަކުގެ ހަބަރުތައް ތަކުރާރުނުކުރުން އަދި ފޮލޯއަޕް ހަދާނީ ކޮންމެހެން އެކަން ކުރަން ޖެހޭ ފަދަ ހާލަތެއް އޮތް ނަމަ
ހާދިސާ ހިނގަން މެދުވެރިވި ސަބަބު މާ އާދައިގެ ކަމެއްގެ ގޮތުގައި ނުދެއްކުން ނުވަތަ ހަމައެކަނި އެއް ސަބަބަކާ ނުގުޅުވުން
ހާދިސާގެ ކުރިން ލިޔެފައިވާ ސިޓީއެއް ނުވަތަ ނޯޓެއްގެ ތަފްސީލުތައް ރިޕޯޓު ނުކުރުން
އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ އާދައިގެ ކަމެއްގެ ގޮތުގައި،ރަނގަޅު ކަމެއްގެ ގޮތުގައި ދައްކުވައިދޭ ނުވަތަ މައްސަލަތަކުގެ ހައްލެއްކަމަށް ހިތްވަރުލިބިދާނެ ފަދަ ބަސްމަގު ނުވަތަ ކޮންޓެންޓް ބޭނުން ނުކުރުން
ހާދިސާ ހިނގި ތަނުގެ ނަން ނުވަތަ ތަނާ ބެހޭ ތަފްސީލުތައް ނުހިމެނުން
މިފަދަ ހާދިސާތަކުގެ ހަބަރާއި ކޮންޓެންޓް ފްރޮންޓް ޕޭޖުގައި ނުވަތަ ހަބަރު ގަޑީގެ އެންމެ އިސް ހަބަރުގެ ގޮތުގައި ނުހެދުން
މިފަދަ ރިޕޯޓްތަކުގެ ސުރުހީތައް ގެންނައިރު ހިތްތަކަށް ބިރުވެރިކަން ވަންނަ ފަދަ ނުވަތަ ޖަޒުބާތީ (ސެންސޭޝަނަލް) ބަސްތައް ބޭނުން ނުކުރުން
ކުރަންވީ ކަންކަން
އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހާދިސާއެއް ގެނެސްދޭއިރު މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް އޭގެ އަސަރު ކޮށްފާނެކަން ގަބޫލުކުރުން
ހާދިސާގައި ހިމެނޭ މީހާގެ އާއިލާގެ މެންބަރުންނާއި ރައްޓެހިންނާ ނުވަތަ މިފަދަ ހާލަތެއްގެ ތަޖުރިބާއެއް ކޮށްފައިވާ ފަރާތްތަކާ އިންޓަވިއުކުރަން ޖެހޭ ހާލަތުގައި އެ މީހުންގެ އިހުސާސްތަކަށް އިހުތިރާމްކޮށް ހާއްސަ ސަމާލުކަމެން ދީގެން އެކަން ކުރުން
ދިރިއުޅުމުގެ ހާސްކަން ނުވަތަ އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލުތަކާ ކުރިމަތިލާނެ ގޮތާއި އެހީތެރިކަން ހޯދުމުގެ މުހިންމުކަމުގެ ވާހަކަތައް ރިޕޯޓުކުރުމަށް އިސްކަންދިނުން
އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލުތަކާއި ނަފްސާނީ ބަލިތަކަށް އެހީތެރިކަން ހޯދާނެ ތަންތަނާއި ގޮތާ ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދީ އެ ނިޒާމަށް އިތުބާރު ދަމަހައްޓަން އެހީތެރިވެދޭނޭ ކޮންޓެންޓް ގެނެސްދިނުން
މަޝްހޫރު ސަހުސިއްޔަތަކާ ގުޅޭ މިފަދަ ހާދިސާއެއް ރިޕޯޓުކުރަން ޖެހޭ ހާލަތުގައި އާންމުންގެ މަސްލަހަތު އޮތީ ކިހާ މިންވަރަކަށްކަން ދެނެގަނެ، އެފަދަ ހާދިސާއެއް ރިޕޯޓްކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުން.
އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހާދިސާތައް ރިޕޯޓްކުރާނެ ގޮތުގެ ގައިޑްލައިނެއް އެމްޖޭއޭން ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ